
ނޫސްވެރިޔާ މުހައްމަދު ޝަހުޒާން މާފުށީ ޖަލުގެ ގޮޅިއެއްގައި އެކަހެރިކޮށް، އޭނާއަށް އަނިޔާކުރި މައްސަލައާ ގުޅިގެން ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ނައިބު ރައީސް، ޑރ. މުހައްމަދު ޖަމީލް އަހުމަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވައިފިއެވެ.
ޑރ. ޖަމީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒަކީ ވަރަށް އަނިޔާވެރި، ޖައްބާރު ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވައި، އެކަލާނގެ އަނިޔާވެރިކަމުން ދިވެހި ގައުމު ސަލާމަތްކޮށްދެއްވުމަށް އެދި الله ތަޢާލާގެ ހަޟްރަތުގައި ދުޢާ ދަންނަވާފައެވެ. ނޫސްވެރިޔާއަށް ޖަލުގައި ދިން ކަމަށް ބުނާ އަނިޔާތަކާ ގުޅިގެން ޖަމީލް ވަނީ ނުރުހުން ފާޅުކުރައްވައި، ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
މީގެ އިތުރުން، ޑރ. ޖަމީލްގެ ޕޯސްޓުގައި، ރައީސް މުއިއްޒު ނިކަމެތި ކުރައްވައި، ބަލިކަށި ކުރެއްވުމަށާއި، މީނާގެ ވެރިކަން ނިންމާނެ މަގު ދައްކަވައި އެކަމުގެ ތައުފީގު ދިވެހި ރައްޔިތުންނަށް ދެއްވުމަށް އެދި ދުޢާ ކުރައްވާފައިވެއެވެ.










