
މިއަހަރުގެ ބަރަކާތްތެރި އަޟްޙާ ޢީދުގެ ހެޔޮއެދުމާއި ތަހުނިޔާ ރާއްޖޭގެ ހުރިހާ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވަމުން، ޕީއެންއެފެގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ސަރުކާރަށް ފާޑުކިޔުންތައް އަމާޒުކޮށްފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެެއްގައި ޑރ. ޖަމީލް ވިދާޅުވީ، މިއުފާވެރި މުނާސަބާގައި ޢާއިލާއާ ދުރުގައި، އެއްވެސް ޙައްޤަކާ ނުލައި ރައީސް މުޢިއްޒުގެ އަނިޔާވެރިކަމުން ޖަލުގައި ހޭދަކުރަންޖެހިފައިވާ ޒުވާން ނޫސްވެރިން މަތިން ހަނދާންކުރަންޖެހޭ ކަމަށެވެ. އަދި މާތްﷲގެ ޒާތުފުޅުގެ މައްޗަށް އެކަލާނގެ އަނިޔާވެރިކަން ޙަރާމްކުރައްވައި، މުސްލިމުންގެ މެދުގައި ވެސް އަނިޔާވެރި ޢަމަލުތައް ހިންގުން ޙަރާމްކުރައްވާފައިވާކަން ޖަމީލް ހަނދާންކޮށްދެއްވިއެވެ.
ރައީސް މުޢިއްޒަށް ނަޞޭޙަތްތެރިވަމުން ޑރ. ޖަމީލް ވަނީ ކީރިތި ރަސޫލާގެ ޙަދީޘްފުޅެއްގެ މާނަ ވެސް ކުރިއަށް ނެރުއްވާފައެވެ. އެގޮތުން އަމާނާތް އަދާނުކުރާ މީހެއްގެ އިމާންތެރިކަމެއް ނުވާކަމަށާއި، އަދި އަޙްދު ނުފުއްދާ މީހެއްގެ ދީނެއް ވެސް ނެތްކަމަށް ޙަދީޘްފުޅުގައިވާކަން ފާހަގަކުރައްވައި، ރައީސް މުޢިއްޒަށް އޮތް ނަޞޭޙަތަކީ އެއީ ކަމަށް ޖަމީލް ވިދާޅުވިއެވެ. ޖަމީލް އިތުރަށް އިލްތިމާސްކުރެއްވީ، އެހެން މީހުންނަށް ނަޞޭޙަތްތެރިވުމުގެ ކުރިން ރައީސް މުޢިއްޒު އެމަނިކުފާނުގެ އަމިއްލަ ނަފްސު އިޞްލާޙުކުރެއްވުމަށެވެ.
މީގެ އިތުރުން، މިއުފާވެރި ޢީދުގެ މުނާސަބަތުގައާއި ކުރިއަށް އޮތް ދުވަސްތަކުގައި ޤައުމަށް ހަމަޖެހުން ހޯދައިދިނުމަށް އަޒުމް ކަނޑައަޅުއްވައިގެން މަސައްކަތް ކުރެއްވި ތިން ރައީސުންނަށް ޑރ. ޖަމީލް ވަނީ ޚާއްޞަ ގޮތެއްގައި ޢީދުގެ ތަހުނިޔާ ރައްދުކުރައްވާފައެވެ.










