މާލޭ ސިޓީގެ މޭޔަރ ކަމާއި އެ ކައުންސިލްގެ ބައެއް ދާއިރާތަކަށް ކައުންސިލަރުން ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށް އިއުލާންކޮށްފިއެވެ.
އެ އިއުލާނުގައި ބުނެފައި ވަނީ އޮފިޝަލުން ހޯދަން ކުރިން ކުރި އިއުލާނާއި ގުޅިގެން އެކަށީގެންވާ ވަރަށް މީހުން ކުރިމަތިލާފައި ނުވާ ކަަމަށެވެ.
މި އިންތިހާބުގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރު، މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާ، މެދުހެންވޭރު ދާއިރާ، ހެންވޭރު ދެކުނު ދާއިރާއަށް ކައުންސިލަރަކު ހޯވުން އޮންނާނެއެވެ.
އީސީން ބުނީ އެ ބައި-އިލެކްޝަންގެ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށް ކުރިން ކުރި އިއުލާނުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ.
މިގޮތުން ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސައިފިނަމަ -/1800ރ އެ ދުވަހަށް ލިބިގެންދާއިރު. ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް ހަމަޖައްސައިފިނަމަ -/1600ރ އެ ދުވަހަށް ލިބިގެން ދާނެއެވެ.
ވޯޓުލާ މަރުކަޒެއްގެ އޮފިޝަލެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ -/1500ރ އެ ދުވަހަށް ލިބިގެންދާއިރު، ރިޒާވް އޮފިޝަލަކަށް ހަމަޖައްސައިފިނަމަ -/500ރ އެ ދުވަހަށް ލިބިގެން ދާނެއެވެ.
އީސީން ވަނީ އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާން ޝައުގުވެރިވާ ފަރާތްތަކުން އަންނަ ބުރާސްފަތި ދުވަހުގެ ހަވީރު 15:00 ކުރިން އެޕްލިކޭޝަން ހުށަހެޅުމަށް އެދިފައެވެ.