
ދިވެހިރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމެންޓް ޕީޑިއެޓްރިޝަން، ޑރ. އައިމިނަތު ފަޒްނާ އަވަހާރަވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޑރ ފަޒްނާ އަވަހާރަވެފައިވަނީ، ކެންސަރު ބަލީގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އައިޖީއެމްއެޗްގައި މިއަދުގެ ވަގުތެއްގައެވެ.
އަވަހާރަވީއިރު އުމުރުން 47 އަހަރުގެ ޑރ. ފަޒްނާއަކީ، ކުޑަކުދިންގެ ކިބައިގައި ހުންނަ އޯޓިޒަމް އާއި އޭޑީއެޗްޑީ އާއި ދަސްކުރުމުގެ ނުކުޅެދުންތެރިކަން ފަދަ ބަލިތަކަށް ހާއްސަވެވަޑައިގަތް ރާއްޖޭގެ ފުރަތަމަ ޑޮކްޓަރެވެ. ކަމާ ގުޅޭ ތިން އަހަރު ދުވަހުގެ ތަމްރީނުތައް ޑރ. ފަޒްނާ ފުރިހަމަކުރެއްވީ މެލޭޝިއާގެ ނެޝަނަލް ޔުނިވަސިޓީ އާއި އެމެރިކާގެ ޔުނިވަސިޓީ އޮފް ކެލިފޯނިއާ އިންނެވެ.
އެ ދާއިރާ އިން ހާއްސަވެވަޑައިގެން، އައިޖީއެމްއެޗުގައި މަސައްކަތްކުރައްވަން ފެއްޓެވީ 2024 ވަނަ އަހަރުއެވެ. އައިޖީއެމްއެޗްގެ އިތުރުން، ފަރުވާ ކްލިނިކް، ކުލުނު ކްލިނިކް، ސްޕެކްޓްރަމް ޗިލްރެން ޑިވެލޮޕްމަންޓް ސެންޓަރުގައި ވެސް ޑރ. ފަޒްނާ ގެންދެވީ މަސައްކަތް ކުރައްވަމުންނެވެ.
ޑރ. ފަޒްނާގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިރޭގެ އިޝާ ނަމާދަށް ފަހު އާސަހަރާ މިސްކިތުގަ އެވެ. ޑރ ފަޒްނާ އަވަހާރަވީއިރު ދެ އަންހެން ކުދިން ދުނިޔޭގައި އެބަ ތިއްބެވެ.










