
ރައީސް ޑރ މުހައްމަދު މުއިއްޒު ގާނޫނަށް ފުރިހަމައަށް ތަބާވާތަން ނުފެނުމަކީ ރައްޔިތުންނަށް ދެވޭ ގޯސް މެސެޖެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ، އޭޕްރީލް، 2025، ގައި ރައީސް މުހައްމަދު މުއިއްޒު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރަށް ހަރަދު ކުރި އަމިއްލަ ފަރާތުގެ ތަފުސީލު ނުހިމަނައި ރައީސް އޮފީހުގެ މާލީ ބަޔާން އާންމުކުރެއްވި ޚަބަރު ހިއްސާކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޑރ ޖަމީލު ވިދާޅުވީ، އެއީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެެއް ނޫން ކަމަށް. އަދި އެގޮތަށް ވަކި ބައިތަކެއް ފޮރުވުމަކީ އެކަމުގައި ގޯސްތަކެއް ހަދާފައިވާ ކަމުގެ ދަލީލެއްކަން ފާހަގަކުރައްވާ ޑރ ޖަމީލު އިތުރަށް ވިދާޅުވެފައިވަނީ، ރައީސުލްޖުމްހޫރިއްޔާއަކީ ގާނޫނުގެ ޙުކޫމަތަށް ފުރިހަމައަށް ތަބާވާ ބޭފުޅެއްކަން ރައްޔިތުންނަށް ނުފެނުމަކީ ދައުލަތުގެ އެހެން މުވައްޒަފުންނާ ރައްޔިތުންނަށް ދެވޭ ވަރަށް ގޯސް މެސެޖެއް ކަމަށެވެ.










