
އިހުތިޔާރުކުރަން އޮތީ ދެ ނުބައި ކަމުގައިވަންޏާ އޭގެ ތެރެއިން އެންމެ ކުޑަ ނުބައި އިހުތިޔާރުކުރުން ނޫން ގޮތެއް ނޯންނާނެ ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ، އެމްޑީޕީއާ އެކު ބައެއް ކަންކަމުގައި މަސައްކަތްކުރަން ރައީސް ޔާމީން ނިންމެވުމާ އެކު އަތޮޅު ެތެރޭގައި ތިއްބެވި އެމަނިކުފާނުގެ ސަޕޯޓަރުން ކުރިމަތިކުރުވަމުން ގެންދާ ސުވާލުތަކަށް ތަކުރާރުކޮށް ޖަވާބު ދެއްވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ކުރިން ވެސް ވިދާޅުވި ފަދައިން، އެމްޑީޕީއާ އެކު މަސައްކަތް ކުރަން ފެއްޓެވީ އެ ޕާޓީގެ އިސްތިރާޖީތަކަށް ތާއީދުކުރާތީ ނޫން ކަމަށާ، އެމަނިކުފާނު އުޅުއްވަނީ ގައުމުގެ ކަންކަން ހަމަ މަގަކަށް އަޅުވަން ކަމަށެވެ.
ރައްޔިތުންނަށް އެތައް ގެއްލުމެއް ލިބެމުންދާއިރު، މަޖިލިސް މެމްބަރުން ތިބީ އުއްޕުވެސް ބުނެނުލާކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، މަޖިލިސް އެމީހުންގެ ޒިންމާ އަދާނުކުރުމުން ދެން ނޫސްވެރިން ނުކުމެ ސަރުކާރު ޖަވާބުދާރީ ކުރުވަން ސުވާލުތައް ކުރަން ފެށުމުން އެ ނޫސްވެރިން ނަގާ ޖަލަށްލާ މުޅި ރައްޔިތުންގެ އަނގަ، ސަރުކާރުން ބަންދު ކުރުމުން، ސަރުކާރު ޒިންމާދާރު ކުރުވަން އޮތީ ގޯސް މަގެއް ނަމަވެސް އެމަހު ޚިޔާރުކޮށް އެއަށް ވުރެ ބޮޑު ގޯސް ހައްލުކުރަން މަޖްބޫރުވާނެ ކަމަށެވެ.
އެެހެން ކަމުން ގައުމަށާ ރައްޔިތުންނަށް އޮތް އެންމެ ރަގަޅު ގޮތަކީ ދެ ނުބައިގެ ތެރެއިން ކުޑަ ނުބައި ޚިޔާރުކުރުން ކަމަށް ފެންނާތީ އެމަގު އެމަނިކުފާނު ޚިޔާރު ކުރެއްވީ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.










