

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިން ޕޯސްޓަރުތައް ހުޅުމާލޭގައި ހަރުކުރުމަށް ވަކި ސަރަހައްދުތަކެއް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކަނޑައަޅައިފިއެވެ.
އެޗްޑީސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް ހުޅުމާލޭ ދެ ފިޔަވަހީގެ އެކި ސަރަހައްދުތަކުގައި ބެނާއާއި ކެންވަސްތައް ހަރުކުރަމުން އަންނައިރު، އާންމު ހިދުމަތްތައް ފޯރުކޮށްދިނުމަށް އަޅާފައިވާ ނެޓްވޯކުތަކަށް ގެއްލުން ނުވާނެހެން އެ މަސައްކަތް ކުރުމަށް އެދޭ ކަމަށާއި ކަނޑައެޅިފައިވާ ސަރަހައްދުތަކުގައި ޕޯސްޓަރުތައް ހަރުކުރުމަށް އެދޭކަމަށެވެ.
އަދި ހަމައެއާއެކު ޕޯސްޓަރާއި ކެންވަސްތައް ހަރުކުރުމުގެ ކުރިން އެ ކޯޕަރޭޝަނުގެ ހުއްދަ ހޯދުމަށް ވަނީ އަންގާފައެވެ.
އެ ނޫސް ބަޔާނާއެކު އެޗްޑީސީން ވަނީ ކެމްޕެއިން މެޓީރިއަލް ހަރުކުރުމަށް ހުއްދަ ދިނުމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުގެ ޗާޓެއްވެސް ހިއްސާކޮށްފައެވެ.
ޕޯސްޓަރުތަކާއި ބެނާތައް ހަރުކުރެވޭ ސަރަހައްދުގެ ގޮތުން ކަރަންޓް ކޭބަލްއާއި ފެނާއި ނަރުދަމާގެ ނިޒާމަށް ގެއްލުމެއް ލިބި، ހިދުމަތް މެދުކެނޑޭފަދަ ހާލަތެއް ދިމާވެއްޖެނަމަ ރައްޔިތުންނަށް މީގެ ސަބަބުން ގިނަ އުނދަގޫތަކާ ކުރިމަތިލާންޖެހިދާނެ ކަމަށެވެ.
އެހެންކަމުން ކެމްޕެއިން އެއްޗެހި ހަރުކުރާއިރު ސަމާލުކަން ދިނުމަށް އެ ކޯޕަރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.