
ޕާޓީއެއްގައި މެމްބަރުން ގިނަވެ ބޯ އިތުރުވުމަކީ މުހިއްމުކަމެއް ނޫން ކަން ރެފަރަންޑަމް ވޯޓުގައި ދައްކައިފި ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފދައިން ވިދާޅުވެފައިވަނީ، ޕީއެންސީގައި މެމްބަރުން ގިނަކަމުގެ ވާހަކަ ތަކުރާރުކޮށް ސަރުކާރުން ދައްކާތީ އެކަމަށް ދެއްވި ރައްދުދެއްވާ ޕީއެންއެފްގެ ޖަލްސާގައި ބުރާސްފަތި ދުވަހުގެރޭ ވާހަކަ ދައްކަވަމުންނެވެ.
ޕީއެންސީގެ އާންމު މެމްބަރުންގެ އިހުލާސްތެރިކަން ރައީސް މުއިއްޒާ އެކު ނެތްކަން ހާމަވާ އެންމެ ބޮޑު މިސާލަކީ މިދިޔަ އެޕްރީލުގައި ބޭއްވި ހިޔާލު ހޯދުމުގެ ވޯޓު ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ރައީސް ޔާމީން ވިދާޅުވީ، ސިޔާސީ ޕާޓީއެއްގައި މެމްބަރުން ގިނަކުރުމުގެ މަގުސަދަކީ ރައްޔިތުންގެ ތާއީދާ އެކު ވެރިކަމަށް އައުމާ އެކު، ކަންކަން ކޮށްދިނުމުގެ ޔަގީންކަން ދިނުން ކަމަށެވެ. ސަރުކާރުގެ ނުފޫޒާއި ވަޒީފާތަކުގެ ސަބަބުން މިހާރު ޕީއެންސީ އޮތީ ވަރަށް ބޮޑު ޕާޓީއެއްގެ ގޮތުގައި ނަމަވެސް، ރައީސް މުހައްމަދު މުއިއްޒަށް މިއަދު އަމިއްލަ ޕާޓީ ތެރޭގައިވެސް ތާއީދު ނެތް ކަމަށް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ޕާޓީގައި ތިބި މީހުންގެ އިޚުލާސްތެރިކަމެއް ރައީސް މުއިއްޒަށް ނެތްކަން ހިޔާލު ހޯދުމުގެ ވޯޓުގައި ދައްކާފައިވާ ކަމަށެވެ. ޕާޓީގެ އާންމު މެމްބަރުން އެކަނިވެސް ރައީސް މުއިއްޒާ އެކު ތިބި ނަމަ، އެ ވޯޓުގައި 30 ޕަސެންޓަށް ވުރެ ބޮޑު އެއްޗެއް ލިބުނީސް ކަމަށެވެ. އެހެންކަމުން ބޯ ގިނަވުމަކީ އެއީ އިހުލާސްތެރިވުން ނޫން ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.
ރައީސް ޔާމީން ވިދާޅުވީ ޕީއެންސީ ތެރޭގައި ވެސް އެމަނިކުފާނާ ގުޅުން އޮތް އެމަނިކުފާނު ދެކެ ލޯބިވާ އެތައް މެމްބަރުން އެބަ ތިބި ކަމަށެވެ.










