
ފިޗުން ދިވެހިރާއްޖެއަކީ ދިން ރޭޓިންއަކީ އަދި އީދެއް އައިސްގެން އުޅޭހެން ފާހަގަކޮށް ހަވާ އަރުވަން ޖެހޭވަރު ކާމިޔާބީ އެއް ނޫން ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހުގެރޭ ޕީއެންއެފުން ބޭއްވި އެ ޕާޓީގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ފިޗުން ރާއްޖޭގެ ރޭޓިންގެ އެއް ދަރަޖަ މައްޗަށް ޖެއްސުމުން އެއީ ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ޕީއެންސީ ސަރުކާރުން ފާހަގަކުރަމުންދާ ދިއުމަށް އިޝާރާތްކުރައްވާ ރައީސް ޔާމީން ވިދާޅުވީ، ސަރުކާރުން 500 މިލިއަން ޑޮލަރުގެ ސުކޫކް ދެއްކުމާ ގުޅިގެން ފިޗް ރޭޓިންގްސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން "ސީސީ" އިން "ސީސީސީ މައިނަސް"އަށް މަތިކުރުމަކީ ވަގުތީ ކަމެއް ކަމަށާއި، އެ ރޭޓިން އިން ގައުމުގެ އިގްތިސޯދީ މައިގަނޑު އަސާސްތަކަށް ހެޔޮ ބަދަލެއް އައިސްފައިވާކަން ހާމަނުވާ ކަމަށެވެ.
ފިޗުން ރާއްޖެއަށް ސީއެއް އިތުރު ކުރުމަކީ "މާ ބޮޑު އީދަކަށް" ހައްދަވައިގެން ސަރުކާރުގެ ވަޒީރުންނާއި އިގްތިސާދީ ދާއިރާގެ ބޭފުޅުން އުޅުއްވި ނަމަވެސް، އެއީ ހަގީގީ ދިރުމެއް އިގްތިސޯދަށް އައިސްގެން އުޅޭ ކަމެއް ނޫން ކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، އިގްތިސާދުގެ ފަންޑަމެންޓަލްސް، އިގްތިސާދު ބިނާވެފައިހުރި މައިގަނޑު ކަންކަމަކަށް ރަނގަޅު ބަދަލެއް އައިސްފައި ނުވާ ކަމަށެވެ.
ރާއްޖޭގެ އިގްތިސާދީ އޮތް ހާލަތު، އެންމެ އާދައިގެ މީހާއަށް ސާފުވާނެހެން ސިފަކޮށްދެއްވަމުން ރައީސް ޔާމީން ވިދާޅުވީ، ފިޗުން ދިން ރޭޓިން އެކޭ، ވެންޓިލޭޓަރުގައި އޮތް ބަލި މީހަކު، ޑޮކްޓަރުން އުންމީދު ކަނޑާލާފައި ވަނިކޮށް، ކުޑަކޮށް "ލޮލުގެ ބޮނޑި ތަޅުވާލުން"އާ އެއްފަދަ ކަމަށެވެ.
މީގެ އިތުރުން އަވަށްޓެރި ސްރީލަންކާއަށްވެސް ބޭންކްރަޕްޓްވުމުގެ ކުރިން މިފަދަ ގޮތްގޮތް ދިމާވިކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ އިގްތިސޯދު ހަގީގަތުގައި ރަނގަޅުވަމުންދާ ނަމަ، ފަތުރުވެރިކަމުގެ ދާއިރާއިން އެ ދިރުން ފެންނަން ޖެހޭނެ ކަމަށާއި، އެކަމަކު މިހާރު އެ ދާއިރާ އޮތީ ގާތްގަނޑަކަށް "މަރުވެފައި" ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ










