
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، މޮރިޝަސްގެ އަތުން ޗާގޯސް ގަތުމަށް ހުށަހަޅައި، އިނގިރޭސިވިލާތް ބައިޕާސްކޮށް ޑިއޭގޯ ގާސިއާ އަސްކަރީ މަރުކަޒުގެ ސީދާ ކޮންޓްރޯލް ހޯދުމަށް ވިސްނަމުންދާ ކަމަށް ރިޕޯޓްތައް ބުނުމާ ގުޅިގެން އިންޑިއާ ކަނޑުގެ މަސްރަޙު އަނެއްކާވެސް ހޫނުވެއްޖެއެވެ.
މި ރިޕޯޓްތައް ބުނާގޮތުގައި، ޗާގޯސްގެ އިސްތިގުލާލު އިނގިރޭސިވިލާތުގެ އަތުން ބަދަލުވެއްޖެ ނަމަ، އެމެރިކާއިން ސީދާ މޮރިޝަސްއާ އެކު މަޝްވަރާކޮށް ޗާގޯސް ގަނެވޭނެ ޕްލޭންތަކެއް އެމެރިކާގެ އޮފިޝަލުން ދަނީ އެކުލަވާލަމުންނެވެ. ޓްރަމްޕްގެ ސަރުކާރުން މިގޮތަށް ވިސްނަނީ، އެމެރިކާއިން ބޭރުގައި އޮންނަ އެންމެ މުހިންމު އެއް އަސްކަރީ ފެސިލިޓީ ކަމަށްވާ ޑިއޭގޯ ގާސިއާގެ ރައްކާތެރިކަމާއި ނުފޫޒަށް އުނިކަމެއް އަތުވެދާނެ ކަމުގެ ބިރު އޮތުމުން ކަމަށް ބުނެއެވެ.
ޗާގޯސް އާކިޕެލަގޯއަކީ ޒަމާނުއްސުރެ މިލްކުވެރިކަމުގެ ދައުވާތައް ކުރެވެމުންދާ ސަރަހައްދެކެވެ. ތާރީޚީ ގޮތުން މި ޖަޒީރާތަކަކީ ރާއްޖެއާ ގާތް ގުޅުމެއް އޮތް ތަނެއްކަން ފާހަގަކޮށް، ދިވެހި ސަރުކާރުން ތަކުރާރުކޮށް ބުނަމުންދަނީ މޮރިޝަސްއަށްވުރެ ބޮޑަށް އެ ރަށްތަކުގެ މައްޗަށް ތާރީޚީ ދައުވާ ކުރުމުގެ ޙައްޤު އޮތީ ރާއްޖެއަށް ކަމަށެވެ. މިގޮތުން ރައީސް ސޯލިޙް ވެރިކަމުގައި ދޫކޮށްލި ޗާގޯސް އަނބުރާ ހޯދުމަށް ޕްރެޝަރ ބޮޑުވެ ރައީސް މުޢިއްޒު މިއަހަރުގެ ކުރީކޮޅު ވަނީ ޗާގޯސްއަށް "އެންމެ ޝަރުޢީ ދައުވާ" ކުރެވެން އޮތީ ރާއްޖެއަށް ކަމަށް ވިދާޅުވެ، އިނގިރޭސިވިލާތުން އެ ރަށްތަކުގެ އިސްތިގުލާލު ދޫކޮށްލަން ނިންމި ނިންމުމަށް ރަސްމީކޮށް އިއުތިރާޒު ކުރައްވާފައެވެ.
އިނގިރޭސިވިލާތުން 2025 ވަނަ އަހަރު ޗާގޯސްގެ އިސްތިގުލާލު މޮރިޝަސްއާ ހަވާލުކުރަން ނިންމީ، އެމެރިކާއާ ގުޅިގެން ހިންގާ އަސްކަރީ މަރުކަޒު އެތަނުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަމާ އެކުގައެވެ. ނަމަވެސް، މި ސަރުކާރުން ވަނީ މި ނިންމުމާ ދެކޮޅަށް ރަސްމީ ސިޓީތައް ފޮނުވާފައެވެ. މި މައްސަލައިގައި ރާއްޖެއާއި މޮރިޝަސްއާ ދެމެދު ވަނީ ޚިޔާލުތަފާތުވުންތައް އުފެދިފައެވެ.
ޑިއޭގޯ ގާސިއާއަކީ މެދުއިރުމައްޗާއި، އަފްޣާނިސްތާން އަދި އިންޑޯ-ޕެސިފިކް ސަރަހައްދުގެ ސަލާމަތަށް އެމެރިކާއިން ބޭނުންކުރާ އެންމެ ސްޓްރެޓެޖިކް މަރުކަޒެވެ. ޓްރަމްޕް ވަނީ އިނގިރޭސިންގެ ނިންމުމަކީ "ސްޓްރެޓެޖިކް ގޯހެއް" ކަމަށް ސިފަކުރައްވައި، އެތަނުގެ ދިގު މުއްދަތުގެ ކޮންޓްރޯލް އެމެރިކާއަށް ސީދާ ލިބޭނެ ގޮތްތަކެއް ހޯއްދެވުމަށް އިރުޝާދު ދެއްވާފައެވެ.
މި މައްސަލައިގައި ރާއްޖެއިން ބުނަމުންދަނީ، ޖިއޮގްރަފިކަލް އަދި ތާރީޚީ ގޮތުން ޗާގޯސްއާ އެންމެ ގާތް ގުޅުމެއް އޮތީ ރާއްޖެއާ ކަމަށެވެ. އެމެރިކާއިން އެ ރަށްތައް ގަންނަން އުޅޭ ކަމުގެ ރިޕޯޓްތަކާއެކު، ޗާގޯސްގެ މުސްތަގުބަލާ މެދު އޮތް ޔަގީންކަން ކުޑަވެފައިވީ ނަމަވެސް، އެ ސަރަހައްދުގެ އަސްކަރީ ބާރުވެރިކަން ދޫކޮށްނުލުމަށް ހުޅަނގުގެ ބާރުތަކުން އޮތީ އަޒުމް ކަނޑައަޅައިގެންނެވެ.










