
2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕަށް ތައްޔާރުވަމުންދާއިރު، މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ އެމެރިކާއަށް އެތެރެވުމުގައި ކުޅުންތެރިންނާއި އޮފިޝަލުންނަށް ބޮޑެތި ހުރަސްތަކަކާ ކުރިމަތިލާންޖެހި، ބޮޑު މައްސަލައަކަށް ވެއްޖެއެވެ. ބައިނަލްއަގުވާމީ ކުޅިވަރުގެ ރޫހާ ޚިލާފަށް އެމެރިކާއިން ގެންގުޅޭ ހަރުކަށި އިމިގްރޭޝަން އުސޫލުތަކުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުން އެ ގައުމަށް ވަނީ އަމާޒުވެފައެވެ.
މިގޮތުން ފެންމަތިވެފައިވާ އެންމެ ބޮޑު އެއް ހާދިސާއަކީ އިރާގުގެ ގައުމީ ޓީމުގެ ތަރި އައިމަން ހުސެއިން ޝިކާގޯއަށް ދިއުމުން، ހަތް ގަޑިއިރަށްވުރެ ގިނަ އިރު ވަންދެން ބަންދުކޮށްގެން ސުވާލުކުރި މައްސަލައެވެ. މީގެ އިތުރުން، އިރާގު ޓީމުގެ ފޮޓޯގްރާފަރާ 10 ގަޑިއިރު ސުވާލުކުރުމަށްފަހު އެމެރިކާއަށް އެތެރެވުން މަނާކޮށް، ގައުމުން ފުރުވާލާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ސޯމާލިއާގެ ރެފްރީ އުމަރު އަރްތާނަށް ޑިޕްލޮމެޓިކް ޕާސްޕޯޓެއް އޮތް ނަމަވެސް، އެމެރިކާއަށް އެތެރެވުމުމުގައި މައްސަލަތައް ދިމާވެ ވަނީ އަނބުރާ ފޮނުވާލާފައެވެ.
އީރާނުގެ ގައުމީ ޓީމަށްވެސް ވަނީ މިފަދަ ސިޔާސީ އަދި ޑިޕްލޮމެޓިކް މައްސަލަތަކާ ކުރިމަތިލާން ޖެހިފައެވެ. އެ ޓީމުގެ މެޗުތައް އެމެރިކާގައި ކުޅޭގޮތަށް އޮތް ނަމަވެސް، ވިސާގެ ދަތިތަކާ ހުރެ ޓީމު މަޑުކުރަން ޖެހިފައިވަނީ މެކްސިކޯގައެވެ. އަދި އީރާނުގެ ސަޕޯޓް ސްޓާފުންގެ ބައެއް މެންބަރުންނަށް ވިސާ ނުލިބުމުގެ ސަބަބުން ޓީމަށް އެހީތެރިވުމުގައި ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ.
މި މައްސަލަތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ އެމެރިކާއަށް ފާޑުކިޔަމުންނެވެ. ސަޕޯޓަރުން ބުނާ ގޮތުގައި ވޯލްޑް ކަޕަކީ ގައުމުތައް އެއްބައިވަންތަކުރުވާ މުބާރާތަކަށް ވާއިރު، އެމެރިކާގެ މިފަދަ އަމަލުތަކުގެ ސަބަބުން މުބާރާތުގެ އަސްލު ރޫހު ގެއްލިގެންދެއެވެ. އަދި މެކްސިކޯއިން ޓީމުތަކަށް ކިޔާ ހޫނު މަރުހަބާއާއި ދެމުންދާ ލުއިފަސޭހަތަކާ އަޅާބަލާއިރު، އެމެރިކާގެ އަމަލުތައް ހުރީ ވަރަށް ދަށު ދަރަޖައެއްގައި ކަމަށް ގިނަ ބަޔަކު ފާހަގަކުރެއެވެ.
މިހާތަނަށް ފީފާއިން މިކަމާ ގުޅޭގޮތުން ހަރުދަނާ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. ނަމަވެސް، ދުނިޔޭގެ ފުޓްބޯޅަ އާއިލާއިން ދަނީ ސިޔާސީ ކަންކަމުން ކުޅިވަރު އެއްކިބާކޮށް، ހުރިހާ ގައުމުތަކަށް ހަމަހަމަ ފުރުސަތުތަކެއް ދިނުމަށް ފީފާއަށާއި އެމެރިކާގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލަމުންނެވެ. އިމިގްރޭޝަންގެ މިފަދަ ހަރުކަށި ނިންމުންތަކުގެ ސަބަބުން މުބާރާތުގެ ފޯރިއަށް ބުރޫއަރާފާނެތީ ގިނަ ބަޔަކު ތިބީ ކަންބޮޑުވުމެއްގެ ތެރޭގައެވެ.










