
އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދުގެ މައްސަލައަކީ ސިޔާސީ މައްސަލައެއް ނޫން ކަމަށް ސަރުކާރުން ސިފަކޮށްދިން ނަމަވެސް އެއީ ސިޔާސީ މައްސަލައެއް ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޕީއެންއެފްގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން ޖަލްސާގެ ސްޕީކާރ އަދި ޕީއެންއެފްގެ ސެނެޓަރ ނާއިފް ޝައުކަތު އޭނާގެ ވާހަކައިގައި ޝަމްއާންގެ މައްސަލައަށް އަލި އަޅުވާލުމުން ރައީސް ޔާމީން ވަނީ އެވާހަކައަށް އިޝާރާތްކުރައްވާ ވާހަކަފުޅުތަކެއް ފާހަގަކުރައްވާފައެވެ.
އެގޮތުން ރައީސް ޔާމީން ވަނީ ޝަމްއާނަށް ހުކުމް ކުރުމުގެ ކުރިން އޭނާ މީޑިޔާތަކާ ވަރަށް ގިނަ ވާހަކަ ހިއްސާކުރެއްވިއިރު އެ މައުލޫމާތުތަކުގެ ތެރޭގައި ބަންޑާރަ ނައިބާ އަދި ދާޚިލީ ވަޒީރަށް ބޮޑެތި ތުހުމަތުތަކެއް އަމާޒުކުރެއްވިކަން ފާހަގަކުރައްވާ އެވާހަކަތަކުން، ސަރުކާރު ތެރޭގައި ކޮރަޕްޝަން އޮތް މިންވަރު ހާމަވާ ކަމަށާ އެ މިންވަރުން ވަޒީރު އަލީ އިހުސާނާ އަދި ބަންޑާރަ ނައިބު އަހުމަދު އުޝާމް ދައްކަވާ ވާހަކަ ގަބޫލުކުރާނެ ބަޔަކު ނުތިބޭނެ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ ފުލުހުން މެދުވެރިކޮށް ކަމުގެ ހަގީގަތް އޮޅުވާލާ ނުފޫޒުން މައްސަލައިގެ މުޅި ފޯކަސް ސަރުކާރުން ބަދަލުކުރި ކަމަށްވެސް ތުހުމަތު ކުރައްވާފައެވެ. ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނު ކޮންމެހެން ޝަމްއާންގެ ދިފާއުގައި އެއްޗެއް ވިދާޅުވަނީ ނޫން ކަމަށާ ނަމަވެސް ޚުދު އެމަނިކުފާނަކީ ވެސް މަނީ ލޯންޑަރިންގެ ތުހުމަތުކޮށް ޖަލު ހުކުމެއް އިއްވި ބޭފުޅެއް ކަމަށެވެ. ނަމަވެސް އެފަދަ ބޮޑު ދައުވާއަކަށްވެސް އެމަނިކުފާނަށް އިއްވީ 15 އަހަރު ދުވަހުގެ ޖަލު ހުކުމެއް ކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، ޝަމްއާނަށް 25 އަހަރުގެ ދިގު ޖަލު ހުކުމެއް އިއްވުުން ޝަމްއާން ދެއްކި ވާހަކަތަކުގެ ސަބަބުން ކަމަށެވެ. އަދި އެކަމުން އެ މައްސަލައިގައި "ސިޔާސީ" އޮތް މިންވަރުވެސް އެކަމުން ހާމަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީން ވަނީ ގާނޫނުގެ ކުރި މަތީގައި އެންމެން ވެސް ހަމަހަމަ ކަން ފާހަގަކުރައްވާ ޝަމްއާން ވަނީ ފްރޭމުކޮށްފައިވާ ކަމަށްވެސް ވިދާޅުވެފައެވެ.










