
ރައީސް މުހައްމަދު މުއިއްޒު މިއަދު ސިފަވެގެން ދަނީ ތަންދޮރު ނުދަންނަ ބޭފުޅެއްގެ ގޮތުގައި ކަމަށް ކުރީގެ ނައިބު ރައީސް، ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ރައީސް އޮފީހުގެ މުޝީރު ކަމަށް ކުރީގެ ވަޒީރު އާދަމް ނަސީރު އައްޔަންކުރެވިތާ ގިނަ އިރުތަކެއް ނުވަނީސް އޭނާ އެ މަގާމުން އިސްތިއުފާ ދިނުމުން، ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޑރ ޖަމީލު ވިދާޅުވީ، އެފަދަ ކަންކަމުން ފެނިގެން ދަނީ، ރައީސް މުއިއްޒަކީ ސިޔާސަތެއް ނެތް ބޭފުޅެއްގެ ގޮތުގައި ކަމަށެވެ. އަދި އެފަދަ ކަންކަމުން ރައީސް މުއިއްޒަކީ ތަންދިރު ނުދަަންނަ ގަމާރުމީހެއްގެ ގޮތުގައި ސިފަވެގެންދާކަމަށް ވިދާޅުވެ ޑރ ޖަމީލު ވަނީ، ރައްޔިތުން ހޮަޅުއަށިތަކުގައާ އެކި މަހަލްތަކުގައި ބާއްވާ ބައްދަލުވުންތަކުގައިވެސް މިއަދު ރައީސް މުއިއްޒަށް ކުރަނީ މަލާމާތް ކަމަށްވެސް ވިދާޅުވެފައެވެ.
މީގެ އިތުރުން ޑރ ޖަމީލު ވިދާޅުވީ އެއްވެސް އެއްޗެއް ނޭނގޭ މީހަކަށް ވެރިކަމެއް ލިބިގެން ހަނދާނެ ނުހަދާނެ ނޭނގި ތެޅި ފޮޅޭ މަންޒަރު ފެންނަމުންދާ ކަމަށެވެ.
ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވާއިރު، ރައީސް މުއިއްޒުގެ ހަރުދަނާ ސިޔާސަތެއް ނެތްކަމަށް ގިނަ ރައްޔިތުން ވެސް އިއްތިފާގުވެއެވެ. އެކަމުގެ ސަބަބުން އެންމެ ފަހުން ނެގި ރިފަރަންޑަމްގައިވެސް 70 ޕަސެންޓު ރައްޔިތުން ވަނީ އެމަނިކުފާނުގެ ސަރުކާރަށް ނޫނެކޭ ބުނެފައެވެ.










