
ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ އިލެކްޝަންގެ ވޯޓުލުން މިއަދު ހެނދުނު 8:00 އިން ފެށިގެން ކުރިއަށް އެބަދެއެވެ. މި އިންތިޚާބަކީ މިދިޔަ އޭޕްރީލް މަހު ބޭއްވި އިންތިޚާބުގައި ދެ ކެންޑިޑޭޓުންނަށް ލިބުނު ވޯޓު އެއްވަރުވުމާ ގުޅިގެން އަލުން ބާއްވާ އިންތިޚާބެކެވެ.
މި އިންތިޚާބުގައި ވާދަކުރައްވަނީ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ކެންޑިޑޭޓް މުހައްމަދު ޝާހިދު އާއި ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓް ސުހާ އިބްރާހީމެވެ. މީގެ ކުރިން ބޭއްވި އިންތިޚާބުގައި މި ދެ ބޭފުޅުންނަށް ވެސް ލިބިވަޑައިގަތީ 392 ވޯޓެވެ.
މިއަދުގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 1,049 މީހުންނަށް ލިބިފައިވާއިރު، ވޯޓުލުން ކުރިއަށްދަނީ މީދޫ އާއި މާލޭގައި ބަހައްޓާފައިވާ ދެ ފޮށްޓެއްގައެވެ.
މި ފަހަކަށް އައިސް ބާއްވާ އިންތިޚާބުތަކުގައި ސަރުކާރަށް ތާއީދު ކުޑަވަމުންދާ މަންޒަރު ފެންނަމުންދާކަން ފާހަގަކުރެވެއެވެ. އެގޮތުން ދާދި ފަހުން ބޭއްވި އައްޑޫ ހިތަދޫ އުތުރު ދާއިރާގެ އިންތިޚާބުންވެސް ޕީއެންސީ ވަނީ ބަލިވެފައެވެ. މީގެ އިތުރުން، އޭޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައިވެސް މެޖޯރިޓީ ހޯދާފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ. އެ ޕާޓީން 238 ގޮނޑި ކާމިޔާބު ކުރިއިރު، ޕީއެންސީއަށް ލިބުނީ 216 ގޮނޑިއެވެ.
ރާއްޖޭގެ ފަސް ސިޓީގެ މެޖޯރިޓީ އާއި މޭޔަރުންގެ މަގާމުތައްވެސް އެމްޑީޕީން ކާމިޔާބުކޮށްފައިވާއިރު، ގިނަ ބަޔަކު ސިފަކުރާ ގޮތުގައި މިއީ ސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުން "ނޫނެކޭ" ބުނަމުންދާ ކަމުގެ ނިޝާނެކެވެ. މިހެންކަމުން، މިއަދު މީދޫގައި ކުރިއަށްދާ އިންތިޚާބުގެ ނަތީޖާއަށް ގިނަ ބަޔަކު އަންނަނީ އިންތިޒާރު ކުރަމުންނެވެ.










