

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް، ޓުއަރިސްޓު ވިޔަފާރިކުރާ ފަރާތްތަކުން، ޑޮލަރު މާރުކުރަން މަޖްބޫރުކުރާ ގާނޫނު ބަދަލުކުރައްވާނެ ކަމަށާ އެއީ އުވާލަން ޖެހޭ ގާނޫނެއް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އާދިއްތަ ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޓައުން ހޯލު ޖަލްލސާގައި، ރިސޯޓު ބޯއިސްގެ ފަރާތުން އެމަނިކުފާނު އެ ގާނޫނާ މެދު ދެކިވަޑައިގަންނަވާ ގޮތާ މެދު ސުވާލެއް އަމާޒުކުރެއްވުމުން ޖަވާބު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ، އެމްއެމްއޭއަށް ޑޮލަރު މާރުކުރަން މަޖުބޫރުވާގޮތަށް ހަދާފައިވާ އުސޫލު ގާނޫނާ ހިލާފު ކަމަށާއި ވެރިކަން ކުރަން ފުރުސަތު ލިބިއްޖެނަމަ އެ އުސޫލު އުވާލައި ރިސޯޓް މުވައްޒަފުންނަށް ކުރިއެކޭ ވެސް އެއްގޮތަށް ޑޮލަރުން މުސާރަ ލިބޭގޮތަށް ބަދަލުކުރައްވާނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، މަނިކުފާނަކީ ވެސް ޖާދޫ ހަދާ ބޭފުޅެއް ނޫން ކަމަށާއި، އެކަންކަން ހައްލުކުރަން ވަގުތުކޮޅެއް ވެސް ބޭނުންވާނެ ކަމަށެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ރިސޯޓު މުވައްޒަފުން ބުރަ މަސައްކަތުން ހޯދާފަ ހުންނަ ފައިސާ ރައްޔިތުންގެ އަތުން މަޖުބޫރުކޮށްގެން އެހެން ދޭކަށް ނުބުނެވޭނެ ކަމަށާ އެހެންވެއްޖެ ނަމަ އެ މުވައްޒަފުން އަނބިދަރިންނަށް ހޯދާ ކޮންމެ ތިން ހެދުމަކުން ދެ ހެދުން ސަރުކާރަށް ދޭންވާނެއޭ ވެސް ބުނަންވާނެ ކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ ނުރުހުން ސަރުކާރަށް އަމާޒުކުރައްވާފައެވެ.
ރައީސް ޔާމީން ވިދާޅުވީ، އެއީ ރިސޯޓު މުވައްޒަފުންގެ މަސައްކަތުން ހޯދާ ޑޮލަރު ކަމަށާ އެ ޑޮލަރު ސަރުކާރުން ގަންނަން ބޭނުންވާނަމަ ސަރުކާރުން ވެސް ގަންނަން ޖެހޭނީ ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ ރޭޓުން ކަމަށެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވާއިރު، އެމްއެމްއޭއިން މިދިޔަ އަހަރުގެ އޮކްޓޫބަރު މަސްތެރޭ ވަނީ ބޭރު ފައިސާއިން މުއާމަލާތް ކުރުމުގެ އާ ގާނޫނެއްގެ ދަށުން ބޭރު ފައިސާއާ ބެހޭ ހަރުކަށި ގަވައިދެއް އާންމުކޮށްފަ އެވެ. އަދި މަނީ ޗޭންޖިން ވިޔަފާރިއާބެހޭ ގަވާއިދެއް ވެސް އާންމުކުރިއެވެ.
އާ ގަވާއިދުގައިވާ ގޮތުން ބޭރު ފައިސާއިން ލިބޭ އާމްދަނީގެ ވަކި މިންވަރެއް، ވަކި މުއްދަތެއްގެ ތެރޭގައި މާރުކުރަން ޖެހޭނެ އެވެ. އަދި، ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން، ބޭންކުތަކަށް މާރުކުރާ ފައިސާގެ ތެރެއިން އެ އޮތޯރިޓީން ކަނޑައަޅާ އަދަދަކަށް ބޭރު ފައިސާ ބޭންކުތަކުން އެމްއެމްއޭއަށް ވިއްކަންޖެހޭ އުސޫލެއް ވެސް ނެރެފައިވެއެވެ.
މި ބަދަލާ އެކު ބައެއް ރިސޯޓުތަކުގެ މުވައްޒަފުންގެ މުސާރަ މިހާރު ދެނީ ރުފިޔާއިންނެވެ.