
ތަންދޮރު ދަންނަ ވެރިއަކު ވެރިކަމުގައި ނެތުމުގެ ސަބަބުން މި ގައުމުގެ ހުރިހާ ކަމެއް ބޮއްސުން ލައިގެން ގޮސްފައިވާ ކަމަށް، ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް، މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މަލީހު މިފަދައިން ވިދާޅުވެފައިވަނި ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މަލީހު ވިދާޅުވެފައިވަނީ، ރައީސް މުއިއްޒުގެ ކިބައިގައި ގައުމިއްޔަތުވަންތަކަމުގެ ޒައްރެއްގެ މިންވަރުވެސް ނެތް ކަމަށާ އެމަނިކުފާނު ވަނީ، ގައުމު ބޮޑު އަނދަވަޅަކަށް ވައްޓާލާފައި ކަމަށެވެ.
މަލީހު ކުރެއްވި އިތުރު ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ދައުލަތުގެ ކަރަދު ކުޑަކޮށް، ޓެކްސް ޕޭޔަރުންނަށް އަދުލުވެރިވުމަށް ގޮވާލައްވާފައެވެ. އަދި ދައުލަތުގެ ޚަރަދު ކުޑަކުރުމަށާ ސިޔާސަތުތައް ބަދަުކޮށް ހިންގުން ހަރުދަނާ ކުރުމަށް ގޮވާލައްވާ މަލީހު ވަނި އެކަންކަން ނުކުރެވޭ ނަމަ ރައީސް މުއިއްޒު މަގާމުގައި ހުންނެވުމުގެ ބޭނުމެއް ނެތް ކަމަށް ވެސް ވިދާޅުވެފައެވެ.
މަލީހު މިފަދައިން ވިދާޅުވެފައިވާއިރު، މި ގައުމުގައި މިއަދު ހިންގުމުގެ އެއްވެސް ހަރުދަނާ ވައްޓަފާޅި އެއް ނެތް ކަމަށާ، ގައުމުގެ ޚަރަދުތައް އިންތިހާއަށް މަތިވެފައިވާއިރު ވެސް ސަރުކާރުން އެކަންކަމަށް ރިއާޔަތްކުރުމެއް ނެތި ޚަރަދުކުރުމުގައި ސުމާރެއް ވެސް ނުބަލާ ކަމަށް ރައްޔިތުން ބުނަމުންދާ ކަން ފާހަގަކޮށްަލެވެއެވެ.










