March 29, 2026
Advertisement
ރައީސް ޔާމީން، ޕީއެންއެފް ޖަލްސާގައި ސުވާލު ކުރައްވަނީ
ރައީސް ޔާމީން، ޕީއެންއެފް ޖަލްސާގައި ސުވާލު ކުރައްވަނީ / ތޭރަ އޮންލައިން

ތަރައްގީއަށް ކުރާ ހޭދަ ކުޑަކުރަމުން ދާތީ ރައީސް ޔާމީން ނުރުހުން ފާޅުކުރައްވައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Mar 21, 2024, 02:35 AM
މާލެ ސިޓީ

މި ސަރުކާރުން ތަރައްގީއަށް ކުރާ ހޭދަ ކުޑަކުރަމުން ގެންދާތީ ރައީސް އަބްދުﷲ ޔާމީން ނުރުހުން ފާޅުކުރައްވައިފިއެވެ.

Advertisement

ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)ގެ ފަރާތުން މަޖިލީހަށް ކުރިމަތިލާ ކެނޑިޑޭޓުންނަށް އާންމުގެ ސުވާލުކުރުމުގެ ފުރުސަތު ދީގެން ދަ ފްރޮންޓް އޮފީހުގައި ބޭއްވި ޖަލްސާގައި، ތުލުސްދޫ ދާއިރާއަށް ޕީއެންއެފްގެ ޓިކެޓުގައި ނުކުންނަ ކެންޑިޑޭޓަށް އަމާޒުކުރެއްވި ސުވާލެއްގެ ތެރެއިން ރައީސް ޔާމީން ވިދާޅުވީ، ނިމިގެން ދިޔަ ދެ މަސް ދުވަހަށް ބަލާއިރު ފެނިގެން ދަނީ ލަދުވެތިވާން ޖެހޭ ފަދަ މަންޒަރެއް ކަމަށެވެ.

އެގޮތުން ތަރައްގީގެ ބިޔަ ބޮޑު މަޝްރޫއުތަކުގެ ވައުދާއެކު އައިސް މި ސަރުކާރުން ގެންދަނި ތަރައްގިއާ ކުރާ ހޭދައަށް ވުރެ ރިކަރަންޓު ޚަރަދަށް ކުރާ ހޭދަ ބޮޑުތަނުން އިތުރުކުރަމުން ކަމަށްވުމުން ތަރައްގީގެ ދުވެލި އޮތީ މަޑު ޖެހިފައި ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެހެންކަމުން އިބްރާހިމު މުހައްމަދު ސޯލިހުގެ ސަރުކާރުގައި ތަރައްގީގެ ސްޕީޑު ސްލޯ ކަމަށް ބުނެ ތަަރއްގީއަށް ކުރި ހޭދަ މަދު ކަމަށް ބުނަން މި ސަރުކާރުގެ ވެރިން އަދު ލަދު ގަންނަން ޖެހޭނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

މި ދެ މަހުގެ ތެރޭގައި މުވައްޒަފުންގެ މުސާރަ އަށް އިތުރުވެއްޖެ، އެމްޑީޕީ ސަރުކާރާ އެ ދެ މަހަށް އަޅާ ބަލާއިރު 300 މިލިއަން. މާނައަކީ އެވްރެޖްކޮށް މަހަކު 150 މިލިއަން ހަމައެކަނި މުވައްޒަފުންގެ ހަރަދާއި އިނާޔަތްތަކަށް އިތުރުވެއްޖެއޭ މި ސަރުކާރުގައި.

ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ ގައުމެއްގައި ރައްޔިތުން އެންމެ ބޭނުންވާނެ ކަމަކީ އެތަނަކަށް ތަރައްގީ އައުން ކަމަށް ވާއިރު މި ސަރުކާރުގައި މިހާރު އަމަލުކުރަމުން މިދާ އުސޫލުން ނަމަ ޕީއެސްއައިޕީއަށް އޮތް ޖާގަ ހަނިވެގެން ދާނެ ކަމަށެވެ.


ރައީސް ޔާމީން ވިދާޅުވީ، މި ސަރުކާރުން މޮޅަށް ކުރާ ކަމަކީ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް އިތުރުކުރުން ކަމަށެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވާއިރު، މި ސަރުކާރުން ވަނީ ސަރުކާރުގެ ބައެއް ދާއިރާތަކާ އަދި ބައެއް މުއައްސަސާތަކުގެ ވެސް މުސާރަ ބޮޑުކޮށްފައެވެ.

ރައީސް ޔާމީންގެ ނުރުހުން ތަރައްގިއާ ގުޅިގެން ސަރުކާރަށް އަމާޒުކުރައްވާފައިވާއިރު އެމަނިކުފާނުގެ ފަސް އަހަރުގެ ދައުރަކީ ރާއްޖޭގެ ޖުމްހޫރިއްޔާގައި އެންމެ ކުރު މުއްދަތެއްގައި އެންމެ ގިނަ ތަރައްގީގެ މި ގައުމަށް އައި ފަސް އަހަރުކަން ހިސާބުތަކުން ހާމަވެއެވެ

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved