
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާއަށް ހޮވުނު އަބްދުﷲ ޞާދިގު (ސޯބެ) މެމްބަރުކަމުގެ ހުވާ ކުރައްވައިފިއެވެ.
ސޯބެ މެމްބަރުކަމުގެ ހުވާ ކުރެއްވީ، މިއަދު ހެނދުނު މަޖިލީހުގެ ޖަލްސާ ފެށުމުގެ ކުރިން ބޭއްވި ރަސްމިއްޔާތެއްގައެވެ.
ސޯބެ މެންބަރުކަމަށް ހޮވުނީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރަކަށް ކުރިން ހުންނެވި ޕީއެންސީގެ މެންބަރު އަހުމަދު ސިނާންގެ މެމްބަރުކަމުގެ މަގާމު ސާބިތު ދަރަންޏަކާ ހެދި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމުން މިމަހުގެ ހަ ވަނަ ދުވަހު ބޭއްވި ބައި އިލެކްޝަންގަ އެވެ. އެ އިންތިހާބުގައި ސޯބެއާ ވާދަކުރެއްވީ ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން އަހުމަދު ސައީދު (ސޮޑާ) އެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް މެންބަރަކު އައްޔަނުކުރުމަށް ބޭއްވި ބައި އިލެކްޝަން އަބްދުﷲ ސޯދިގު ކާމިޔާބުކުރެއްވީ 1375 ވޯޓު ހޯއްދަވައިގެންނެވެ. މިއީ ވޯޓުލީ މީހުންގެ 51 ޕަސެންޓެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވި ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ކެންޑިޑޭޓު އަހުމަދު ސައީދަށް ލިބިވަޑައިގަތީ 48 ޕަސެންޓު ނުވަތަ 1313 ވޯޓެވެ. މިއީ މީގެ ކުރިން އައްޑޫ ސިޓީގެ މޭޔަރުކަން ވިދިވިދިގެން ތިން ދައުރު ކުރެއްވި ސޯދިގު، ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވައި އިންތިހާބުވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
ސޯބެ ވިދާޅުވީ އޭނާގެ އެންމެ ބޮޑު އެއް އަމާޒަކީ މަޖިލީހުގެ ތެރެއިން ސަރުކާރު ޒިންމާދާރުކުރުވުން ކަމަށާ މިގޮތުން، އައްޑޫ ސިޓީއާއި މުޅި ރާއްޖޭގައި ހުރި މައްސަލަތަކާ ގުޅޭގޮތުން ސަރުކާރު ޖަވާބުދާރީކުރުވުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.










