June 23, 2026
Advertisement
ރާއްޖޭގެ ފަގީރުކަން އިތުރުވުމުގެ ފުރުސަތު އެބައޮތް: ވޯލްޑް ބޭންކް
ރާއްޖޭގެ ފަގީރުކަން އިތުރުވުމުގެ ފުރުސަތު އެބައޮތް: ވޯލްޑް ބޭންކް / އައްޑޫ ލައިވް

ރާއްޖޭގެ ފަގީރުކަން އިތުރުވުމުގެ ފުރުސަތު އެބައޮތް: ވޯލްޑް ބޭންކް

Jun 22, 2026, 05:52 PM
މާލެ ސިޓީ

ދިވެހިރާއްޖޭގެ ފަގީރުކަން 1.6 އިންސައްތައަށް އިތުރުވެގެން ހިނގައިދާނެކަމުގެ އިންޒާރު ވޯލްޑް ބެންކުން ދީފިއެވެ.

Advertisement

ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލެމުންދާތީ އޭގެ ނޭދެވޭ އަސަރު ރާއްޖޭގެ އިގްތިސާދަށް ކުރާނެ ކަމަށާ މި ބަދަލުތައް އަންނާނީ މެދު އިރުމަތީގެ ހަނގުރާމައާ ގުޅިގެން ކަމަށް ވޯލްޑް ބޭންކުން ހާމަކޮށްފައިވާ ވަނީ އެ ބޭންކުން ނެރުނު އެންމެ ފަހުގެ ރިޕޯޓުގައެވެ.

ވޯލްޑް ބޭންކުން ހާމަކޮށްފައިވާ ގޮތުގައި، މެއިރުމަތީގެ ހަނގުރާމައާ ގުޅިގެން ޓުއަރިޒަމް ދާއިރާ ހީނަރުވެފައިވާތީ މިއަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާކުރެވެނީ 0.7 އިންސައްތަށެވެ. މިއީ މިދިޔަ އަހަރު އިގްތިސާދު ކުރިއެރި 6.3 އިންސައްތައާ އަޅާބަލާއިރު ބޮޑު ދަށްވުމެއްކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް، އަންނަ އަހަރު ޓޫރިޒަމް ދާއިރާ އަލުން ރަނގަޅުވެ، އިގްތިސާދު 6.7 އިންސައްތައިގައި ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެ ބޭންކުން ބުނެއެވެ.

ޓޫރިޒަމް ދާއިރާ ދަށަށް ގޮސް އިގްތިސާދު ދައްވެފައިވަނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ވައިގެ ސަރަހައްދުތައް ބަންދުކުރުމާއި ފްލައިޓްތައް ކެންސަލްކުރުން ފަދަ ދަތިތަކުގެ ސަބަބުން ކަމަށްވާއިރު، ތަކެތީގެ އަގުތައް އުފުލުމުގެ ސަބަބުން އެންމެ ބޮޑު ތަކްލީފެއް އުފުލަން ޖެހޭނީ އަތޮޅުތެރޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަމަށް ވޯލްޑް ބޭންކުން ފާހަގަކުރެއެވެ.

ކާބޯތަކެތީގެ އަގު ގާތްގަނޑަކަށް 10 އިންސައްތައަށް އުފުލޭނެ ކަމަށް ލަފާކުރާއިރު، އެއާ އެކު ރާއްޖޭގެ ފަގީރުކަން 1.6 އިންސައްތައަށް އިތުރުވުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް ވޯލްޑް ބޭންކުގެ ރިޕޯޓުގައިވެއެވެ.

އިންފްލޭޝަން މައްޗަށް ދިޔަ ނަމަވެސް، ސަރުކާރުން ދޭ ސަބްސިޑީތަކުގެ ސަބަބުން އަގުތައް ކޮންޓްރޯލް ކުރުމަށް ކޮންމެވެސް ވަރެއްގެ އެހީތެރިކަމެއް ލިބޭނެކަން ވެސް ފާހަގަކޮށް އެ ރިޕޯޓުގައި ވަނީ، 2028 ވަނަ އަހަރާ ހަމައަށް އިންފްލޭޝަން ރޭޓް ހަތަރެއް އިންސައްތައަށް ވުރެ މަތީގައި ހުންނާނެ ކަމަށް ބެލެވޭތީ، އިމްޕޯޓަށް ބޭނުންވާ ބޭރު ފައިސާ އިތުރުވެ، ފޮރިން އެކްސްޗޭންޖަށް އޮތް ޕްރެޝަރު ބޮޑުވާނެ ކަމަށްއިންޒާރުދީފައެވެ.

މިފަދަ އިންޒާރެއް ވޯލްޑް ބޭންކުން ދީފައިވާއިރު، މިދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ވެސް ކާބޯތަކެއްޗާއި މަހުގެ ބާވަތްތަކުގެ އަގުތައް ވަނީ ރެކޯޑް މިންވަރަކަށް އުފުލިފައެވެ.

ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ ގައުމަކަށް ވާތީ، ދުނިޔޭގެ ބާޒާރަށް އަންނަ ކޮންމެ ލޮޅުމެއްގެ އަސަރު ގޭބީސީތަކުގެ އާންމު ހާލަތަށް ކުރާނެ ކަމަށް ވޯލްޑް ބޭންކުން ބުނެއެވެ. މި ހާލަތުން އަރައިގަތުމަށްޓަކައި އިގްތިސާދީ ގޮތުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަކީ މުހިއްމު ކަމެއްގެ ގޮތުގައި އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved