މާލީ އިސްލާހީ ފިޔަވަޅުތަކެއް ހުށަހެޅި ނަމަވެސް އެ ކަންކަން ތަންފީޒުވާތަން ނުފެންނަ ކަމަށާއި ޚަރަދު ކުޑަކުރުމުގެ އަވަސް ފިޔަވަޅުތަކެއް ދިވެހިރާއްޖެއިން އަޅަންޖެހޭ ކަމަށް ވޯލްޑް ބޭންކުން ހާމަކޮށްފިއެވެ.
ވޯލްޑް ބޭންކުން މިފަދައިން ހާމަކޮށްފައިވަނީ އެ ބޭންކުން އަހަރަކު ދެ ފަހަރު އެކުލަވައިލާ އިގުތިސާދީ އަދާހަމައިގައެވެ.
ރާއްޖެއިން މާލީ އިސްލާހީ ފިޔަވަޅުތައް ތަންފީޒުކުރުން ލަސްވެއްޖެކަމުގެ ކަންބޮޑުވުން ފާޅު އެ އަދާހަމައިގައި ވޯލްޑު ބޭންކުން ހާމަކޮށްފައިވާ ގޮތުގައި، މެދުރާސްތާގައި ދަރަނި ކުޑަކުރުމަށާއި އިންވެސްޓަރުންގެ އިތުބާރު އުފައްދަން އިސްލާހީ އަވަސް ފިޔަވަޅުތަކެއް ރާއްޖެއިން އަޅަންޖެހޭ ކަމަށެވެ. އެ ގޮތުން، މި އަހަރުގެ ފެބްރުއަރީ މަހު މާލީ އިސްލާހީ ފިޔަވަޅުތަކެއް އިއުލާނުކުރިކަން ފާހަގަކޮށް، ވޯލްޑް ބޭންކުން ބުނީ، އެ ފިޔަވަޅުތައް ތަންފީޒުވާވަރު ދަށް ކަމަށެވެ.
މެދުރާސްތާގައި އާމްދަނީ އިތުރުކުރަން އެކުލަވައިލި ޕްލޭނަށް އެ އިދާރާއިން ވަނީ މަރުޙަބާ ކިޔައިފައެވެ.
ނަމަވެސް ޕަބްލިކް އިންވެސްޓްމަންޓާއި، ސަރުކާރުގެ ކުންފުނިތަކާއި، ސަބްސިޑީތައް ރިފޯމް ކުރުން އަވަސްކުރަންޖެހޭކަން އެ އިދާރާއިން ވަނީ ފާހަގަކޮށްފައެވެ.
ރާއްޖޭގެ އިގުތިސާދު 7.7 އިންސައްތައާއި 4.5 އިންސައްތައިގައި މި އަހަރުގެ ފުރަތަމަ ދެ ކުއާޓަރުގައި ކުރިއެރިއެވެ. އަދި، މި އަހަރު 8.5 އިންސައްތައިގައި ފަތުރުވެރިކަން ވަނީ ކުރިއަރައިފައެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ އިންފްލޭޝަން ވެސް ހުރީ 0.5 އިންސައްތައިގައި ހިފެހެއްޓިފައެވެ. އެކަމަކު، ކާބޯތަކެތީގެ އަގުތައް 6.7 އިންސައްތައިގައި ބޮޑުވެފައިވާކަން ވޯލްޑް ބޭންކުން ފާހަގަކުރިއެވެ.
ވޯލްޑް ބޭންކުން ވަނީ ފައިސާ ދިނުން ލަސްވުމުގެ ސަބަބުން މައިގަނޑު ސިނާއަތްތައް ކަމަށްވާ ސިއްހީ ދާއިރާއާއި ކޮންސްޓްރަކްޝަން ފަދަ ދާއިރާތަކަށް ނޭދެވޭ އަސަރުކުރާކަން ފާހަގަކޮށްފައެވެ.
މީގެ އިތުރުން ޚަރަދުތައް ކުޑަކުރުމާއި މާލީ އިސްލާހުތައް އަދި ސަބްސިޑީތައް ޓާގެޓުކުރުމަކީ އިގުތިސާދީ ހިރާސްތަކުން އަރައިގަންނަން މުހިންމު ކަމެއްގެ ގޮތުގައި ވޯލްޑް ބޭންކުން މި ސަރަހައްދަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިރެކްޓަރު ޑޭވިޑް ސިސްލެން ވެސް ވިދާޅުވެފައިވެއެވެ.
ވޯލްޑް ބޭންކުން ރާއްޖޭގެ މާލީ އިސްލާހީ ފިޔަވަޅުތައް ލަސްކަމަށް ބުނެފައިވާއިރު، ރާއްޖޭގެ ކްރެޑިޓު ރޭޓީން ވެސް މި އަހަރުގެ ތެރޭގައި ތިން ފަހަރަކު ދަށް ކޮށްފައިވެއެވެ.