
ރާއްޖޭން ކުރާ ހޭދަތައް އާމްދަނީއާ ނުބައްދަލު ކަމަށް ވޯލްޑް ބޭންކުން ރާއްޖެ އާއި ލަންކާ އަދި ނޭޕާލަށް ކަނޑައަޅާފައި ހުންނަ ކަންޓްރީ ޑިރެކްޓަރު ފާރިސް ހަދާދު ވިދާޅުވެއްޖެއެވެ.
އޭނާ މިފަދައިން ވިދާޅުވެފައިވަނީ ވޯލްޑް ބޭންކުން ރާއްޖެއާ ގުޅޭގޮތުން ތައްޔާރުކުރި 'ސްކޭލިން ބެކް އެންޑް ރިބިލްޑިން ބަފާސް' ރިޕޯޓާ ގުޅުވާ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން އޭނާ ވިދާޅުވީ ރާއްޖޭގެ ހަރަދުތައް ހުރީ ލިބޭ އެއްޗަކާ އަޅާ ބަލާއިރު މާބޮޑަށް ވެސް މަތީގައި ކަމަށެވެ. އަދި ހަރަދާއި ސަބްސިޑީ އިތުރުވެ ރާއްޖޭގެ ދަރަނި އަތްނުފޯރާ ވަރަށް މައްޗަށް ގޮސްފައިވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
އޭނާ އިތުރަށް ވިދާޅުވީ މި ހާލަތުގެ ސަބަބުން މާލީ ހާލަތު ގޯސްވެ، ނުދެއްކޭވަރުގެ ބޮޑު ދަރަންޏެއް އެބައޮތް ކަމަށެވެ.
ހުރިހާ އެންމެންނަށް ލިބޭ ގޮތަށް އޮންނަ ސަބްސިޑީ ނިޒާމު އިސްލާހުކޮށް ސަރުކާރު ކުންފުނިތައް ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް އަވަސްކުރަން ވެއްޖެ ކަމަށާއި އެކަމަށް އަވަސް ފިޔަވަޅުތައް އަޅަން ޖެހިފައިވާ ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
އާސަންދަ ރީސްޓްރަކްޗާ ކޮށް އުމްރާނީ ތަރައްގީގެ ޕްރޮގްރާމު ސްޓްރީމްލައިން ކުރަން ވެސް ފާރިސް ވަނީ ގޮވާލާފައެވެ.










