June 27, 2026
Advertisement
އިރާގުގެ ކަރުބަލާގައި ހުންނަ އިމާމް ހުސެއިން މިސްކިތް (މަގާމް ހުސެއިން)
އިރާގުގެ ކަރުބަލާގައި ހުންނަ އިމާމް ހުސެއިން މިސްކިތް (މަގާމް ހުސެއިން) / ސޯޝަލް މީޑިއާ

ޢާޝޫރާ ދުވަހާ ކަރުބަލާ ހަނގުރާމަ: އަނިޔާވެރި ވެރިޔަކާ ދެކޮޅަށް އިމާމް ހުސެއިން ކުރެއްވި މަތިވެރި ޖިހާދުގެ ހަނދާން!

Jun 25, 2026, 04:32 PM
މާލެ ސިޓީ

މުޙައްރަމް މަހުގެ 10 ވަނަ ދުވަސްކަމުގައިވާ އާޝޫރާ ދުވަހަކީ އިރާޤުގެ ވެރިކަންކުރާ މިހާރުގެ ބަޣްދާދާއި 113 ކިލޯމީޓަރު (70 މޭލު) ބޭރުން އޮންނަ ކަރުބަލާގެ ހަނަފަސް ސަހަރާގައި ކީރިތި ރަސޫލާ(ޞޢޥ)ގެ ކާފަ ދަރިކަލުން ހުސައިންގެފާނު ޝަހީދުކޮށްލައި އަވަހާރަކޮށްލެވުނު ދުވަހެވެ.

Advertisement

 ކީރިތި ރަސޫލާ(ޞޢޥ)ގެ ދަރިދަރިކަނބަލުންގެ ތެރެއިން ފާތިމަތުގެފާނަކީ، އެކަލޭގެފާނަށް އެންމެ ހަގަށް ލިބިވަޑައިގެންނެވި ދަރިކަނބަލުންނެވެ. އެކަމަނާ ދެކެ ކީރިތި ރަސޫލާ(ޞޢޥ) ނުހަނު ލޯބިފުޅުވިއެވެ. ފާތިމަތުގެފާނު ކައިވެނިފުޅު ބައްލަވައިގަތީ މުސްލިމުންގެ ހަތަރު ވަނަ ޚަލީފާ އަލީ އިބްން ތާލިބް (އަލީގެފާނު) އާއެވެ. މި ދެބޭފުޅުންނަށް ލިބިވަޑައިގެންނެވި، ހަސަނުގެފާނާއި (އިމާމް ހަސަން) އާއި ހުސެއިންގެފާނު (އިމާމް ހުސެއިން) އަކީ ކީރިތި ރަސޫލާ(ޞޢޥ)އަށް ކާފާފުޅު ވިދާޅުވާ، އަދި އެ ދެބޭފުޅުންގެ ދެކެ އެކަލޭގެފާނު އިންތިހާ ލޯބިފުޅުވި ދެބޭފުޅުންނެވެ. ހަސަންގެފާނާއި، ހުސެއިންގެފާނު ދެކެ ކީރިތި ރަސޫލާ ލޯބިވެވަޑައިގެންނެވި މިންވަރު ހާމަވާ އެތައް ކަމެއް އެކަލޭގެފާނުގެ ހަޔާތްޕުޅުން ފެނިފައިވާ ކަމަށް އިލްމްވެރިން ވިދާޅުވެއެވެ.  އެ ދެބޭކަލުންނަށް މުޚާތަބް ކުރައްވާ، އެ ދެ ބޭކަލުންނަކީ ސުވަރުގޭގެ ޒުވާނުންގެ ވެރިން ކަމަށް، ކީރިތި ރަސޫލާ ހަދީސް ކުރެއްވި ކަމަށް ރިވާވެގެން އައިސްފައިވެއެވެ.

 ޒުވާން ދުވަސްވަރު، ހުސެއިންގެފާނު، އެކަލޭގެފާނުގެ ބައްޕާފުޅު، ޚަލީފާ އަލީގެފާނުގެ އަރިހުގައި، މުސްލިމުންގެ ވެރިރަށް އިރާގުގެ ކޫފާއަށް ވަޑައިގަތެވެ. މި ދަތުރުފުޅުގައި، ބައްޕާފުޅުގެ އަރިހުގައި ހުސެއިންގެފާނު ދެ ހަނގުރާމަ އެއްގައި ބައިވެރިވެ ވަޑައިގަތެވެ.މަސްޖިދުއް ކޫފާގައި އަލީގެފާނު ޝަހީދު ކޮށްލުމުން، ކޫފާގެ ރައްޔިތުން، މުސްލިމުންގެ ވެރިޔަކަށް އިސްކުރުމަށް އަލީގެފާނުގެ ދޮށީ ދަރިކަލުން ހަސަނުގެފާނަށް ބައިއަތު ހިފިއެވެ. މިކަން މިހެން ހިނގިއިރު، މުއާވިޔާ ބިން އަބީ ސުފުޔާނަށް މުސްލިމުންގެ ވެރިކަން ދިނުމަށް ސީރިއާ މީހުން އޮތީ ނިންމާފައެވެ. މުސްލިމުންގެ ޚަލީފާ އަވަހާރަ ވުމުން، ހަސަނުގެފާނަށް މުސްލިމުންގެ ވެރިކަން ދިނުމަކީ އެންމެ އެކަށީގެންވާ ގޮތް ކަމުގައި ވީނަމަވެސް، މުސްލިމުންގެ މެދުގައި އިތުރު ލޭ އޮހުރުވުމާއި ހަމަ ނުޖެހުން އައުމަށް ބޭނުންފުޅު ނުވާތީ، ހަސަނުގެފާނު ނިންމެވީ، ވެރިކަން ދޫކޮށްލެއްވުމަށެވެ. ވެރިކަން ދޫކޮށްލެއްވުމަށް ފަހު ކޮއްކޯފުޅު ހުސެއިންގެފާނާއި އާއިލާ އާ އެކު މަދީނާ އަށް އެނބުރި ވަޑައިގަތެވެ.މަޝްހޫރު ތާރީޚީ އިލްމްވެރިން ކަމަށްވާ އިބްން ކާތިރު އާއި އިބްން ހަޖަރު އާ ހަވާލާދީ އިސްލާމީ ތާރީޚް ދިރާސާ ކުރާ ފަރާތްތަކުން، ލިޔުއްވާފައިވާ ގޮތުން، ހަސަނުގެފާނު މުސްލިމުންގެ ޚަލީފާކަން ދޫކޮށްލެއްވުމަށް ނިންމެވި ނިންމެވުމަކީ ހުސެއިންގެފާނު ރުހިވަޑައިގެންނެވި ކަމެއް ނޫނެވެ. އެހެން ނަމަވެސް، ބޭބޭފުޅުގެ އެ ނިންމެވުމަށް ހުސެއިންގެފާނު އިހްތިރާމް ކުރައްވާ އެގޮތް ގަބޫލުފުޅު ކުރެއްވީއެވެ.  

އަޅުކަމާއި، މީސްތަކުންނަށް އެހީތެރިކަން ފޯރުކޮށް ދެއްވުމުގައި ހިމޭން ހަޔާތްޕުޅެއް މަދީނާގައި ދެ ބޭފުޅުންވެސް ހޭދަކުރައްވަމުން ގެންދެވިއިރު، މަދީނާގެ ރައްޔިތުންގެ ތެރޭގައި ހުސެއިންގެފާނު ވެވަޑައިގެންފައި ވަނީ މީސްތަކުން ވަރަށް ލޯބިވާ އިހްތިރާމް ކުރާ ބޭކަލަކަށެވެ.

 ހިޖުރައިން 50 ވަނަ އަހަރު ހަސަނުގެފާނު އަވަހާރަ ވީ ފަހުން، އޭރުގެ ޚަލީފާ މުއާވިޔާ ބިން އަބީ ސުފިޔާން، އޭނާގެ ފަހުން ޚަލީފާ ކަމަށް އިސްކުރައްވާނެ ބޭކަލަކީ އޭނާގެ ދަރިކަލުން ޔަޒީދު ކަމުގައި ކަނޑައަޅުއްވާ އިއުލާން ކުރެއްވިއެވެ. މުސްލިމް އުއްމަތައް މިކަން ވީ ބޮޑު ހައިރާން ކަމެއް ލިބުނު ކަމަކަށެވެ. އެއީ ޔަޒީދަކީ ކީރިތި ރަސޫލާ(ޞޢޥ)ގެ ސަހާބީންގެ ތެރޭގައި ހިމެނޭ ފަރާތަކަށް ނުވެފައި، އެ މަގާމަށް މާ ބޮޑަށް އެކަށީގެންވާ، ތަޖުރިބާ ހުރި މާތް ސަހާބީން ދުނިޔޭގައި ތިއްބެވުމާވެސް އެކުގައެވެ.

އެކަން އެހެން އޮތް ނަމަވެސް، ހިޖްރައިން 60 ވަނަ އަހަރު މުއާވިޔާ އަވަހާރަ ވުމާއެކު، އިސްލާމީ ދައުލަތުގައި ހިމެނޭ ގިނަ ގައުމުތަކުން، ޚަލީފާ ކަމަށް ޔަޒީދަށް ބައިއަތު ހިފިއެވެ. އެހެން ނަމަވެސް މައްކާ އާއި މަދީނާގެ މީހުން އެ ގޮތް ގަބޫލެއް ނުކުރިއެވެ. މައްކާ އާއި މަދީނާގެ މީހުން، މުސްލިމުންގެ ޚަލީފާގެ ގޮތުގައި ކަނޑައަޅާނެ ކަމަށް އުއްމީދު ކޮށްގެން ތިބީ، އުމަރުގެފާނުގެ ދަރިކަލުން، އަބްދުﷲ ބިން އުމަރު ބިން އަލް ޚައްތާބް ނުވަތަ، އަސްމާ ބިންތު އަބީ ބަކްރިގެ ދަރިކަލުން އަބްދުﷲ ބިން ޒުބައިރު ނުވަތަ ކީރިތި ރަސޫލާ(ޞޢޥ)ގެ ކާފާ ދަރިކަލުން ހުސެއިންގެފާނު، މީގެ ތެރެއިން ކޮންމެވެސްް ބޭފުޅެއް ކަމުގައި ވުމެވެ.

މިއާއެކު، ޚަލީފާ ކަމުގެ ވާދަވެރި ކަމުގައި، އުމައްޔަދު ޚިލާފަތުގެ ތެރޭގައި މައްސަލަތައް ބޮޑުވެދާނެ ކަމަށް ވިދާޅުވެ، މަދީނާގެ ގަވަރުނަރު ހުސެއިނުގެފާނު އޭނާގެ އަރިހަށް ގެންދެވިއެވެ. އޭރު މަދީނާގެ ގަވަރުނަރު ކަމުގައި ހުންނެވީ ޔަޒީދުގެ ބައްޕާފުޅު އިސްކުރައްވާފައި ހުންނެވި ބޭކަލެކެވެ. ގަވަރުނަރު ހުސެއިނުގެފާނު ގެންދަވާ، މިސްކިތުގައި އެވަގުތު ތިބި އެންމެންގެ ހާޒިރުގައި ޔަޒީދަށް ބައިއަތު ހިއްޕެވުމަށް އެންގެވިއެވެ. ނަމަވެސް އެކަން ހުސެއިނުގެފާނު ގަބޫލުފުޅު ނުކުރައްވާ، އެކަމާ ވިސްނާވަޑައިގަތުމަށް އިތުރު ވަގުތު ދެއްވުމަށް އެދިވަޑައިގެން، އެ މަޖިލިސް ދޫކުރައްވާ ނިކުމެ ވަޑައިގެންނެވިއެވެ.

އެއަށް ފަހު ހުސެއިންގެފާނު ގެއަށް ވަޑައިގެން، ދަތުރުފުޅު ތައްޔާރު ކުރައްވަން އާއިލާއަށް އަންގަވާ ގިނަ ވަގުތު ތަކެއް ނުނަންގަވާ އާއިލާއާ އެކު އޭގެ 2 ދުވަސް ފަހުން ޙުސައިންގެފާނު މަދީނާއިން މައްކާއަށް ދަތުރުކުރެއްވި އެވެ. އަދި ޝައުބާން މަހުން ފެށިގެން ޒުލްގައިދާ މަހާ ހަމައަށް މައްކާގައި ހުންނެވިއެވެ. މައްކާ އިން ހުސެއިންގެފާނަށް ބައްދަލުވެވަޑައިގެން ގިނަ މީހުންނަކީ ޔަޒީދު ވެރިކަމަށް ގެނައުމަށް ދެކޮޅު ހަދާ މީހުންކަން ހުސެއިންގެފާނަށް އެނގިވަޑައިގަތެވެ.

ޚަލީފާ ކަމަށް ޔަޒީދު އިސްކުރެއްވުމަށް އެއްބަސްވެ ވަޑައިނުގަނެ، މަދީނާ ދޫ ކުރައްވާ މައްކާއަށް ހުސެއިންގެފާނު ދަތުރުފުޅު ކުރެއްވި ޚަބަރު މުސްލިމު ދައުލަތުގެ ތެރޭގައި ފެތުރި ކޫފާއާ ހަމައަށް ވެސް ދަތުރުކުރިއެވެ. އިރާގުގެ ކޫފާއާ ހަމައަށް މި ޚަބަރު ފެތުރި، ޔަޒީދު ވެރިކަމަށް ގެންނަން ބޭނުން ނުވެފައި ތިބި އެތައް ބަޔަކަށް އުފާވެރިކަން ގެނެސްދިނެވެ. 

މިހާ ހިސާބުން މައްކާގައި ހުންނެވި ހުސެއިންގެފާނަށް ކޫފާގެ ގިނަ ބަޔަކު ސިޓީ ފޮނުވަން ފެށިއެވެ. އެ ސިޓީތަކުގައި ވަނީ ހުސެއިންގެފާނު ކޫފާއަށް ވަޑައިގަނެ، ޔަޒީދުއާ ދެކޮޅަށް ތެދުވެވަޑައިގެން އޭނާ ވެރިކަމުން ދުރު ކުރުމަށް އެދޭ ކަމުގައެވެ. މަދު ސިޓިއެއްގައި، ހުސެއިންގެފާނަށް ނުރުހުމާ އިންޒާރުގެ ބަސްތައްވެސް ހުރިނަމަވެސް  ކޫފާ އިން ހުސެއިންގެފާނަށް ލިބިވަޑައިގަތް ގިނަ ސިޓީތަކުގައި ވަނީ އެމީހުން ތިބީ ހުސެއިންގެފާނާ އެކުގައި ކަމަށާއި، އެމީހުން ހުރިހާ ގޮތަކުންވެސް ހުސެއިންގެފާނު ޚަލީފާ ކަމަށް އިސްވެވަޑައިގަތުމަށް އެހީތެރިކަން އަރުވާނެ ކަމުގެ ޔަގީންކަން ދީފައެވެ.

މިއާއެކު ހުސެއިންގެފާނުގެ ދެބެންގެ ދެދަރި ބޭކަލަކު ކަމުގައިވާ މުސްލިމް ބިން އަގީލް، ތަނުގައި ކަން ހުރި ނެތް ގޮތް ބަލަން ކޫފާއަށް ފޮނުއްވުމުން، ބާރަ ހާހަށް ވުރެ ގިނަ މީހުން ހުސެއިންގެފާނަށް ތާއީދުކޮށް މުސްލިމް ބިން އަގީލަށް ބައިއަތު ހިފިއެވެ.

ޙުސައިންގެފާނު ކޫފާއަށް ފޮނުވި މުސްލިމް އިބްން އަގީލް އަށް ކޫފާއިން ހޫނު މަރުހަބާއެއް ކިއެވެ. އަދި އެތާގެ ގިނަ މީހުން އޭނާއަށް ބައިއަތު ހިފިއެވެ. އަގީލަށް ފުރަތަމަ ފެނުނު މަންޒަރަށް ބަރޯސާވެ އޭނާ ހުސެއިންގެފާނަށް ފުރިހަމަ ތާއީދު އޮތް ކަމަށް ސިޓީ ލިޔެ އެންގިއެވެ. އެހެން ނަމަވެސް، އާ ގަވަރުނަރު އުބައްޔަދުﷲ ބިން ޒިޔާދު ހަވާލުވުމާ ހަމައިން މަންޒަރު ބަދަލުވިއެވެ. ބައިއަތު ހިފިކަމަށް ކުރިން ބުނި މީހުންގެ އަދަދު 4،000އަށް މަދުވެ މަދުވަމުން މަދުވަމުން ގޮސް އެންމެ 10 އަކަށް މަދުވިއެވެ.

ވެރިކަން ބަދަލު ކުރަން އުޅުއްވުމުގެ ތުހުމަތުގެ އަދަބެއްގެ ގޮތުން، މުސްލިމް އިބްން އަގީލާއި އޭނާގެ ހަވާލުދާރު ޙާނީ އިބްން އުރުވާ، 9 ޛުލްހައްޖު 60ހ. ގައި ގަތުލު ކުރެވުނެވެ. މި ކަމާ މާބޮޑު ނުރުހުންތެރިކަމެއް ކޫފާއިން ފާޅެއް ވެސް ނުވެއެވެ. މި ހާދިސާއަށް ފަހު މީހުންގެ މެދުގައި ޔަޒީދަށް ތާއީދު އިތުރުވެ ޙުސައިންގެފާނާ ދެކޮޅުވުން ފެށުނެވެ. އޭގެ ފަހުން އަމްރު ބުނު ސާދު ބުނު އާސް އިސްކޮށް ހަނގުރާމަ ގާފިލާއެއް ތައްޔާރުކޮށް، ހައްޖު މޫސުމުގައި ޙުސައިންގެފާނު ޝަހީދުކޮށްލުމަށް މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު އެކަލޭގެފާނަށް ލިބިލެއްވި އެވެ. އެހެންކަމުން ހައްޖުދުވަހުގެ ކުރީ ދުވަހު، ޛުލްހައްޖު މަހުގެ 8 ގައި، އުމުރާވެވަޑައިގެން، މައްކާ ދޫކުރައްވާ ވަޑައިގެންނެވިއެވެ. އެއީ ރޭވެމުން ދިޔަ ހާދިސާގެ ސަބަބުން ކައުބާގެ ހުރުމަތް ކުޑަވެގެން ހިނގައިދާނެ ކަމަށްޓަކައެވެ. 

މައްކާ ދޫކުރައްވާ ވަޑައިގެންނެވުމުގެ ކުރިން ޙުސައިންގެފާނު ކައުބާގައި ތަގްރީރު ކުރެއްވިއެވެ. އަދި ކައުބާގެ ހުރުމަތް ކެނޑޭފަދަ އެއްވެސް ކަމެއް ހިނގިޔަދޭން ނޭދޭކަމަށާއި، އެކަލޭގެފާނުގެ އަދުއްވުން އެވަނީ ދީނުގެ ހައްދުތައް ފަހަނަގޮސް ކަމުގައި ފާހަގަކުރެއްވިއެވެ. 

ޙުސައިންގެފާނު ކޫފާއަށް ދަތުރު ކުރެއްވުމަށް ނިންމެވުމާ ގުޅިގެން އަބްދުﷲ ބުން އައްބާސް އާއި އަބްދުﷲ ބުން ޒުބައިރު ޙުސައިންގެފާނާއި ބައްދަލްކޮށް އެ ދަތުރު ނުކުރެއްވުމަށް ހިޔާލުދެއްވި އެވެ. އަދި ދަތުރު ކުރައްވާ ނަމަވެސް، ދަތުރުގައި އަންހެނުންނާއި ކުޑަކުދިން ނުގެންދިއުމަށް ލަފާދެއްވި އެވެ. ނަމަވެސް ޙުސައިންގެފާނު ނިންމެވީ ކުރިންވެސް ނިންމާފައިވާ ގޮތަށް ދަތުރުކުރެއްވުމަށެވެ. އަދި ދަތުރު ކުރެއްވުމުގެ އެއް ދުވަސް ކުރިން މުސްލިމުންނަށް ޚުތުބާއެއް ދެއްވިއެވެ.

ގާފިލާ ކޫފާއަށް ދަތުރުކުރުމުގެ މަގުމަތީގައި މުސްލިމް ބުން އަގީލް ޝަހީދުކޮށްލެވުނު ހަބަރު ލިބުނެވެ. އެހެންނަމަވެސް ޙުސައިންގެފާނު ނިންމެވީ ދަތުރު ކުރިއަށް ގެންދުމަށެވެ. އަދި ގައިސް ބުނު މުސާހިރު އައް ސައިދަވީ ކޫފާގެ ވެރިންނާ ބައްދަލުކުރުމަށް ފޮނުވިއެވެ. ނަމަވެސް ގައިސް ހައްޔަރުކޮށް ޝަހީދުކޮށްލެވުނެވެ. 

ދަތުރުފުޅުގައި ގެންދެވީ، އެކަލޭގެފާނުގެ އާއިލާ އާއި، ހަސަނުގެފާނުގެ ބޭބޭފުޅުންނާއި، މުސްލިމް ބިން އަގީލްގެ ބޭބޭފުޅުންނެވެ. ގާތްގަނޑަކަށް 100 ވަރަކަށް މީހުންގެ ވަފްދަކާ އެކު ، ޙުސައިންގެފާނުގެ ގާފިލާ ކޫފާއާ ދެ ދުވަހުގެ މުއްދަތަށް ކައިރި ވެފައި ވަނިކޮށް ޔަޒީދުގެ ލަޝްކަރާ ބައްދަލު ވިއެވެ. ލަޝްކަރުގެ ވެރިއަކީ ހޫރް ބުން ރައިހީ އެވެ. އެމީހުން ތިބީ ޙުސައިންގެފާނާ އެއް ކޮޅަށްތޯ ނުވަތަ ދެކޮޅަށްތޯ ސުވާލުކުރިއެވެ. އެމީހުންގެ ޖަވާބަކީ ޙުސައިންގެފާނާ ދެކޮޅުކަމެވެ. އަދި އެހިސާބުން އެނބުރި ދިއުމަށް ޙުސައިންގެފާނު ހިޔާލު ކުރެއްވި އެވެ. ނަމަވެސް ޙުސައިންގެފާނު އެނބުރި މަދީނާއަށް ދިއުމަށް ހޫރް ހުރަސް އެޅިއެވެ. މުޙައްމަދުގެފާނުގެ އާއިލާގެ ބޭފުޅުންނަށް ކަރުބަލާއަށް އާދެވުނީ 2 މުހައްރަމް 61ހ. ގައެވެ. އެމީހުން އެބިމުގައި މަޑުކޮށްގެން ތިބުމަށް ހޫރު އަމުރުކުރިއެވެ. 

ރޫމީންގެ ސިޓީ އަކާ ހަނގުރާމަ އަށް ތުރުކީވިލާތައް ދަތުރު ކުރަމުން ދިޔަ ހަތަރު ހާސް ސިފައިންގެ މައްޗަށް އެކުލެވޭ ގާފިލާ އެއްގެ މިސްރާބު ބަދަލުކޮށް ހުސެއިންގެފާނާ ބައްދަލު ކުރުމަށް ޔަޒީދު އަމުރުކުރިއެވެ.

ހަނގުރާމައިގެ ލީޑަރަކަށް އައްޔަން ކުރެވުނީ އުމަރު ބުން ސައާދެވެ. ފުރަތަމަ އޭނާ އިންކާރުކުރިއެވެ.  ނަމަވެސް އިންކާރު ކޮށްފިނަމަ އޭނާއަށް ހަވާލުކޮށްފައި އޮތް ގަވަރުނަރުކަން އަތުލާނެ ކަމުގެ ބިރު ދެއްކުމުން އެންމެ ފަހުން އެއްބަސް ވީއެވެ. އޭނާއަށް އަމުރު ކުރެވުނީ މުހައްރަމް 6 ވަނަ ދުވަހު ހަނގުރާމަ ފެށުމަށެވެ. އޭނާގެ ލަޝްކަރު ކަރުބަލާގެ މައިދާނަށް ދިޔައީ 3 މުހައްރަމް 61ހ. ގައެވެ.

ހަނގުރާމައިގެ ކަން ކުރަންވީ ގޮތް އަންގާ އިބްނި ޒިޔާދް، އުމަރު ބުން ސައުދަށް ފޮނުވި ސިޓީގައި ވަނީ ޙުސައިންގެ ފާނުގެ ގާފިލާ ބޯފެން ލިބޭނެ މަގުތައް ބަންދުކުރުމަށެވެ. އެހެންކަމުން 5،000 އަސްވާރުން ފޮނުވައިގެން [[ފުރާތު ކޯރު]] ސަރަހައްދު ބަންދު ކުރިއެވެ. ޙުސައިންގެފާނުގެ ގާފިލާއިން މިކަމާ މަޝްވަރާ ކުރުމުންވެސް ފެނުގެ ފެން ލިބޭނެ ގޮތެއް ނުވިއެވެ. މުހައްރަމް މަހުގެ 10 ވަނަ ދުވަހު، ހަނގުރާމަ ފެށުމާ ހަމައަށް ވެސް ފެން ލިބުން ވަނީ ބަންދުވެފައެވެ. 

ލަސްނުކޮށް ހަނގުރާމަ ފެށުމަށް ޒިޔާދު ސައާދަށް ކުރި އަމުރާއެކު މުހައްރަމް 9 ވަނަ ދުވަހު މެންދުރު ފަހު ޙުސައިންގެފާނުގެ ގާފިލާއާ ކައިރި ކުރިއެވެ. ނަމަވެސް ޙުސައިންގެފާނުގެ ފަރާތުން އައްބާސް ބުން ޢަލީ ފޮނުވައި ސައާދުއާ ވާހަކަ ދައްކައިގެން ހަނގުރާމަ ފެށުން ޖެހިގެން އަންނަ ދުވަހުގެ ހެނދުނާ ހަމައަށް ފަސްކުރުމަށް އެދުނެވެ. އެއީ ރޭގަނނޑު އަޅުކަމުގައި ދެމިތިބުމުގެ ބޭނުމުގައެވެ. މިކަމާ ސައާދު އެއްބަސްވިއެވެ. 

އެރޭގައި، ޙުސައިންގެފާނު މީސްތަކުން އެއްކުރައްވައި، ބޭނުން މީހަކު ރޭ އަނދިރި ކަމުގައި ފިލައިގެން ދިއުމަށް އިޒުނަ ދެއްވިއެވެ. އަދި އެކަލޭގެފާނާ އެކު މައިދާނުގައި މަޑުކޮށްފި ނަމަ ހަނގުރާމައިގައި މަރުވެދިއުމުގެ ފުރުސަތު ބޮޑުކަމުގައި އެންގެވިއެވެ. ނަމަވެސް އެއްވެސް މީހަކު އެރޭގައި ޙުސައިންގެފާނު ދޫކޮށް ދާކަށް ބޭނުމެއް ނުވިއެވެ. ދެން އެންމެން މުޅި ރޭގައި ނަމާދުކޮށް ދުއާ ކުރުމުގައި ދެމިތިއްބެވެ.

މުޙައްރަމް 10 ވަނަ ދުވަހު، ނުވަތަ އާޝޫރާ ދުވަހު ޙުސައިންގެފާނުގެ އަސްހާބުންނާ އެކު ފަތިސް ނަމާދު ކުރައްވައި ހަނގުރާމައިގެ ލަޝްކަރު ރުކުރުވާލެއްވިއެވެ. ލަޝްކަރުގެ ކަނާތްފަރާތު ލީޑަރަކަށް ހަމަޖެއްސެވީ ޒުހައިރު ބުން ގައިން އެވެ. އަދި ވާތް ފަރާތަށް ހަބީބް ބުން މުޒާހިރެވެ. ލަޝްކަރުގެ ވެރިއަކަށް ހުންނެވީ އައްބާސް ބުން ޢަލީ އެވެ.  ޙުސައިންގެފާނުގެ ލަޝްކަރުގެ އަދަދަކީ 32 އަސްވާރުންނާއި، 40 ހަނގުރާމަވެރިންނެވެ. ޙުސައިންގެފާނު ސަވާރުވެގެން އިންނެވީ ޒުލްޖަނާ އެވެ ކިޔުނު އަސްކޮޅަށެވެ. 

ޙުސައިންގެފާނު މީސްތަކުންގެ ކިބައިން އެދުނީ މާތް ﷲ ގެ ރަސްކަންފުޅަށްޓަކައި އެކަލޭގެފާނާ ބައިވެރި ވުމަށެވެ. އަދި މުހައްމަދުގެފާނުގެ އާއިލާ ރައްކާތެރި ކޮށްދިނުމަށެވެ. ޙުސައިންގެފާނުގެ މި ޚުތުބާގެ ސަބަބުން، ތަމީމް އަދި ހަމްދާން ވަންހައިގެ ކޮމާންޑަރު ހޫރް އަށް ފުން އަސަރު ކޮށް، އޭނާ ސައާދުގެ ލަޝަކަރު ދޫކޮށް ޙުސައިންގެފާނާ ގުޅިވަޑައިގަތެވެ. އަދި ޔަޒީދު، އޭނާގެ އެންމެ އިސް ކޮމާންޑަރު، ޝިމްރް ބުން ތިލްޖައުޝާން ފޮނުވައި، އުމަރު ބުން ސައާދުގެ ބަދަލުގައި ހަމަޖެއްސިއެވެ. 

ހަނގުރާމަ ފެށުމުގެ ކުރިން ޙުސައިންގެފާނު އަހަށް ސަވާރުވެވަޑައިގެން، ހަތިމް އަތަށް ނަންގަވައި، މީސްތަކުން ކުރިމައްޗަށް ވަޑައިގެން، ހުތުބާ ދެއްވި އެވެ. ދީނުގެ ވާޖިބުތައް އަދާކުރުންމަތީ ދެމި ތިބުމަށް ގޮވާލެއްވިއެވެ.

 ހުސެއިންގެފާނާ ކުރިމަތިލައިގެން ތިބި ހަނގުރާމަވެރިން އެކަލޭގެފާނުގެ ހަށިކޮޅަށް ގެއްލުމެއްދޭން ތިބީ ނުކުރިފައެވެ. ކޮންމެ ގޮތެއްގައި ވިޔަސް އެއީ ކީރިތި ރަސޫލާގެ ކާފަ ދަރިކަލުންނެވެ. ހުސެއިންގެފާނުގެ ލޭ އެއިން އެއްވެސް މީހެއްގެ އަތުގައި އުނގުޅާކަށް ބޭނުމެއް ނުވެއެވެ. އިދިކޮޅުގައި ތިބި ބައެއް ސިފައިން ހުސެއިންގެފާނުގެ ކޮޅަށް އެނބުރުނުވެސް މެއެވެ.

މިހެން މި ގޮތަށް ވަގުތުތައް ދަނިކޮށް، އިދިކޮޅުގައި ހުރި ލެޔަށް ފެންބޮވައިގަނެފައިވާ ޝިމްރް ނަމަކަށް ކިޔާ ހަނގުރާމަ ވެރިޔަކާ އޭނާ އާ ބައިވެރިވި ބަޔަކު، ހަނގުރާމައިގައި ދުނިދަނޑިއާއި ލޮންސި ބޭނުން ނުކުރުމަށް ވަނީ އެއްބަސް ވެފައިވަނިކޮށްވެސް، ދުނިދަނޑިތަކާއި ލޮންސިތަކުން ކުއްލިއަކަށް ހުސެއިންގެފާނުގެ ފައުޖަށް ހަމަލާ ދިނެވެ. އެކަލޭގެފާނުގެ ކުރިފުޅުމަތީގައި އަނިޔާވެރިންގެ ވިހަ ހަމަލާ ތަކުން ލޮބުވެތި އާއިލާގެ މެމްބަރުންތައް ޝަހީދު ވަމުން ދިޔައެވެ.

ހަމަލާއަށް ރައްދު ދެއްވާ، ހުސެއިންގެފާނު ގަބޫލު ކުރެއްވި މަތިވެރި އަގީދާގެ މަތީގައި ހުންނަވާ، އިސްލާމް ދީނުގެ ހައްގުގައި، ހިތްވަރާ އެކު ދުޝްމަނުންނަށް ހަމަލާ ދެއްވާ އެންމެ ފަހު ވަގުތާ ޖެހެންދެން ހިތްވަރު ކުރެއްވިއެވެ.

ޙުސައިންގެފާނުގެ ސަހާބީން ޝަހީދުވުމަށް ފަހު، އެކަލޭފާނުގެ ތިމާގެ ބޭފުޅުން ހަނގުރާމައަށް ނުކުތުމުގެ އިޒުނައަށް އެދުނެވެ. މުޙައްމަދުގެފާނާއި ޢަލީގެފާނުގެ ދަރިކޮޅު ކަމުގައިވާ ބަނޫ ހާޝިމް ވަންހައިގެ މީހުން ފަހަރަކު މީހަކު ޙުސައިންގެފާނާ ބައްދަލް ކުރަމުން ދިޔައެވެ. ހާޝިމް ވަންހައިގެ ތެރެއިން ހަނގުރާމައަށް ނުކުތުމުގެ އިޒުނަ ފުރަތަމަ ލިބުނު ބޭފުޅަކީ ޙުސައިންގެފާނުގެ ދަރިކަލުން ޢަލީ އަލް އަކްބަރު ބުނު ޙުސައިން އެވެ. 

ޔަޒީދުގެ ގާފިލާއަށް ޙުސައިންގެފާނު ދެންނެވީ، އެކަކާ އެކަކު ކުރިމަތިލުމަށެވެ. މިކަމަށް ދެފަރާތުންވެސް އެއްބަސްވިއެވެ. އަދި ޙުސައިންގެފާނާ ކުރިމަތިލީ ކޮންމެ މީހަކު ޝަހީދު ކުރެވުނެވެ. އަދި އެތައް ފަހަރަކު ދުޝްމަނުން ފަހަތަށް ޖެއްސިއެވެ. ޙުސައިންގެފާނާއި، ދަރިކަލުން ޢަލީ އަލް އަކްބަރް އާ ދެބަފައިކަލުން ހަނގުރާމައިގައި ކުރިއަށް ވަޑައިގެން، ދުޝްމަނުންގެ ސަފުތައް ރޫޅާ ލެއްވިއެވެ. 

ސީރިޔާ ލަޝްކަރުގެ ވަރަށް އެތެރެއަށް ޙުސައިންގެފާނު ގޮސްފައި ވަނިކޮށް، ދުޝްމަނުން އެކަލޭގެފާނާއި ފޭލިގެއާ ދެމެދުގައި ވާތީ ފެނި ގޮވާލެއްވި އެވެ. 

ދެން ދުޝްމަނުން އެނބުރި އެކަލޭގެފާނާ ކުރިމަތި ލިއެވެ. އަދި އެކަލޭގެފާނަށް އެތައް ޒަހަމެއް ލިބިވަޑައިގެން، ވަރުބަލިކަމުގައި ހިނދުކޮޅެއް ހިމޭންވެލެއްވިއެވެ. އެވަގުތުގައި ދުޝްމަނުންގެ މީހަކު ހިލަޔަކުން އެކަލޭގެފާނުގެ ނިތްކުރިފުޅުގައި ޖަހައި ޝަހީދު ކޮށްލިއެވެ. އެޒަހަމުން ނުކުތް ލޭ ސާފުކުރަމުން ދަނިކޮށް މީހަކު އެކަލޭގެފާނުގެ މެއަށް ތީރެއް ޖެހިއެވެ. ދެން އެކަލޭގެފާނު މޫނުފުޅު އުފުލާލެއްވިއެވެ. އަދި ވިދާޅުވިއެވެ. މާތްރަސްކަލާކޮ! އެމީހުން އެ ޝަހީދުކުރީ  މާތްﷲގެ ރަސޫލާގެ ދަރިކަނބަލުންގެ ދުނިޔޭގައި ހުރި ހަމައެކަނި ދަރިކަލުން ކަން އިބަ ރަސްކަލާންގެ ދެނެވޮޑިގެން ވެއެވެ. އަދި މެއަށް ހެރިފައިވާ ތީރު އުފުރާލެއްވިއެވެ. އެއާ އެކު ލޭތައް ހޯސްލާފައި ފައިބާގަތެވެ. 

މި ހަމަލާއާ އެކު އެކަލޭގެފާނު ވަރަށް ބޮޑަށް ބަލިފުޅުވެ ވަޑައިގެން، ހަމަލާދެއްވުން ހުއްޓަވާލެއްވިއެވެ. އެއާ އެކު ދުޝްމަނު ހަނގުރާމަވެރިންވެސް ހަމަލާދިނުން ހުއްޓާލިއެވެ. ނަމަވެސް އެތަނުން އެކަކު ޙުސައިންގެފާނާ ހަމައަށް ގޮސް، ކަނޑިން، އެކަލޭފާނުގެ އިސްތަށިފުޅަށް ހަމަލާ ދިނެވެ. 

ދެންވެސް ދުޝްމަނުން ހަމަލާ ދިނުމަށް ފަސްޖެހުނެވެ. ނަމަވެސް އެކަލޭގެފާނު ވަށާލައިގެން ތިބީއެވެ. އެހިނދު، އަބްދުﷲ ބުން ހަސަން ފޭލިގޭން ނުކުމެ ދުވެފައި އައެވެ. ދުޝްމަނުންގެ ހަނގުރާމަވެރިޔަކު ޙުސައިންގެފާނު ޝަހީދުކުރުމަށް ކަނޑި މަޅައިގަތުމުން އަބްދުﷲ އަތް އުފުއްލަވައި ހަމަލާއަށް ހުރަސް އެޅުއްވުމުން، އޭނާގެ އަތް ބުރިކޮށްލިއެވެ. އެހިނދު ޙުސައިންގެފާނު އަބްދުﷲ ގެ ހަށިކޮޅުގައޮ ބައްދާލެއްވިއެވެ. ނަމަވެސް އޭރު އަބްދުﷲގެ ހަށިކޮޅަށް ވަނީ ތީރެއް ޖަހާފައެވެ. 

ޙުސައިންގެފާނު އަހަށް ސަވާރުވެ އެނބުރި ދިއުމަށް މަސައްކަތް ކުރެއްވުމުން ޔަޒީދުގެ ލަޝްކަރުން ހަމަލާ ދިނެވެ. އަދި މާ ބޮޑަށް ޒަހަމްވުމުން އަހުން ފައިބަންނަވާ، ގަހެއްގައި ލެނގިވަޑައިގެން އިންނެވިއެވެ. 

ދެން އުމަރު ބުން ސައާދު އޭނާގެ ހަނގުރާމަވެރިއަކަށް، ޙުސައިންގެފާނު ޝަހީދުކުރުމަށް އަމުރު ކުރިއެވެ. ޚުވާލީ އިބްން ޔަޒީދު އަލް އަސްބަހީ އެކަމަށް ޖެހިލުން ވިއެވެ. އެއަށް ފަހު ޝިމްރު އިބްން ދިލްޖައުޝަން އަހުން ފައިބާ، އޭނާގެ ކަނޑިން ޖަހައި ޙުސައިންގެފާނުގެ ކަނދުރާ ވަކިކޮށްލިއެވެ. ކަނދުރާ ވަކިކޮށްލުމުގެ ކުރިން، ޙުސައިންގެފާނު ޝިމްރު ކުރެން "މިއަދު ނަމާދު ކުރިންތޯ" ސުވާލު ކުރެއްވިއެވެ. މި ސުވާލުން އޭނާއަށް ސިހުން ލިބުނެވެ. އެއީ އެފަދަ ބެކަލަކު އެފަދަ ހާލަތެއްގައި އަހާފާނެ ސުވާލެއްކަމަށް ހީވެފައި ނެތީމައެވެ. އަދި އިމާމް ހުސައިންގެފާނު އަސްރު ނަމާދު ކުރުމުގެ އިޒްނައަށް އެދުނެވެ. ޝިމްރު އެ ހުއްދަ ދިނުމުން ޙުސައިންގެފާނު ނަމާދު ފެއްޓެވިއެވެ. އަދި ސަޖިދައަށް ތިރިވެވަޑައިގަތުމުން، ޝިމްރު ކަނޑި މަލައިގެންފައި ބުންޏެވެ. "މަތް ﷲ ގަންދީ ބުނަމެވެ. ތިއަބޭކަލަކީ އުއްމަތުގެ ނަބިއްޔާ މުހައްމަދުގެފާނުގެ ކާފަދަރިކަލުންކަމާއި، އަދި ތިޔައީ މައިފުށުންނާއި ބަފައި ފުށުން އެންމެ މާތް ބޭފުޅުން ކަން ދެނެހުރެ، ކަލޭގެފާނުގެ އިސްތަށިފުޅު ކަނދުރާއިން ވަކިކުރަމެވެ". އަދި އޭނާ ޙުސައިންގެފާނުގެ އިސްތަށިފުޅު އުފުލާލިއެވެ. އެއަށް ފަހު އިބްނު ސައާދުގެ ލަޝްކަރުގެ މީހުން އެކަލޭގެފާނުގެ ހަށިކޮޅުގައި ހުރި އަގުބޮޑު ގަހަނާތައް އަތުލައިގަތެވެ. 

މި ހިތާމަވެރި، ހާދިސާގައި، ހުސެއިންގެފާނުގެ އާއިލާގެ 72 މެމްބަރުން ޝަހީދު ކޮށްލިއެވެ. އޭގެ ތެރޭގައި އެކަލޭގެފާނުގެ އުމުރުން އެންމެ 6 މަހުގެ ފިރިހެން ދަރިކަލުން ވެސް ހިމެނުނެވެ. މި ހިތާމެރި ހާދިސާ ހިނގީ ހިޖްރައިން 61 ވަނަ އަހަރުގެ މުހައްރަމް މަހުގެ 10 ވަނަ (އާޝޫރާ) ދުވަހުއެވެ.  

އާޝޫރާ ދުވަހުގެ މެންދުރު ފަހު، އިބްނު ސައާދު، ޙުސައިންގެފާނުގެ އިސްތަށިފުޅު އިބްން ޒިޔާދަށް ފޮނުވިއެވެ. އަދި ހަނގުރާމަވެރިންގެ ބޯތައް ކަނދުރާއިން ވަކިކޮށް ކޫފާއަށް ފޮނުވަން ޒިޔާދު އަމުރު ކުރިއެވެ. ޖެހިގެން އައި ދުވަހުގެ މެންދުރާ ހަމައަށް އިބްން ސައާދު ކަރުބަލާގައި ހުއްޓެވެ. 

އިބްނު ސައާދުގެ ލަޝްކަރު ކަރުބަލާއިން އެނބުރި ދިއުމުން، ބަނޫ އަސްއަދު ގަބީލާގެ މީހުން އައިސް މަރުވެފައިވާ މީހުންތައް ވަޅުލިއެވެ. ޙުސައިންގެފާނު ފިޔަވާ އެއްވެސް މީހެއްގެ މަހާނަ ފާހަގަ ވާނެ ގޮތެއް ނަހަދައެވެ. ޙުސައިންގެފާނުގެ މަހާނައިގައި ގަހެއް އިންދާފައި ހުއްޓެވެ. އޭގެ ފަހުން ޙުސައިންގެފާނުގެ ދަރިކަލުން ޢަލީ ކަރުބަލާއަށް ގޮސް ޙުސައިންގެފާނުގެ މަހާނަ ފާހަގަކުރިއެވެ.

މިއީ ހިޖުރައިން  61 ވަނަ އަހަރުގެ މުހައްރަމް މަހުގެ 10 ވަނަ ދުވަހު (10 އޮކްޓޯބަރ 680 މ.) ކަރުބަލާ (މިހާރުގެ އިރާގް) ގައި ހިނގާ ދިޔަ ކަރުބަލާ ހަނގުރާމައިގެ ވާހަކައެވެ.

އިސްލާމް ދީނާއި، ކީރިތި ރަސޫލާގެ ސުންނަތް މުސްލިމުންގެ މެދުގައި ނަގަހައްޓާއި ފަސާދަ އާއި އަނިޔާވެރި ކަމަށް ބޯ ނުލެންބެވި ހިތްވަރު ގަދަ މުޖާހިދު، އިމާމް ހުސެއިން ވިދާޅުވި ކަމަށް އޮންނަ ބަސްފުޅެއްގައި ވެއެވެ. "ޖިހާދުގެ ތެރެއިން އެންމެ މަތިވެރި ޖިހާދަކީ އަނިޔާވެރި ވެރިޔަކާ ދެކޮޅަށް ތެދުވުމެވެ. އަދި ހައްގު ބަސް ބުނުމެވެ." އެކަން އެކަލޭގެފާނު ކިތަންމެހާ ވެސް ރަނގަޅަށް ސާބިތު ކޮށްދެއްވިއެވެ.ހުސެއިންގެފާނު ޝަހީދު ކޮށްލެވުނު ހިތާމަވެރި ޙާދިސާ އަކީ މުސްލިމުންނަށް އެތައް އިބްރަތްތަކެއް، ފިލާވަޅުތަކެއް ލިއްބައިދޭ ހާދިސާއެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved