
ސަރުކާރުން ކުރިއަށްގެންދާ "އާއިލީ ބޯހިޔާވެހިކަން" ޕްރޮގްރާމުގެ ދަށުން ބިމާއި ފްލެޓަށް އެދި ހުށަހެޅުމުގެ ސުންގަޑި މިހާރު މިވަނީ ތިންވަނަ ފަހަރަށް އިތުރުކޮށްފައެވެ. އެންމެ ފުރަތަމަ މާޗު މަހަށް ކަނޑައެޅި ސުންގަޑި، އެޕްރީލް އަދި މެއި މަހަށް ބަދަލުކުރުމަށްފަހު، މިހާރު މިވަނީ ޖޫން 15 އަށް ދަންމާލާފައެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނަނީ މިއީ އީދު ބަންދާއި ލިޔެކިއުންތައް ހަމަކުރަން ދިމާވާ ދަތިތަކުގެ ސަބަބުން ދިން އިތުރު ފުރުސަތެއް ކަމަށެވެ.
ނަމަވެސް، މިކަމުގެ ފަހަތުގައި އޮތީ ހަގީގަތުގައި ކޮން ކަމެއްތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިގޮތަށް ތަކުރާރުކޮށް ސުންގަޑި ދަންމަމުން މިދަނީ ރައްޔިތުންނަށް ފްލެޓާއި ބިން ދޭން ބޭނުންވާ ފައިސާ ސަރުކާރުގައި ނެތުމުން ވަގުތު ހޯދުމަށެވެ. މިއީ މި ލިސްޓުތަކަށް ނުފޫޒު ފޯރުވައި، ވަކި ބަޔަކަށް މަންފާ ހޯދައިދިނުމަށް ހިންގާ އޮޅުވާލުމެއް ކަމަށްވެސް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.
ސަރުކާރުން 15,000 ބިމާއި 7,900 ފްލެޓްގެ ވާހަކަ ދައްކާއިރު، އަމަލީ ގޮތުން އެއްވެސް މަސައްކަތެއް ނުފެނި، ހަމައެކަނި ތާރީޚުތައް ބަދަލުކުރުމަކީ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުން ކަމަށް ބެލެވެއެވެ. ޕޯޓަލްގެ މައްސަލަތަކާއި އީ-ފާސްގެ ދަތިތަކުގެ ބަހަނާ ދައްކައިގެން މިވަރުގެ ބޮޑު މަޝްރޫއެއް ލަސްކުރަމުން ދިއުމަކީ ބޯހިޔާވެހިކަމަށް ފެންބޮވައިގެންފައިވާ ރައްޔިތުންނަށް ކުރެވޭ މަލާމާތެކެވެ.
ސަރުކާރުން މި އުޅެނީ ހަމަ ހަގީގަތުގައިވެސް ރައްޔިތުންނަށް ބޯހިޔާވެހިކަން ދޭންތޯ ނުވަތަ މިއީ ހަމައެކަނި ވަގުތު ފާއިތުކޮށް، ފައިސާގެ ނާޖާއިޒު ފައިދާ ނެގުމަށް ކުރާ ކަމެއްތޯ މިހާރު ވަނީ ސުވާލު އުފެދިފައެވެ. އަމަލީ މަސައްކަތެއް ނުފެށި މިގޮތަށް ސުންގަޑިތައް އިތުރުވަމުން ދިއުމަކީ މަޝްރޫއުގެ އިތުބާރު ގެއްލި، ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އިތުރުވަމުންދާ ކަމެކެވެ.










