
ސަރުކާރު ހިންގާ ޕީއެންސީއަށް ވިދިވިދިގެން ތިން އިންތިޚާބުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހުމަކީ މިއަދު ސަރުކާރުން ފުންކޮށް ވިސްނާލަން ޖެހޭ ކަމެކެވެ. އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ރަން ގޮނޑި ސޯބެ ކާމިޔާބު ކުރެއްވުމާއެކު، ސަރުކާރަށް މިވަނީ ވަރުގަދަ ފިލާވަޅެއް ލިބިފައެވެ. އޭޕްރީލް މަހު ބޭއްވި ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ އިތުރުން ރެފްރަންޑަމްގައި ރައްޔިތުން ސަރުކާރަށް ބޮޑުތަނުން 'ނޫނެކޭ' ބުނިތާ މާގިނަ ދުވަހެއް ނުވަނީސް، ބޮޑު އައްޑޫ ސިޓީއިންވެސް މިވަނީ ސަރުކާރުގެ މޫނުމަތީގައި 'ނޯ' އެއް ޖަހާފައެވެ.
މިއަދު ރައީސް މުއިއްޒާއި ސަރުކާރުން ހުރިހާ ކަމެއް ހުއްޓާލުމަށްފަހު އަމިއްލަ ނަފްސާއި މުޅި ދައުލަތް 'އިވެލުއޭޓް' ކުރަން އެބަޖެހެއެވެ. ރައްޔިތުން ތިމާއާ ދެކޮޅުވަނީ ކީއްވެގެންތޯ ބަލައި، ސަރުކާރުގެ ސިޔާސަތުތައް މުރާޖައާ ކުރަން ޖެހެއެވެ. ވެރިކަމަކީ ރައްޔިތުންގެ ބާރުން ފެށި، ރައްޔިތުންގެ ލޯބިން ދެމެހެއްޓޭ އެއްޗެކެވެ. ގޮށްމުށުގެ ބާރުންނާއި ބިރުދެއްކުމުން ވެރިކަން ދެމެހެއްޓޭނެ ކަމަށް ހީކުރުމަކީ ކުށްހީއެއްކަން މި އިންތިޚާބުތަކުގެ ނަތީޖާއިން ވަރަށް ސާފުކޮށް ފެންނަން އެބައޮތެވެ.
ކުށެއް ކުރެވުމުން އެކަން ގަބޫލުކޮށް މާފަށް އެދުމަކީ ވެރިއެއްގެ ހުރި މާތް ސިފައެކެވެ. ނަމަވެސް، ސަރުކާރާއި ވެރިމީހާގެ ގޯސް ސިފަތަކުގެ ވާހަކަ ދައްކާ މީހުންނަށް ހަރުކަށި އަދަބުދީ، ރައްޔިތުންގެ މިނިވަންކަން ނަގާލުމަކީ ސީދާ 'ޑިކްޓޭޓަރެއްގެ' ސިފައެކެވެ. ރައްޔިތުން މިއަދު ސަރުކާރަށް ނޫނެކޭ ބުނަނީ ސަބަބުތަކެއް ހުރީމައެވެ. ރަނގަޅު ވެރިންނަކީ އެ ސަބަބުތައް ހޯދައި ބަލައި، ކަންކަން އިސްލާހު ކުރާ މީހުންނެވެ.
ކާމިޔާބީގެ މަންޒަރުތައް ދެއްކުމާއި، އަޑުގަދަކޮށް ޕްރޮޕެގެންޑާ ފެތުރުމަށްވުރެ، ރައްޔިތުންގެ ހިތްތަކުގައި ލޯބި ބިންވަޅު ނެގުން މާ މުހިންމެވެ. ސަރުކާރަށް އަދިވެސް ވަގުތު އެބައޮތެވެ. ރައްޔިތުންގެ އިހުސާސްތަކަށް އިހުތިރާމްކޮށް، ގޮށްމުށުގެ ބާރު ދޫކޮށްލައި، އިސްލާހުގެ މަގަށް ރުޖޫއަ ނުވެއްޖެނަމަ، ކުރިއަށް އޮތް ތަނުގައި ފެންނާނީ މިއަށްވުރެ ހިތްދަތި މަންޒަރުތަކެކެވެ. "މަންޒަރުވެސް މުހިންމު، އަޑުވެސް މުހިންމު، މި ދެކަމަށްވުރެން ކާމިޔާބަށް އެދޭނަމަ، އެތެރޭން ބިންވަޅު ނެގިންދާ ލޯބި، މާ މުހިންމު" ކަމީ މިއަދުގެ ސަރުކާރުން ގަބޫލުކުރަންޖެހޭ އެންމެ ބޮޑު ހަގީގަތެވެ.










