June 27, 2026
Advertisement
-
-

ސޫޓްކޭސްއަކުން މަރުވެފައި އޮތް ކުއްޖަކު ފެނުނު މައްސަލާގައި އޮސްޓްރޭލިއާ މީހަކު ހައްޔަރުކޮށްފި

Aiminath Sarah
އައިމިނަތް ސާރާ
Jun 27, 2026, 02:17 PM
މާލެ ސިޓީ

ތައިލެންޑްގެ މަޝްހޫރު ރިސޯޓް ސިޓީ، ޕަޓާޔާ ކައިރިން ސޫޓްކޭސްއެއްގެ ތެރެއިން 17 އަހަރުގެ އަންހެން ކުއްޖަކު މަރާލާފައި އޮއްވާ ފެނުނު މައްސަލާގައި އޮސްޓްރޭލިއާގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

Advertisement

ފުލުހުންނާއި ލޯކަލް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި މަރުގެ މައްސަލާގައި ތުހުމަތު ކުރެވޭ އުމުރުން 46 އަހަރުގެ ސައިމަން ކާމަން ހައްޔަރުކުރީ ހުކުރު ދުވަހުގެ ހަވީރު ބެންކޮކްގެ ސުވަރނަބޫމީ އެއާޕޯޓުންނެވެ. އޭނާ ހައްޔަރުކުރީ އޮސްޓްރޭލިއާގެ ޕާތަށް ދިއުމަށް ފްލައިޓަށް އަރަން ތައްޔާރުވަމުން ދަނިކޮށެވެ.

މި މައްސަލައިގެ ތަހުގީގަށް ހޯދާފައިވާ ސީސީޓީވީ ފޫޓޭޖްތަކުން ފެންނަ ގޮތުގައި، ބުރާސްފަތި ދުވަހުގެ ހެނދުނު އެ އަންހެން ކުއްޖާ ވަނީ ކާމަންއާ އެކު ކޮންޑޮމިނިއަމް އަކަށް ވަދެފައެވެ. އޭގެ ގަޑިއެއްހާއިރު ފަހުން ކާމަން އެ އިމާރާތުން ނުކުމެގެން ދިޔައީ ކަޅުކުލައިގެ ބޮޑު ސޫޓްކޭސްއެއް ހިފައިގެންނެވެ. އަދި އެ ސޫޓްކޭސް ސައިކަލެއްގެ ފަހަތަށް އަރުވައިގެން އޭނާ ދުއްވާފައިދާ މަންޒަރުވެސް ކެމެރާތަކަށް ވަނީ އަރާފައެވެ.

އަންހެން ކުއްޖާގެ ހަށިގަނޑު ފެނިފައިވަނީ ރޭލު ދަގަނޑު ކައިރިއަށް އެއްލާލާފައި އޮތް ސޫޓްކޭސްއެއްގެ ތެރެއިންނެވެ. ފުލުހުން ބުނި ގޮތުގައި އެ ކުއްޖާގެ ހަށިގަނޑަށް ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ އިރު، މޫނުމަތީގައި ބޮޑެތި ޒަހަމްތަކެއް ހުއްޓެވެ.

މި ހާދިސާ ފަޅާއެރީ އެ އަންހެން ކުއްޖާގެ ޚަބަރެއް ނުވެގެން އޭނާގެ ރައްޓެހިން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން ހިންގި ތަހުގީގުގެ ތެރެއިންނެވެ. ފުލުހުން ވަނީ އޭނާ އެންމެ ފަހުން އުޅުނު ތަންތަން ބަލައި، އިމިގްރޭޝަނާ ގުޅިގެން ކާމަން ފުރުން ހުއްޓުވާފައެވެ.

ޕަޓާޔާ ސިޓީ ޕޮލިސް ސްޓޭޝަންގެ އިސްވެރިޔާ ޕޮލިސް ކާނަލް އަނެކް ސަރަތޮންގްޔޫ ވިދާޅުވީ، ކާމަންއާ ސުވާލުކުރަމުން ދަނީ ގަސްތުގައި މީހަކު މެރުމުގެ ތުހުމަތުގައި ކަމަށެވެ. ނަމަވެސް ކާމަން ވަނީ އެ އަންހެން ކުއްޖާ މަރާލި ކަމަށް އިންކާރުކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved