
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިބާރުވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު ހުދު ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން މި ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާ ހަމައަށެވެ. އެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، މި ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ބެލެވެއެވެ.
މިއަދުގެ މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު، އުތުރާއި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރި ނަމަވެސް، ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. ވައި ޖެހޭނެ ކަމަށް ބެލެވެނީ ހުޅަނގުދެކުނާއި ހުޅަނގުންނެވެ. އެގޮތުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭއިރު، އެހެން ހިސާބުތަކަށް ވައިގެ ބާރުމިން ހުންނާނީ ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގައެވެ.
ކަނޑުގެ ހާލަތަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް މަޑުވާނެ ކަމަށާއި، ނަމަވެސް ރާއްޖޭގެ އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މައުލޫމާތު ދެއެވެ. އެހެންކަމުން ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން އިލްތިމާސް ކުރެއެވެ.










