ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އަދުގެ ސަރުކާރުގެ ވެރިން ގެންގުޅުނު މަރިޔަނބަކީވެސް ކަތިވަޅިޔަކީ ވެސް އަދި ކޮށި ދަނޑަކީ ވެސް ރައީސް އަބްދުﷲ ޔާމީން ކަމަށް އެމަނިކުފާނުގެ ޕާޓީ، ޕީޕަލްސް ނޭޝަނަލް ފްރޮންޓު (ޕީއެނއެފް) އުފެއްދެވުމުގައި އިސްކޮށް އުޅުއްވާ ކުރީގެ މަޖިލިސް މެމްބަރު އަހުމަދު ފާއިޒު ވިދާޅުވެއްޖެއެވެ.
ޗެނަލް13 އިން ގެނެސްދޭ ، "ޕީއެންއެފް އަދާހަމަ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ފާއިޒުވަނީ މިހާރު ސަރުކާރުގެ ވެރިން، ރައީސް ޔާމީންއާ އެމަނިކުފާނުގެ ބައިވެރިންނަށް ނުސީދާކޮށް އަމާޒުކުރަމުން ގެންދާ ބަހުގެ ހަމަލާތަކަށް އަލި އަލުވާލައްވާފައެވެ.
އެގޮތުން ދާދި ފަހުން މި ސަރުކާރުގެ އިސް ވަޒީރު އަބްދުއްރަހީމު އަބްދުﷲ (އަދުރޭ) ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލަށް އަމާޒުކޮށް މަޖާޒީ ގޮތަށް އަމާޒުކުރެއްވި ބަހުގެ ހަމަލާއަށް ރައްދު ދެއްވަމުން ފާއިޒު ވިދާޅުވީ، އަދުގެ ވެރިން އިންތިހާބަށް ގެންގުޅުނު ކަތިވަޅިޔަކީ އަދި މަރިޔަނބަކީ ވެސް ރައީސް ޔާމީން ކަމަށާ ކޮށިއްޔާ ކޮށިހާ ދަނޑެއް ކޮށީ ރައީސް ޔާމީންގެ ނަންފުޅުގައި ކަމަށެވެ.
އެހެންކަމުން ކާކަށް ގެއްލުނީ ކޯއްޗެއްކަން މިހާރު ވަރަށް ރަގަޅަށް އެނގިގެން ދާކަމަށާ އަދި އެކަން މަޖިލިސް އިންތިހާބަށް ފަހު ﷲގެ އިރާދަފުޅުން އަދި ވަކިން ބޮޑަށް ހާމަވެގެން ދާނެ ކަމަށް ފާއިޒު ވިދާޅުވިއެވެ.
އިހަކަށް ދުވަހު އަބްދުއްރަހީމު އެބަ ވިދާޅުވެފައ ވޭ. ކޮށި ދަނޑާ ކަތިވަޅިޔާ މަރިޔނަބުވެސް ގެއްލިއްޖެއޭ ރައީސް ޔާމީންގެ ބައިވެރިންނަށް. އަޅަގޑު ދަންނަވާލާން އޮތީ، ރިޔާސީ އިންތިހާބަށް ދަނޑު ކޮށަން އެބޭފުޅުން ގެންގުޅުނު ކަތިވަޅަކީ އަދި މަރިޔަނބަކީވެސް ރައީސް ޔާމީންއޭ. މިއަދު އެހެންވީމަ އެބޭފުޅުންނަށް ގެއްލުނު އެއްޗެއް ގެއްލިފައި އޮތީ.
ފާއިޒު މިފަދައިން ވިދާޅުވެފައިވާއިރު، މިހާރު އޮތް ސަރުކާރަކީ ރައީސް ޔާމީންގެ ނަންފުޅާ އެމަނިކުފާނުގެ ހުސްގޮނޑި ދައްކައިގެން އަދި އެމަނިކުފާނުގެ ފޮޓޯފުޅު ވިއްކައިގެން އައި ސަރުކާރެއް ކަމަށް ގިނަ ބަޔަކު ގެންދަނީ ބުނަމުންނެވެ. އަދި މި ސަރުކާރުން ރައީސް ޔާމީންއާ މެދު އަމަލުކުރަމުން ދަނީ އިންސާފުން ބޭރުން ކަމަށާ އެކަމާ ސަރުކާރުގެ ވެރިން ލަދު ގަންނަން ޖެހޭނެ ކަމަށް ބުނެ ގިނަ ބަޔަކު ގެންދަނީ ސަރުކާރަށް ފާޑުކިޔާ ނުރުހުން އަމާޒުކުރަމުންކަން ފާހަގަކޮށްލެވެއެވެ.