March 23, 2026
Advertisement
ރައީސް ޔާމީން ޖަލްސާގައި ވާހަކަދައްކަވަނީ
ރައީސް ޔާމީން ޖަލްސާގައި ވާހަކަދައްކަވަނީ / ތޭރަ އޮންލައިން

މި ސަރުކާރުން މާޓީގެ މަރު ތަހުގީގު ކުރީ އާދައިގެ ގޮތަކަށް: ރައީސް ޔާމީން

Aishath Naja
އައިޝަތު ނަޖާ
Mar 25, 2024, 05:28 AM
މާލެ ސިޓީ

ކުރީ ސަރުކާރުގައި، ފުލުހުންގެ އިހުމާލުން މަރުވި، މަރްހޫމް އަބްދުﷲ ރަޝީދު (މާޓީ) ގެ މަރު، އަދުގެ ސަރުކާރުން ތަހުގީގު ކުރީ އާދައިގެ ގޮތަކަށް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ އާދިއްތަ ދުވަހުގެ ރޭ ފްރޮންޓް އޮފީހުގައި ކުރިޔަށް ދިޔަ ޖަލްސާއެއްގައި ހެންވެއިރު ދެކުނަށް ޕީއެންއެފްގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓަށް ސުވާލު އަމާޒުކުރައްވަމުންނެވެ.

އެގޮތުން ރައީސް ޔާމީން ވިދާޅުވީ މާޓީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މޭގައި ރިއްސާތީ އެވަރަށް އިލްތިމާސްކޮށްގެންވެސް ސިއްހީ ފަރުވާއަށް ގެންގޮސްފައި ނުވާކަން ނޫސްތަކުން އެނގޭކަމަށެވެ.

އަދި ސިއްހީ ފަރުވާއަށް ގެންދެވުނު ކަމަކަށް ފުލުހުން ހާމަކޮށްފައިނުވާކަން ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ނިމިދިޔަ ސަރުކާރުގައި މި މައްސަލަ "ކާޕެޓް ދަށަށް ސްވީޕް" ކޮށްލި މައްސަލައެއްގެ ގޮތުގައި ނިމިގެން ގޮސްފައިވާކަމަށްވެސް ރައީސް ޔާމިން ވަނީ ފާހަގަކުރައްވާފައެވެ.

އަދުގެ ސަރުކާރުގެ ހޯމް މިނިސްޓާރ އަލީ އިހުސާން ވިދާޅުވިގޮތުގައި މާޓީގެ މަރުގައި ފުލުހުންގެ އެއްވެސް އިހުމާލެއް ފެންނަން ނެތްކަމަށް ވިދާޅުވުމުން އެއީ ވަރަށް ކަންބޮޑުވާކަމެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

މި ސަރުކާރު އައިއްސަ އިހައް ދުވަހު ހޯމް މިނިސްޓަރ ވިދާޅުވީ މީގާ މާ ބޮޑަށް ފުލުހުންގެ އިހުމާލެއް އޮތްކަމެއް ނޫނީ ފުލުހުންގެ އިހުމާލެއް އޮތް ކަމަކަށް ނުފެނެޔޭ. ދެން މިހާ އާދައިގެ ގޮތަކަށް މިދިޔައީ. އެކަމަކު ރައްޔިތުންނަށް ނޭނގޭ ޖަވާބުތަކެއް، ނުލިބޭ ޖަވާބުތަކެއް އެބަހުރި. އެ ޖަވާބުތަކެއް އަދިވެސް ނުލިބޭ ފުލުހުން ގެ ފަރާތަކުންވެސް އަދި ހޯމް މިނިސްޓަރުގެ ފަރާތަކުންވެސް.

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް

ރައީސް ޔާމީން އިތުރަށް ވިދާޅުވީ ފުލުހުންގެ އިހުމާލެއް އެކަމުގައި ނެތް ކަމަށް ވިދާޅުވި ނަމަވެސް ރައްޔިތުންނަށް އެނގެންޖެހޭ އަދި ނޭނގޭ އެތައް ކަމެއް އެބަހުރިކަމަށެވެ.

ފުލުހުންގެ ފަރާތުން އަދި ހޯމްލޭންޑް މިނިސްޓަރުގެ ފަރާތުންވެސް އެކަމުގައި ރައްޔިތުންނަށް ވަރަށް ކަން ކަން ތިލަކޮށްދޭން ޖެހޭނެކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ނިމިދިޔަ ސަރުކާރުގައި ހިނގަދިޔަ މި މަރުގެ މައްސަލަ ތަހުގީގް ކުރުމަށް އަދުގެ ސަރުކާރުގައި ތިބި ފަރާތްތަކުން ވަނީ އޭރުގައި ގޮވާލާފައެވެ.

ނަމަވެސް ވެރިކަމަަށް އައުމަށްފަހު މާޓީގެ މަރުގެ މައްސަލަ ތަހުގީގު ކޮށް އެކަމުގައި ފުލުހުންގެ އިހުމާލެއް ނެތް ކަމަށް ބުނުމުން ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔުން އަމާޒުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved