ސަރުކާރުގެ ކެންޑިޑޭޓެއްގެ ގޮތުގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް ކުރިމަތިލައްވާ އާޒިމާ ޝަކޫރުގެ މައްޗައް ސާބިތު ދަރަންޏެއް އޮތްކަމަށް ނިންމާ ކޯޓުން ހުކުމް ކުރުމުން، މޭޔަރު އިންތިޚާބުން އެއްފަރާތް ވާންޖެހޭ ކަމަށް ރައީސް ޔާމީންގެ ޕާޓީ ޕީއެންއެފް އުފެއްދެވުމުގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.
މަލީހް މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން އާޒިމާއަކީ ސިޔާސީ ބޭފުޅެއް ނޫން ކަމަށް ޚުދު އާޒިމާ ވަނީ ބުނެފައި ކަމަށާއި އާޒިމާ މިފަދައިން ވިދާޅުވެފައިވަނީ ކަނޑު ވިއްކާލުމާއި ދެކޮޅަށް ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އޭގެއިތުރުން މަލީހް ވިދާޅުވީ ހުކުމާއި އެކު އާޒިމާ މޭޔަރުގެ ރޭހުން އެއްފަރާތް ވާންޖެހޭ ކަމަށެވެ.
ސަރުކާރުގެ ކެންޑިޑޭޓް މިޔަށް ވުރެ ސާފުވާން ޖެހޭނެ ކަމަށާއި މޭޔަރުގެ އިންތިޚާބު އަލުން ބޭއްވުމަކީ ޓެކްސް ޕޭޔަރުންނަށް ވެވޭ ބޭއިންސާފެއް ަކަމަށްވެސް މަލީހް ވަނީ އޭނާގެ ޕޯސްޓްގައި ފާހަގަކުރައްވާފައެވެ.
އާޒިމާއަށް ކޯޓަށް ހާޒިރުވުމަށް ތަކުރާރުކޮށް ޗިޓި ފޮނުވުމުން ވެސް ހުކުމްގެ މަޖިލީހަށް ހާޒިރުނުވެ އުޅުއްވާތީ އޭނާގެ ޣައިރު ހާޒިރުގައި ސިވިލް ކޯޓުން އަންގާރަ ދުވަހު ކުރި ހުކުމްގައި ވަނީ ޕްލެޓިނަމް ރެސިޑެންސުގެ ފްލެޓެއް ގަތުމަށް އިސްލާމިކް ބޭންކް (އެމްއައިބީ)ން އާޒިމާ ނަންގަވާފައިވާ ލޯނަކަށް ގަވައިދުން ފައިސާ ދައްކަވަމުން ނުދާ ކަމަށެވެ.