މި ސަރުކާރުން ނުދެއްކިގެން އުޅެނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ނަގާފައި ހުރި ލޯނުތަކެއް ކަމަށް ކުރީގެ ރައީސް އިބްރާހިމު މުހައްމަދު ސޯލިހު ބުނެފައިވާތީ، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާއަށް ޕީއެންއެފް ޓިކެޓުގައި ވާދަކުރާ އަހުމަދު މުހައްމަދު (ނިޝާް) ވިދާޅުވެއްޖެއެވެ.
މަޖިލިހަށް ޕީއެންއެފް ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންގެ ސިޔާސަތުތައް ހާމަކުރުމަށް ދަ ފްރޮންޓު އޮފީހުގައި ބާއްވަމުން ގެންދާ ޖަލްސަތަކުގެ ތެރެއިން އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ނިޝާން ވިދާޅުވީ، ރައީސް ޔާމީން ލޯނު ނެންގެވި ވާހަކަ ދައްކަން ރައީސް ސޯލިހު ލަދު ގަންނަން ޖެހޭނެ ކަމަށެވެ.
އެގޮތުން ނިޝާން ވިދާޅުވީ، ރައީސް ޔާމީން ލޯނު ނަންގަވައިގެން އަކުން ބަކުން ނުކުޅުއްވާ ކަމަށާ އެ ލޯނުތަކުން ގައުމަށް ގެނެސްދެއްވީ ތަރައްގީ ކަން މުޅި ގައުމުން ފެންނަން އެބަ ހުރި ކަމަށެވެ.
އެންމެ ކުޑަ މިނަށް ބަލާއިރު މީގެ ކުރިން މާލެކަން އެނގޭނީ އެންޓަނާ އެއް ފެނުނީނަމަ. ނަމަވެސް މިހާރު ފެންނާނީ 25 ބުރީގެ އިމާރާތެއް. އެވެސް ރައީސް ޔާމީންގެ ތަރައްގީ. ރައީސް ޔާމީން ލޯނު ނެގި ވާހަކަ ދައްކަނީ، ރައީސް ޔާމީން އެ ލޯނު ނަގައިގެން ކޮށްދެއްވީ ގައުމަށް ހިދުމަތް
ނިޝާން އިތުރަށް ވިދާޅުވީ ރައްޔިތުން ވެރިކަން ހަވާލުކުރީމާ އެ ރައްޔިތުންނަށް ހަރާން ކޯރުވުމަށް ފަހު މަޖިލިސް ހޯދަން ނުކުތަސް އެކަން ނުވާނެ ކަމަށާ ރައްޔިތުންނަށް އެމްޑީޕީއަކީ ކޮންބައެއްކަން ނިކަން ރަގަޅަށް މިހާރު އެނގޭ ކަމަށެވެ.