ފިޠުރު ޒަކާތް ބަލައިގަންނަނީ / އެޑިޝަން.އެމްވީ
ހަބަރު
ފިތުރު ޒަކާތުގެ ގޮތުގައި 1.6 މިލިއަން ރުފިޔާ ލިބިއްޖެ
Mariyam Isaadha
މަރިޔަމް އިސާދާ
29 މާރިޗު 2024
މާލެ ސިޓީ

މި ރޯދަމަހުގެ ފުރަތަމަ 10 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި 1.6 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

މޯލްޑިވްސް ޒަކާތު ހައުސް އިން ރޭ ނެރުނު ރޯދަމަހުގެ ފުރަތަމަ 10 ދުވަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ފިތުރު ޒަކާތުގެ ގޮތުގައި އެ މުއްދަތުގައި ވަނީ ޖުމްލަ 1،599،113ރ. ލިބިފައެވެ.

އެންމެ ގިނަ މީހުން ޒަކާތް ދައްކާފައި ވަނީ އާދައިގެ ހަނޑުލަށްވާ ފައިސާއިންނެވެ. އަދި އެންމެ މަދު މީހުން ޒަކާތް ދައްކާފައި ވަނީ ރަތް ހަނޑުލަށްވާ ފައިސާއިންނެވެ.

އަންނަ މަހު ހައެއްގެ ނިޔަލަށް އޮންލައިންކޮށް ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ. އަދި ބަނޑޭރި ޕޭ މެދުވެރިކޮށް ރޯދަމަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ޒަކާތް ދެއްކޭނެ އެވެ. އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރިނޫން މީހުންނަށް ހާއްސަކޮށް އިސްލާމީ މަރުކަޒުގެ ހޯލުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ. އަދި ރަށްރަށުގެ ކައުންސިލްތަކުން ވެސް ޒަކާތް ބަލައިގަންނާނެއެވެ.

ފަހު 10ގެ ދުވަސްތަކުގައި އިސްލާމީ މަރުކަޒުގެ ހޯލުގައި ޒަކާތް ބަލައިގަންނާނީ ހުކުރު ހޮނިހިރު ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 11:00 އިން މެންދުރު ފަހު 2:00 އަށެވެ.

ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭނީ ޢާންމުކޮށް އަހަރުތެރޭގައި ކައިއުޅޭ ބާވަތްތަކުން ޞާއެއްގެ މިންވަރު (2.4 ކިލޯ) ނުވަތަ އެއަށްވާއަގެވެ.


ފައިސާ އިން ޒަކާތް ދެއްކުން ފަސޭހަކުރުމުގެ ގޮތުބް އޮންލައިންކޮށް ވެސް ޒަކާތް ދެއްކޭނެ އެވެ. އެގޮތުން ބީއެމްއެލް ވެބްސައިޓުންނާއި، އެމްއައިބީ ފައިސާ ނެޓް އަދި މާލެ އާއި ހުޅުމާލޭ ބްރާންޗު ކައުންޓަރުންނާއި، ފަހިޕޭ އެޕްލިކޭޝަން މެދުވެރިކޮށް ވެސް ޒަކާތް ދެއްކޭނެ އެވެ.

ރޯދަ މަހުގެ 29 ވަނަ ދުވަހާ ހަމައަށް ޒަކާތް ބަލައިގަންނާނެ އެވެ. ފިތުރު ޒަކާތް ބަލައިގަންނަން ފެށީ މި މަހު 11 އިން ފެށިގެންނެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved