
މާލެ ސަރަހައްދުގައި ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ބަލައި ގަންނަން ފަށާނީ މި ހަފުތާގެ ހޮނިހިރު ދުވަހު ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ބުނެފިއެވެ.
ހޮނިހިރު ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް މާލެ ސަރަހައްދުގައި ގޮވާމުން ޒަކާތް ބަލައިގަތުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށާ މާލޭގައި ޒަކާތް ބަލައިގަތުން ކުރިއަށްދާނީ އަމީނިއްޔާ ސްކޫލް ހުރި އިމާރާތް (ސީއެޗްއެސްއީ) ގައި ކަމަށް ޒަކާތު ހައުސްއިން ބުނެފައިވެއެވެ.
ގޮވާމުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހޮނިހިރު އަދި އާދިއްތަ ދުވަހު ހެނދުނު 10:00 އިން މެންދުރު 12:00 އަށެވެ. ހަމައެއާއެކު ހޯމަ ދުވަހުން ފެށިގެން ބުދަ ދުވަހަށް، ހެނދުނު 10:00 އިން މެންދުރު 12:00 އަށާއި، މެންދުރުފަހު 13:00 އިން 15:00 އަށް ޒަކާތް ބަލައި ގަންނާނެއެވެ.ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހެނީ އެބަޔަކު އާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރެވެ.
އާންމުކޮށް ގޮވާމުން ޒަކާތް ބަލައިގަންނަ ބާވަތްތަކުގެ ތެރޭގައި އާދައިގެ ހަނޑޫ، ތައިލެންޑް ހަނޑޫ، ބާސްމަތީ ހަނޑޫ، ރަތް ހަނޑޫ، ގޮދަން ފުށް އަދި އާޓާ ފުށް ހިމެނެއެވެ.
ގޮވާމުގެ އިތުރުން، ޒަކާތު ހައުސްއިން އަންނަނީ އޮންލައިންކޮށް ހަތް ޕްލެޓުފޯމެއް މެދުވެރިކޮށްވެސް ޒަކާތް ބަލައިގަންނަމުންނެވެ. އޭގެ ތެރޭގައި ދިރާގު މޯބައިލް އެޕް އަދި ޕޭ ވެބްސައިޓް، އުރީދޫ އެމް-ފައިސާ، މޯލްޑިވްސް އިސްލާމިކް ބޭންކާއި ބޭންކް އޮފް މޯލްޑިވްސްގެ އެޕްލިކޭޝަން، ފަހިޕޭ، އަވަސް އެޕްލިކޭޝަން އަދި ބަނޑޭރި ޕޭ ހިމެނެއެވެ.










