ކޮންމެ ރޯދަ މަހުގައި ރައީސް އަބްދުﷲ ޔާމީން ބަންދުގައި ހުންނާތީ އެ ވާހަކަތައް ދެއްކި ވެރިން މިއަދު ގެންދަނީ އެކަން ތަކުރާރު ކުރަމުންދާ މަންޒަރުކަމަށް އެމަނިކުފާނުގެ އިސް ގާނޫނީ ވަކީލު، ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ކެންޑިޑޭޓުންގެ ސިޔާސަތުތައް ހާމަކުރުމަށް ދަ ފްރޮންޓު އޮފީހުގައި ބާއްވަމުން ގެންދާ ޖަލްސާތަކުގެ ތެރެއިން އާދިއެްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ހިތާދޫ ދާއިރާއަށް ވާދަކުރާ ޕީއެންއެފްގެ ކެންޑިޑޭޓު، ޝަރީފާ ސައީދަށް އަމާޒުކުރި ސުވާލެއްގެ ތެރެއިން ޑރ. ޖަމީލުވަނީ ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލައިގައި ކަންކުރަމުންދާ ގޮތާ މެދު ނުރުހުން ފާޅުކުރައްވާފައެވެ.
ޑރ. ޖަމީލު ވިދާޅުވީ، އެމްއެމްޕީއާރުސީ މައްސަލައިގައި ރައީސް ޔާމީނަކީ މުއްތަޙަމެއް ނޫންކަމަށާ ނަމަވެސް ފުލުހުންގެ ތެރެއިން އެމަނިކުފާނު ފެބްރިކޭޓުކޮށް މައްސަލައެއް އުފަންކުރިކަން އެއީ އެންމެންނަށް ވެސް އެނގޭ ކަމެއް ކަމަށް ވެސް ޑރ. ޖަމީލު ވިދާޅުވިއެވެ.
އެގޮތުން ނިމި ދިޔަ ސަރުކާރުން ރައީސް ޔާމީން ފްރޭމުކުރި ވާހަކައާ އެމަނިކުފާނަށް ރޯދަމަހެއްވެސް އިސްތިސްނާނުކޮށް އަނިޔާވެރިވަމުން ދިޔަ ވާހަކަ އެންމެ ބާރަށް ދެއްކި މީހުން މިހާރު ސަރުކާރުގައި ތިބެ ގެންދަނި އެކަން ތަކުރާރުކުރަމުންކަން ވެސް ޑރ. ޖަމީލު ފާހަގަކުރެއްވިއެވެ.
ކަނޑު ފޭރޭ ބަޔަކު ޕީއެންސީ ހިސޯރުކޮށް ހިންގަމުން ގެންދަނީ ޖަރީމާތަކެއް. ކޮންމެ ރޯދަ މަހެއްގައި ރައީސް ޔާމީން ބަންދުގައި ހުންނާތީ އެ ވާހަކަތައް ދެއްކި ވެރިން މިއަދު އެ ގެންދަނީ އެކަން ތަކުރާރު ކުރަމުން.
މީގެ އިތުރުން ޑރ. ޖަމީލުވަނީ ޕީއެންސީ ޕްރައިމަރީ ރައްޔިތުން ނޫނެކޭ ބުނި މީހުންނަށް ސަރުކާރުގެ ތެރެއިން މަގާމުތައް ދީ ހިންގަމުން ގެންދާ ޖަރީމަތަކުގެ ވާހަކަވެސް ފާހަގަކުރައްވާފައެވެ.
އެގޮތުން ފެއިލްވި ކެންޑިޑޭޓުންގެ ތެރެއިން ސަރުކާރުގެ އިސް ބޭފުޅުންނާ ގުޅުން އޮންނަ މީހުންނަށް ރައީސްގެ މުސާރައަށްވުރެވެސް ބޮޑު މުސާރައިގެ މަގާމުތައް ދެމުން ގެންދާކަން ޑރ. ޖަމީލު ފާހަގަކުރެއްވިއެވެ.