މި ސަރުކާރުން ނަން ބަދަލުކޮށް ހިންގަމުން ދާ ކަަމށް ބުނާ ރަސްމާލެ މަޝްރޫއުގެ ތެރެއިން ފެނިގެން ދަނީ ގައުމާ ރައްޔިތުންނަށް ގެއްލުންވާ މަންޒަރު ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވީ، 20 ވަނަ ރައްޔިތުންގެ މަޖިލިހަށް ޕީއެންއެފްގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންގެ ސިޔާސަތުތައް ހާމަކުރުމަށް ދަ ފްރޮންޓު އޮފީހުގައި ބާއްވަމުން ގެންދާ ޖަލްސާތަކުގެ ތެރެއިން އާދިއެްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ހިތާދޫ ދާއިރާއަށް ވާދަކުރާ ޝަރީފާ ސައީދަށް އަމާޒުކުރެއްވި ސުވާލެއްގެ ތެރެއިންނެވެ.
ރައީސް ޔާމީން ވިދާޅުވީ ރަސްމާލެ ޕްރޮޖެކްޓުގެ ނަމުގައި ފުށިދިއްގަރު ފަޅުގެ މަސައްކަތް ފެށުމަށްފަހު ބަޖެޓު ނެތިގެން ކަމަށް ބުނެ ހުއްޓާލާފައިވައިރު، އެ ޕްރޮޖެކުޓު ހިންގަން ހަވާލުކުރި ކަރުދާސް ކުންފުނީގެ މީހުންނަށް ހުޅުމާލެއިން 90 ހެކްޓަރުބިން ދީފައިވާއިރު އެއީ ދިވެހި ރައްޔިތުންގެ މުދަލަށް ޚިޔާނާތްތެރިވުން ކަމަށެވެ.
އެހާ ހިސާބުން ފެނިގެން އެ ދަނީ ދިވެހިންގެ އަތުގައި ހުރި އަގު ބޮޑެތި ބިންތަކެއް ގެއްލިގެން ދާ މަންޒަރުކަމަށާ އެހެންކަމުން ދެން އެ ގެއްލެނީ ކޮށި ދަނޑާ މަރިޔަނބާ ކަތިވަޅި ކަމަށް ވިދާޅުވެވޭނެކަމަށެވެ.
އެ ކުންފުންޏަށް ދޫކޮށްލާ ބިމުގެ އަގު 72 ބިލިއަން ރުފިޔާއަށް އަރާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި 90 ހެކްޓަރަކީ ހުޅުމާލޭގެ ތިން ބައިކުޅަ އެއްބައި ވަރު ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ނަމަވެސް، ބިން ހިއްކުމަށް މިހާރު ފައިސާ ނެތިގެން އެ ކުންފުނިން މަސައްކަތް ކުރަނީ ލިބިފައި ހުރި ބިންތައް ވިއްކައިގެން ފައިސާ ހޯދުމަށް ކަމަށާއި އެއީ ގައުމަށް ލިބޭނެ ބޮޑު ގެއްލުމެއް ކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.
72 ހާސް މިލިއަން ރުފިޔާ ހުޅުމާލެއިން ދޭ ބިމަށް އެބަ ދޭން ޖެހޭ. 90 ހެކްޓަރު. މިއީ ހުޅުމާލޭގެ ތިން ބައި ކުޅަ އެއްބަިއވަރުގެ ބިމެއް. ލާރިއެއް އެއްޗެއް ނެތް އަދި އެއްވެސް ކަހަލަ ވަސީލަތެއް ނެތް، ކަރުދާހުގައި ޖަހާފައި އޮތް ކުންފުންޏަކަށް މިދެނީ މިވަރުގެ ކަމެއް. އެމީހުން 72 ހާސް މިލިއަން ރުފިޔާެ ބިމެއް ވިއްކާލީމަ ދެން އެ ގެއްލެނީ ކޮށި ދަނޑާ މަރިޔަނބާ ކަތިވަޅިޔާ.
ރައީސް ޔާމީން ވަނީ ނަޒާހަތްތެރިކަމުގެ ވާހަކަ ދެއްކޭވަރުގެ ވެރިންނެއް މި ގައުމުގައި ނެތްކަމަށް ވިދާޅުވެ ރައްޔިތުން އެދޭ ވެރިކަމެއް ވެރިކަމުގައި ތިބެގެން ކޮށްދިނުމަށް ސަރުކާރަށް ގޮވާލާފައެވެ.