މަޖިލިސް ކެމްޕެއިނަށް ސަރުކާރުން ދައުލަތުގެ ވަސީލަތްތައް ބޭނުންކުރަމުން އަންނާތީ، އެކަން ކުރުން ހުއްޓާލުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ގޮވާލައިފިއެވެ.
ޓްރާންސްޕޭރެންސީން ނެރުނު ބަޔާނުގައި ބުނީ ވައުދުތަކާއި އަހުދުތައް ވެގެން އިންތިހާބަށް ނުފޫޒު ފޯރުވުން އާދައަކަށް ހަދައި މިނިވަން ވޯޓަށް ނުފޫޒު ފޯރުވަމުން އަންނަ ކަމަށެވެ.
އަދި ސަރުކާރުން ވެސް ދައުލަތުގެ ވަސީލަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ، ސަރުކާރު ކެނޑިޑޭޓުންނަށް ވޯޓު ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޓްރާންސްޕޭރަންސީ އަށް ފާހަގަވެފައި ވާކަމަށެވެ.
PRESS STATEMENT: @TransparencyMV calls on the incumbent administration to halt the continued abuse of State resources and bring necessary legislative changes to make public officials more accountable and ensure a level playing field.
— Transparency MV (@TransparencyMV) April 4, 2024
Read more: https://t.co/sFEdj1GC8e pic.twitter.com/KGHfrv2Mbg
މަޖިލިސް އިންތިހާބަށް ކެމްޕެއިން ކުރުމަށް ރަސްމީކޮށް ހުޅުވާލި ދުވަހުން ފެށިގެން ބޮޑެތި މަޝްރޫއުތައް، ހާއްސަކޮށް ކެމްޕެއިން ދަތުރުތަކުގެ ތެރެއިން، ރައީސް މުއިއްޒު އަންނަނީ އިއުލާންކުރަމުންނެވެ.
އަދި، ސިޔާސީ މަގާމުތަކުގެ އަދަދު އިންތިހާއަށް އިތުރުވުމާއި ސަރުކާރު ކުންފުނިތައް ބޭނުންކޮށްގެން ސިޔާސީ ތާއީދު ހޯދުން އިތުރުވެފައިވާ ކަމަށް ވެސް އެ ޖަމިއްޔާއިން ވަނީ ބަޔާނުގައި ބުނެފައެވެ.
އިންތިހާބާ ދިމާކޮށް ސަރުކާރުން ހިންގަމުން އަންނަ ޕްރޮޖެކްޓުތަކަށް ބަދަލު ގެންނަ މައްސަލަ ވެސް ވަނީ އެ ޖަމިއްޔާއިން ފާހަގަކޮށްފައެވެ.
މިކަންކަން ވަގުތުުން ހުއްޓާލަން ސަރުކާރަށް ގޮވާލުމާއެކީ ޓްރާންސްޕޭރެންސީން ވަނީ ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެކުލަވާލާފައިވާ މިންގަނޑާ އެއްގޮތަށް އަމަލުކުރޭތޯ އަމިއްލައަށް އިސްނަގައިގެން ބަލަން ގޮވާލާފައެވެ.