ޕީޕަލްސް ނޭޝަނަލް ފްރޮންޓު (ޕީއެންއެފް) އުފައްދަން ހުއްދަ ދިނުމުން އެކަމާ ޝުކުރު އަދާކުރަމުން، ރައީސް އަބްދުﷲ ޔާމީނަށް ދެމުންދާ އަނިޔާއާ މެދު ދަރިކަލުން ޒޭން އަބްދުﷲ ޔާމީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ރައީސް ޔާމީންއާ މެދު ކަންކުރަމުންދާ ގޮތުގެ ކަންބޮޑުވުން ޒޭން ފާޅުކުރެއްވީ ޕީއެންއެފް އުފެއްދުމުގެ ހުއްދަ އިލެކްޝަން ކޮމިޝަންއިން ދިނުމުން އެކަމާ ގުޅިގެން ދަ ފްރޮންޓް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައެވެ.
ޒޭން ވިދާޅުވީ ޕާޓީ ވުޖޫދުކުރުމަށްޓަކައި ގިނަ ބައެއްގެ ބުރަ މަސައްކަތް އެކަމުގައި ހިމެނޭ ކަމަށާ އެކަމަށްޓަކައި ޝުކުރު އަދާކުރައްވާ ކަމަށެވެ.
އެއަށް ފަހު ޒޭން ވިދާޅުވި ލިބުނު އެއުފަލާއެކު ހިތަށް ތަސައްލީއެއް ނުލިބޭ ކަމަށާ ސަބަބަކީ ބައްޕާފުޅު, ރައީސް ޔާމީންގެ މައްސަލައިގައި އަމަލުކުރަމުން ދާ ބޭއިންސާފުވެރި ގޮތުން ކަމަށެވެ.
މިއަދު ޕާޓީ އުފެއްދުމުގެ ހުއްދަ ލިބިގެން ދިޔައިރު އެންމެ ކަންބޮޑުވާ ކަމަކީ ރައީސް ޔާމީންގެ މައްސަލައިގައި ހުކުމް ކުރުން ލަސްކުރާ ކުރުން.
ޒޭން މިފަދައިން ވިދާޅުވެފައިވާއިރު ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހަޅާފައި އޮތް ވ. އާރަށުގެ މައްސަލައިގެ ހުކުމްގެ އިސްތިއުނާފު ނިމި އެތައް މަހެއް ފާއިތުވެގެން ގޮސްފައިވާއިރު އަދިވެސް އިސްތިއުނާފު މަރުހަލާގެ ހުކުމް ކުރުން ބާއްވާފައިނުވެއެވެ.
މިކަމާ ގުޅިގެން ގިނަ ބަޔަކު ގެންދަނީ ނުރުހުން ފާޅުވެސް ކުރަމުންނެވެ. އެގޮތުން ރައީސް ޔާމީން މިނިވަންކުރަން ރައީސް މުހައްމަދު މުއިއްޒުވެވަޑައިގެންނެވި ވައުދުވެސް ނުފުއްދާތީ ފާޑުކިޔުން އަމާޒުވެފައިވެއެވެ.