ރައީސް މުއިއްޒު ހުވާކުރެއްްވުމުގެ ރަސްމިއްޔާތުގައި ތަގްރީރު ދެއްވަނީ
ސިޔާސީ
ރައީސް ޔާމީނަށް އިންސާފު ހޯދައިދޭން ވީ ވައުދު އޮޅުވާލާ، ޖުޑީޝީއަރީއާ އެކަން ރައީސް މުއިއްޒު ޖާމިނުކޮށްފި
05 އޭޕްރީލު 2024
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީނަށް އިންސާފު ހޯދައިދޭން ވީ ވައުދު އޮޅުވާލާ، ޖުޑީޝީއަރީ އެކަން ރައީސް މުހައްމަދު މުއިއްޒު ޖާމިނުކުރައްވައިފިއެވެ.

ރައީސް ޔާމީނަށް، ސިޔާސީ ނުފޫޒުގެ ތެރެއިން ކޮށްފައިވާ ހުކުމެއްކަމަށް ރައީސް މުއިއްޒުވެސް މީގެ ކުރިން ގަބޫލުކުރައްވާ ކަމަށް ވިދާޅުވި، އާރަށުގެ މައްސަލައިގެ ހުކުމުން އެމަނިކުފާނު މިނިވަންކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ނަމަވެސް ރައީސް މުއިއްޒުގެ ވެރިކަން ފެށި ފަސް މަސް ފާއިތުވާން ދާއިރުވެސް އަދިވެސް ރައީސް ޔާމީން ހުންނެވީ މީގެ ކުރިން، މި ސަރުކާރުގެ އިސްވެރިން އެއީ "ހަރާން ހުކުމް"އެއްކަމަށް ކަރުބުޑުން އަޑު ނެރެ ބުނަމުން އައި ހުކުމުގެ ގައިދުގައެވެ. އަދި މިސަރުކާރުން އެމަނިކުފާނުގެ ހުކުމްގެ މައްސަލަ އަވަސްކުރަން ވެސް ގޮވާލާފައިވެސް ނުވެއެވެ.

އެކަމާ ގުޅިގެން "ސަން" އޮންލައިން އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވެފައިވަނީ އެމަނިކުފާނު ވިދާޅުވީ "ގާނޫނީ ހަމަތަކުގެ މަތިން" ރައީސް ޔާމީން މިނިވަންކުރައްވާނެ ކަމަށް ކަމަށެވެ.

އެހެންކަމުން ހުވާ ކުރައްވާ، އެންމެ ފުރަތަމަވެސް ވިދާޅުވީ ޝަރުއީ ދާއިރާއަށް މިހާރުން މިހާރަށް ނުފޫޒު ފޯރުވުން ހުއްޓުނީ ކަމަށާ އެމަނިކުފާނު ހީފުޅު ކުރެއްވީ އެހެން ވިދާޅުވުމުން ރައީސް ޔާމީންގެ މައްސަލަ އަވަސްކޮށް ޝަރުއީ ދާއިރާއިން ނިންމަވާނެ ކަމަށް ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި މިހާރު ރައީސް ޔާމީން މިނިވަންކުރެއްވުން ނުވަތަ އެމަނިކުފާނަށް އިންސާފު ހޯދައިދިނުން އޮތީ ރާއްޖޭގެ ޖުޑީޝީއަރީ އަތްމަތީގައި ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ވަނީ އެކަމުން ބޯ ދަމައިގަންނަވާފައެވެ.

އަޅުގަނޑު އުއްމީދު ކުރީ އެ ދުވަހު އެ ނިންމުން އިއުލާން ކުރުމާއެކީގައި ޖުޑިޝިއަރީ އެ ބޭފުޅުން ހަމަ އެ ގޮތުގައި ކުރިއަށް ވަޑައިގަންނަވާ އެ މަނިކުފާނަށް އިންސާފު ގާއިމު ކޮށްދެއްވާނެ ކަމަށް. އެކަން އޮތީ ޖުޑިޝިއަރީގެ އަތްމަތީގައި.

- ރައީސް މުއިއްޒު

ރައީސް މުއިއްޒު ވިދާޅުވީ ޔާމީނަށްޓަކައި ގާނޫނީ އިމުގެ ތެރެއިން ކޮށްދެވެން ހުރި ހުރިހާ ކަމެއް އަބަދުވެސް ކޮށްދެއްވާނެ ކަމަށެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވެފައިވާއިރު ދިވެހިރާއްޖޭގެ ގާނޫނު އަސާސީގައި ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ތެރެއިން ކޮންމެ ރައްޔިތަކަށް ލިބެން ޖެހޭ ހައްގުތައް ކަށަވަރުކޮށްދިނުން ހިމެނެއެވެ. އެހެންކަމުން އިންސާފު ނުލިބި ރައްޔިތަކަށް ލަސްވާ ލަސްވުމުގެ ސަބަބު ދެނެގަނެ އެކަން އަވަސްކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ގޮވާލެވޭނެ ހިނދު އެކަން އެހެން ކޮށްފައިވެސް މި ފާއިތުވި ފަސް މަސް ދުވަސް ތެރޭގައި ނުވުމަކީ އެއީ ގިނަ ބަޔަކު ރައީސް މުއިއްޒުގެ އިޚްލާސްތެރިކަމާ މެދު ސުވާލު އުފައްދާ ކަމެއްކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved