ސީރިއާގައި ހުންނަ އިރާނުގެ ކޮންސިއުލޭޓަށް އިސްރާއީލުން ދިން ހަމަލާގެ ބަދަލު ހިފާނެކަމުގެ އިންޒާރު ހިޒުބުﷲއިން ދީފިއެވެ.
ސޫރިޔާގެ ދިމިޝްގުގައި ހުންނަ އީރާނުގެ އެމްބަސީ ކޮމްޕްލެކްސްއަކަށް ހޯމަ ދުވަހު އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ދެ އެލީޓް އަސްކަރީ ކޮމާންޑަރުން ހިމެނޭ ގޮތަށް އީރާނުގެ ހަތް އޮފިޝަލަކު ވަނީ ޝަހީދުވެފައެވެ.
މިކަމާ ގުޅިގެން ހިޒްބުﷲގެ ލީޑަރު ހަސަން ނަސްރުﷲ ވިދާޅުވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިސްރާއީލުން ފެށި އަނިޔާވެރި ހަނގުރާމައިގެ މައިދާން ދެން ނުލާހިކު އަވަހަށް ބަދަލުވެދާނެ ކަމަށާއި އަދި ސީރިއާގައި ހުންނަ އިރާނުގެ ކޮންސިއުލޭޓަށް ޔަހޫދީ އިސްރާއީލުން ހަމަލާދިނުމަކީ މި ހަނގުރާމައިގެ އޮއިވަރު ބަދަލު ކޮށްލާނެ ހާދިސާ އެއް ކަމަށެވެ.
އަލް ޤުދުސް ދުވަހުގެ މުނާސަބަތުގައި ހިޒްބުﷲއިން ބޭއްވި އެއްވުމެއްގައި ހަސަން ވަނީ ޔަހޫދީ އިސްރާއީލުގެ އެ ހަމަލާގެ ބަދަލު ވަރަށް ހިތިގޮތަކަށް ދޭނެ ކަމަށާއި އެކަމަށް އިސްރާއީލަށް މާ ގިނަ ދުވަހު އިންތިޒާރު ކުރަން ނެޖެހޭނެ ކަމަށް ބުނެފައެވެ. އިރާނުގެ މި އިންޒާރާއި ގުޅިގެން އިސްރާއީލުން ވަނީ އެ ގައުމުގެ އަސްކަރިއްޔާ އެލާޓަށް ގެނެސްފައެވެ. އަދި ސިފައިންގެ ޗުއްޓީތައް ވެސް ވަނީ ވަގުތީ ގޮތުން ބާތިލްކޮށްފައެވެ.
އިސްރާއީލުން ސޫރިއާގައި ހުރި އީރާނާއި އީރާނާ ގުޅިފައިވާ މަސްލަހަތުތަކަށް ހަމަލާދެމުން އަންނަތާ އަހަރުތަކެއް ވެއްޖެ އެވެ. އަދި އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު އީރާނުގެ ތާއީދު އޮންނަ ހަމާސްއިން އިސްރާއީލަށް ހަމަލާދިނުމާ އެކު ޣައްޒާގައި އިސްރާއީލުގެ ފަނާކުރަނިވި ހަނގުރާމައެއް ފެށި ފަހުން މިފަދަ ހަމަލާތައް އިތުރުވެފައިވެ އެވެ.
އެކަމަކު ހޯމަ ދުވަހުގެ ހަމަލާއަކީ އެމްބަސީގެ ކޮމްޕައުންޑަކަށް އަމާޒުކޮށް އީރާނުގެ އެލީޓް ރިވޮލިއުޝަނަރީ ގާޑްސް (އައިއާރުޖީސީ) ގެ އެންމެ އިސް ކޮމާންޑަރަކު މަރުވެފައިވާތީ މަޝްރަހު ހޫނު ވާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.
އީރާނުން ދެކެނީ އެއީ ބައިނަލްއަގްވާމީ ގާނޫނުތަކުގައިވާ ގޮތުން އެގައުމުގެ އިސްތިގުލާލީ ސަރަހައްދަށް ދިން ހަމަލާއެއް ކަމަށެވެ.