ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާގެ ބޮޑުވަޒީރާ ދުބާއީގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި، ދެ ލީޑަރުން އެއްބަސްވެވަޑައިގަތް ގޮތަށް، ދިވެހިރާއްޖެއާ އިންޑިއާއިން މަޝްވަރާކުރަން ޖެހޭ ކަންކަމާއި ގުޅިގެން ދެ ޤައުމުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަންނަވާ ހައިލެވެލް ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ނިންމާލައިފިއެވެ.
މި ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ފޮރިން މިނިސްޓްރީގައެވެ. އެ ބައްދަލުވުމުގައި އިންޑިއާގެ ސަފީރު މުނޫ މަހާވަރު ހިމެނި ވަޑައިގަންނަވާ ގޮތަށް އެހެން ޑިޕްލޮމެޓުންގެ މައްޗަށް އެކުލަވާލާފައިވާ ވަފުދަކާއި ރާއްޖޭގެ ސަރުކާރާއެކު މަޝްވަރާތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި މަޝްވަރާތަކުގައި އިންޑިއާގެ ފަސް ބޭފުޅަކު ބައިވެެރިވެ ވަޑައިގަންނެވިއެވެ. ރާއްޖެއިން ބައިވެރިވެވަޑައިގަންނެވީ ހަތަރު ބޭފުޅެކެވެ. އެ ހަތަރު ބޭފުޅުންނަކީ އީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒާއި އެމްބެސަޑާ އެޓް ލާޖް އަލީ ނަސީރު (އަލިނީ) އާއި އިންޑިއާއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަ ސަފީރު އިބްރާހިމް ޝަހީބާއި ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމް އަބްދުއްލަތީފްއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮމިޓީ ބައްދަލުވުމުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމާއި ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ހާރިޖީ މައްސަލަތަކާ ގުޅޭގޮތުން ވަނީ މަޝްވަރާ ކޮށްފައިވެއެވެ.
ފޮރިން މިނިސްޓްރީއިން ބައްދަލުވުމުގެ އިތުރު ތަފްސީލު ހާމަކުރާނެކަމަސް ކުރިން ސަރުކާރުން ވަނީ ބުނެފައެވެ.
ބައްދަލުވުންތައް ފަށާފައި މިވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ރައްޔިތުން ޕްރެޝަރ ކުރަމުންދާ ދަނޑިވަޅެއްގައެވެ. އަދި މިހާރު ވަނީ މާރޗް މަހުގެ 15ގެ ކުރިން އިންޑިއާ ސިފައިން މިގައުމުން ބޭލުމަށް އަންގާފައިކަމަށް ރައީސް އޮފީހުން ވަނީ ހާމަވެސް ކޮށްފައެވެ.