March 1, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ބަންގްލަދޭޝްއަށް ދަތުރުކުރާ ދިވެހިން ވިސާ ނަގައިގެން ދަތުރުކުރުމަށް އިލްތިމާސްކޮށްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jan 14, 2026, 03:08 AM
މާލެ ސިޓީ

ބަންގްލަދޭޝްގެ އޮން-އެރައިވަލް ވިސާ ދޫކުރުން ވަގުތީގޮތުން މެދުކަނޑާލުމަށް އެ ގައުމުގެ ސަރުކާރުން ނިންމުމާ ގުޅިގެން، އެ ގައުމަށް ދަތުރުކުރާ ދިވެހިން ކުރިން ވިސާ ނަގައިގެން ދަތުރުކުރުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން އިލްތިމާސްކޮށްފިއެވެ.

Advertisement

ފޮރިން މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، އަންނަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ގައުމުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން، ޖެނުއަރީ 15 އިން ފެށިގެން ފެބްރުއަރީ 15 ގެ ނިޔަލަށް އެ ގައުމަށް ދަތުރުކުރާ އެންމެހައި ފަރާތްތަކަށް އޮން-އެރައިވަލް ވިސާ ދޫކުރުން މެދުކަނޑާލުމަށް ބަންގްލަދޭޝް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

މި ނިންމުމަކީ އިންތިޚާބާ ގުޅިގެން ސަލާމަތީ ކަންކަން ވަރުގަދަ ކުރުމުގެ ގޮތުން އެ ގައުމުން އަޅާފައިވާ ފިޔަވަޅެކެވެ. އެހެންކަމުން، މި މުއްދަތުގެ ތެރޭގައި އެ ގައުމަށް އެކި ބޭނުންތަކަށް ދަތުރުކުރާ ދިވެހި ރައްޔިތުން، ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަން މެދުވެރިކޮށް ދުރާލައި ވިސާ ހޯދުމަށް ފޮރިން މިނިސްޓްރީން ވަނީ އިރުޝާދު ދީފައެވެ.

މީގެ އިތުރުން، ބޭރު ގައުމުތަކަށް ދަތުރުކުރާ ދިވެހިން، އެ ގައުމެއްގެ ގާނޫނާއި ގަވާއިދުތަކަށް ބޯލަނބައި، ދަތުރުކުރުމުގެ ކުރިން ވިސާގެ ކަންކަން ހަމަޖެހިފައިވޭތޯ ޔަގީންކުރުމަކީ މުހިންމު ކަމެއްކަންވެސް އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

ދިވެހިރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަން ހުންނަނީ ހުޅުމާލޭ ނިރޮޅު މަގުގަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved