March 1, 2026
Advertisement
ހަމަލާތައް ފެށިތާ އެތައް ގަޑިއިރެއް ފަހުން އެކަން ކުށްވެރިކޮށް ހަނގުރާމަ ހުއްޓާލަން ރާއްޖެއިން ގޮވާލައިފި
ހަމަލާތައް ފެށިތާ އެތައް ގަޑިއިރެއް ފަހުން އެކަން ކުށްވެރިކޮށް ހަނގުރާމަ ހުއްޓާލަން ރާއްޖެއިން ގޮވާލައިފި / ރައީސް އޮފިސް

ހަމަލާތައް ފެށިތާ އެތައް ގަޑިއިރެއް ފަހުން އެކަން ކުށްވެރިކޮށް ހަނގުރާމަ ހުއްޓާލަން ރާއްޖެއިން ގޮވާލައިފި

Mar 1, 2026, 02:35 AM
މާލެ ސިޓީ

މެދު އިރުމަތީގައި ހަމަލާތައް ފެށިތާ އެތައް ގަޑިއިރެއް ފަހުން އެކަން ކުށްވެރިކޮށް ހަނގުރާމަ ހުއްޓާލަން ރާއްޖެއިން ގޮވާލައިފިއެވެ.

Advertisement

ހަނގުރާމަ ފެށިތާ އެތައް ގަޑިއިރެއް ވެގެން ދިޔައިރުވެސް ހަމަލާތައް ކުށްވެރިކޮށްނުލާ ރާއްޖެއިން ތިބުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވާން ފެށުމުން ރާއްޖޭގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މެދުއިރުމަތީގައި ފަހަކަށް އައިސް ހިނގަމުންދާ އަސްކަރީ ކުރިމަތިލުންތަކާއި ހަމަލާތައް ދިވެހި ސަރުކާރުން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.

އެގޮތުން ހުރިހާ ފަރާތްތަކުން ދެމުންދާ ހަމަލާތައް ކުށްވެރިކުރާ ކަމަށާ މެދުއިރުމަތީގެ ނުތަނަވަސްކަން ކުޑަކުރުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާ ކަމަށް އެ ބަޔާނުގައިވެއެވެ.

ސަރަހައްދީ ސުލްހައާއި ހަމަޖެހުން ގާއިމުކުރުމަށްޓަކައި ބައިނަލްއަގުވާމީ ގާނޫނުތަކާއި އދ. ގެ ޗާޓަރަށް ހުރިހާ ފަރާތްތަކުން ފުރިހަމައަށް އިހުތިރާމްކުރަންޖެހޭ ކަމަށް ބުނެ އެ ބަޔާނުގައި ވަނީ، ހުރިހާ ގައުމުތަކެއްގެ އިސްތިގުލާލާއި، ސަރަހައްދީ އިންތަކަށް ހުރިހާ ވަގުތެއްގައި ވެސް ހުރިހާ ފަރާތްތަކުން އިހުތިރާމްކުރަންޖެހޭނެ ކަމަށް ބަޔާންކޮށްފައެވެ.

މީގެ އިތުރުން، ދެބަސްވުންތަކާއި މައްސަލަތައް ހައްލުކުރުމުގައި ސުލްހަވެރި މަގު އިހުތިޔާރުކުރުމަށް ރާއްޖޭން އަބަދު ވެސް ތާއީދުކުރާކަން މި ބަޔާނުގައި ވަނީ ތަކުރާރުކޮށްފައެވެ. އަދި ސަރަހައްދީ އަދި ދުނިޔޭގެ ސުލްހައާއި އަމާންކަން ދެމެހެއްޓުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ވެސް ޚާރިޖިއްޔާގެ ބަޔާނުގައިވެއެވެ.

މެދުއިރުމަތީގެ މަޝްރަހު ހޫނުވެ އެތައް ވަގުތެއް ފާއިރުވިއިރުވެސް އަނގައިން ނުބުނެ ތިބުމަށް ފަހު ނެރުނު ބަޔާނުގައި ނަމަވެސް ބުނެފައިވަނީ، ސަރަހައްދީ ހަމަޖެހުމަށް ބުރޫއަރާފާނެ ކޮންމެ ކަމަކީ ރާއްޖެއިން ނުހަނު ސީރިއަސްކޮށް ބަލާ ކަމެއް ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved