

ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމަށް ބާއްވާ ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބައިވެރިވެވަޑައިގަންނަވާ ގޮތް އެއީ ސަޕްރައިޒެއް ކަމަށް އެ ޕާޓީން ބުނެފިއެވެ.
މިކަމާ ގުޅިގެން ޗެނަލް 13 އަށް މައުލޫމާތު ދެމުން އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު މަލީހް ޖަމާލް ވިދާޅުވީ ކޮންމެ ގޮތެއް ވިޔަސް މިރޭ އޮންނަ ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނާނެ ކަމަށެވެ.
ޕީއެންއެފް މީޑިޔާ ގްރޫޕްގައި ނޫސްވެރިން ވަނީ ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ ގޮތް ހާމަކޮށްދެއްވުމަށްވެސް އެދިފައެވެ.
ރައީސް ޔާމީން ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ ވާހަކަ ޕީއެންއެފް އިން އިއުލާން ކުރުމާ ގުޅިގެން ކަރެކްޝަނުން ވަނީ އެމަނިކުފާނަށް އެ ޖަލްސާގައި އެއްވެސް ގޮތަކަށް ބައިވެރިނުވެވޭނެ ކަމަށް އަންގާފައެވެ. އެހެން ނަމަވެސް ޕީއެންއެފް އިން ބުނަނީ އެމަނިކުފާނު މިރޭގެ ޖަލްސާގައި ބައިވެރިވެވަޑައިގަންނާނެ ކަމަށެވެ.
ރައީސް އަބްދުﷲ ޔާމީން އުފައްދަވާ ޕާޓީ ޕިއެންއެފް އުފެއްދެވުމަށް ބާއްވަން ޖެހޭ ޖަލްސާ 9 އޭޕްރިލް 2024 ވާ އަންގާރަ ދުވަހު މިރޭ 9:15ގައި ޣިޔާސުއްދީން ހޯލުގައި އޮންނާނެއެވެ.