ރޭ އަލިފާނުގެ ހާދިސާއެއް ހިނގި ސަރަހައްދަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގެންނެވީ ޕީއެންފް އުފެއްދުމުގެ ޖަލްސާއަށް ހުރަސްއެޅި މައްސަލަ އޮއްބައިލުމަށްކަމަށް މައުލޫމާތު ލިބިއްޖެ އެވެ.
ޕީއެންއެފް ޖަލްސާއަށް ހުރަސް އެޅުމަށް މިމަހުގެ 9 ވަނަ ދުވަހު އެސްއޯ ފުލުހުން ގިޔާސުއްދީން ސްކޫލު ކުރިމައްޗަށް ދިޔައީ ރައީސް މުއިއްޒު އަންގަވައިގެންނެވެ. އެހެންނަމަވެސް ފަހުން އެމަނިކުފާނު ވަނީ އެކަން އެނގިވަޑައިނުގަންނަވާކަމަށް ވިދާޅުވެ އިތުރުފުޅު ހައްދަވައިފަ އެވެ.
މިމައްސަލަ ރާއްޖޭގެ މިނިވަން މީޑިއާތަކާއި، ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި ވަރަށް ބޮޑަށް ހޫނުވުމުން އެސްއޯ ފުލުހުންގެ މައްސަލަ ބެލުމުގެ ނަމުގައި ރިޕޯޓެއް އެކުލަވާލައި ފިޔަވަޅު އަޅުއްވާނެކަމަށްވެސް ރައީސް ވިދާޅުވި އެވެ. އަދި އެމަނިކުފާނު މަސައްކަތް ކުރައްވަނީ މުޅި މައްސަލަ ކޮމިޝަނާ އޮފް ޕޮލިސްގެ އިސްތަށިފުޅުގައި އަޅުއްވައި ރެކިވަޑައިގަންނަވާށެވެ.
ކަން މިހެން އޮއްވައި ރޭ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް މުއިއްޒު ވަޑައިގެންނެވި އެވެ. އެއާއެކު ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި އެކްޓިވިސްޓުން ވަނީ ހާއްސަ ކެމްޕެއިނެއްގެ ގޮތުގައި ރައީސް މުއިއްޒުއަށް ތައުރީފުކޮށް އެކްސްގައި ޕޯސްޓުތައް ލިޔަން ފަށައިފަ އެވެ. އަދި އޭގެ ފޮޓޯތައް ހުރިހާ އެކައުންޓުތަކުން ޕޯސްޓު ކުރަން ފެށި އެވެ.
މިކަން ކުރަން ރައީސް އޮފީހުން ހުރިހާ ސިޔާސީ އެކްޓިވިސްޓުންނަށް އަންގާފައިވާއިރު މީގެ ބޭނުމަކީ ރައީސް މުއިއްޒުގެ މައްޗަށް ކުރެވެމުންދާ އިތުރުފުޅު ހެއްދެވިކަމުގެ ތުހުމަތުތައް ޑައިވާޓުކޮށްލުންކަމަށް ބެލެވެ އެވެ.
ރޭގެ އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެ އެވެ. އަދި އެ ގެއަކީ ތިން އަހަރެއްހާ ދުވަސް ވަންދެން މީހުން ދިރިއުޅެމުން ނުދާ ގެއެއްކަން ވަނީ އެނގިފަ އެވެ. އެހެންނަމަވެސް އެ ގެ ފަޅަށް ހުންނާތީ ދިރިއުޅޭނެ ގެދޮރެއް ނެތް ބަޔަކު އެތަނުގައި ނިދައި ހަދާކަމަށް ވެއެވެ.