ޕީއެންއެފް އުފައްދާ ޖަލްސާއަށް ފުލުހުން މެދުވެރިކޮށް ހުރަސް އަޅާ ހންގި ޖަރީމާއިން ފެނިގެން ދިޔައީ ޚުދުމުހުތާރު ވެރިކަމެއްގެ ފެށުން ކަމަށް އެ ޕާޓީގެ ވަގުތީ ރައީސް ޒޭން އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ޕީއެންއެފްގެ އިފްތިތާހީ ޖަލްސާ ބުދަ ދުވަހުގެރޭ ޣިޔާޘުއްދީން ސްކޫލު ހޯލުގައި ބާއްވަން ވަގުތު ކުޑަތަން ވެފައިވަނިކޮށް ފެނިގެން ދިޔައީ ސަރުކާރުން ކުރި ޣައިރު ގާނޫނީ އަބުަކަށް ތަބާވެ ފުލުހުން އެ ޖަލްސާއަށް ހުރަސް އެޅި މަންޒަރެވެ. އެވަގހުތު ސްކޫލުގައި ހާޒިރުވެ ތިބީ ޕާޓީގެ އިސްފަރާތްތަކުގެ މަދު ބަޔަކުވާއިރު ޕާޓީގެ މުއައްސިސު ޖަލްސާގައި ބައިވެރިވުމަށް ވަޑައިގެންނެވިއިރުވެސް ސްކޫލުގެ މައި ގޭޓު ހުރީ ބަންދުކޮށްފައެވެ.
ޖަލްސާގެ ބައިވެރިންނަށް މާލަމަށް ނުވަދެވުމުން މެމްބަރުން އިހުތިޖާޖު ކުރަމުން ދިޔަ ވަގުތު ސްކޫލު ގޭޓުން ބޭރުގައި ހުންނަވާ ޒޭން ވަނީ ޗެނަލް13އަށް އެކަމާ ގުޅިގެން އެމަނިކުފާނުގެ އިހުސާސްތައް ވިދާޅުވެދެއްވާފައެވެ.
އެގޮތުން ޒޭން ވިދާޅުވީ، ފެނިގެން ދަނީ ވަރަށްވެސް ލަދުވެތި މަންޒަރެއް ކަމަށާ ރައީސް މުހައްމަދު މުއިއްޒު ހޮވައިގެން ރަގަޅު ބަދަލެއް ގެނެވޭނެ ކަމަށް ކުރި އުއްމީދު ފަނޑުވެގެން ހިނގައްޖެ ކަމަށެވެ.
ޒޭން ވިދާޅުވީ، ރޭގެ އެ ހާދިސާއިން ފެނިގެން ދިޔައީ ޚުދުމުހުތާރު ވެރިކަމެއްްގެ ފެށުން ކަމަށާ އެއީ އެ ޖަލްސާއަކީ މި ސަރުކާރު އައި ފަހުން ސިޔާސީ ހަރަކާތެއް ބާއްވަން ބަޔަކު ނުކުތް ފުރަތަމަ ފަހަރުކަމަށްވެފައި އެކަން ހަޖަމްކުރަން ސަރުކާރަށް އުނދަގޫވުމުން އަމަލުކުރި އަނިޔާވެރިގޮތުން އެކަން ހާމަވާ ކަމަށެވެ.
ޒޭން އިތުރަށް ވިދާޅުވީ ރައީސް ޔާމީންގެ ސިޔާސީ ހަޔާތް ކަތިލަން ބަޔަކު ކިތަންމެ މަސައްކަތެއް ކުރިޔަސް އެކަން ނުވާނެކަމަށެވެ.
ޒޭން މީގެ ކުރިން ވިދާޅުވި ގޮތުގައި ޕީއެންއެފް އުފެއްދީ ބައްޕާފުޅަށް ދެމުން ގެންދާ އަނިޔާތަކާ ދެކޮޅަށް މައިންބަފައިންގެ ހައްގުގައި ކަމަށެވެ.