ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ވަކި ބަޔަކަށް ފައިދާވާ ގޮތަށް ފެނަކަ ކުންފުނިން ހަވާލުކޮށްފައިވާ 25 ޕްރޮޖެކްޓެއްގެ މައްސަލަ އެންޓި-ކޮރަޕްޝަނަށް ހުށަހަޅާފައިވާއިރު ބީއޯކިޔުއެއް ވެސް ނުހަދާ ހަވާލުކޮށް ދައްކާފައިވާ ފައިސާގެ އަދަދު ބައި ބިލިއަން ރުފިޔާ އަށް އަރާ ކަމަށް ފެނަކަ ކުންފުނިން ބުނެފިއެވެ.
ކުންފުނީގެ މިހާރު ގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ، އެކި މަރުހަލާތަކުގައި ހުރި މަޝްރޫއުތައް ނިންމަން ބިލިއަނެއްހާ ރުފިޔާ އިތުރަށް ހަރަދުކުރަންޖެހޭނެކަމަށެވެ.
ފެނަކަ ތެރޭގައި އިންޖީނާއި ޖެންސެޓްތައް ގަތުމުގެ ނާޖައިޒު ބޮޑު ވިޔަފާރިއެއް އުފައްދާފައިވާ ކަމަށާއި އެ މައްސަލަތައް ވެސް އޭސީސީއަށް ހުށަހަޅާނެ ކަމަށް މުއާޒް ވިދާޅުވިއެވެ.
މުއާޒު ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުގެ ދުވަސްވަރު ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެކިއެކި ފަރާތްތަކާ ހަވާލު ކޮށްފައިވާ ޕްރޮޖެކްޓްތަކުގެ އަދަދު 60 އަށް އަރާ ކަމަށެވެ.
ބާކީ 35 ޕްރޮޖެކްޓްގެ މައްސަލަ ވެސް ވަރަށް އަވަހަށް އޭސީސީ އަށް ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މުއާޒް އަންނަނީ ފެނަކައިގައި ހުރި މައްސަލަތައް ރަނގަޅުކޮށް ހުރިހާ ރަށަކަށްވެސް ހިދުމަތް ކުރުމުގައި ހަމަ ހަމަ ކަންމަތީއެވެ.