
ޔަތީމު ކުދިންނަށް މާލީ އެހީ ލިބޭނެ ނިޒާމެއް ހަމަޖެއްސުމުގެ މަސައްކަތް ޒަކާތު ހައުސް މެދުވެރިކޮށް ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓަރު ޑރ ޝަހީމް އަލީ ސައީދު ވަނީ މިކަން އެކްސްގައި ޕޯސްޓެއް ކުރައްވާ އިއުލާންކޮށްފައެވެ.
އެގޮތުން ޑރ ޝަހީމް ވިދާޅުވީ އެ ނިޒާމުގެ ދަށުން ޔަތީމު ކުދިން ބޮޑު ވަންދެން ކޮންމެ އަހަރަކު ޒަކާތް ހައުސް މެދުވެރިކޮށް އެކުދިންނަށް ބޭނުންވާ އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ.
އެކަމާއި ގުޅޭ އިތުރު ތަފްސީލު ޝަޙީމް ދެއްވާފައި ނުވެއެވެ.
ޒަކާތު ފަންޑު އެކުލަވާލުމަށް ފަހު އެ އިދާރާއިން ވަނީ އެހީގެ ގޮތުގައި ފެބްރުއަރީ މަހު 700،000 އަށް ވުރެ ގިނަ ރުފިޔާ ދީފައިއެވެ.
ޣައްޒާއަށް ވެސް އެ ފަންޑުން ވަނީ އެހީތެރިވާން ފަށާފައެވެ.










