

އަންނަ އާދިއްތަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިސް އިންތިހާބަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނޫން ގޮތެއް ހޯދަން ރައްޔިތުން ދޭންޖެހޭ ވޯޓެއްކަމަށް ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.
މީގެ ކުރިން ބާއްވާ އިންތިހާބުތަކުގައި ވާދަވެރިކަން އުފެދިފައި އޮންނަނީ ޕީޕީއެމް އާއި އެމްޑީޕީ އާއި ދެމެދު އެވެ. މިކަމަށް އިޝާރާތް ކުރައްވައި މަލީހު ވިދާޅުވީ މިއީ ދެ ޕާޓީގެ ދެމެދުގައި ބޭއްވޭ އިންތިހާބެއް ނޫންކަމަށެވެ. އަދި މިއީ ރައީސް މުއިއްޒު ނޫން ގޮތެއް ހޯދައި އެމަނިކުފާނު ވަޒީފާއިން ވަކިކުރަން ދޭ ވޯޓެއް ކަމަށް މަލީހު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގައި ރައީސް ހުންނެވީ އެހެން މާސްކެއް އަޅުއްވައި މަކަރު ހައްދަވައިގެން ކަމަށްވެސް މަލީހު ވިދާޅުވި އެވެ. އޭނާ ވަނީ ޑރ. މުއިއްޒުފަދަ ދޮގު ހަދާ މަކަރުވެރިޔަކު ދައުލަތުގެ އެންމެ މަތީ މަގާމުގައި ބަހައްޓަން ހެޔޮނުވާނެކަމަށްވެސް ވިދާޅުވެފަ އެވެ.
އިންތިހާބާއި ދިމާކޮށް ސަރުކާރު މުވައްޒަފުންނަށް ވަޒީފާއިން ވަކިކުރާނެކަމުގެ ބިރު ދައްކަމުން ދާކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. މިކަން ފާހަގަކުރައްވައި މަލީހު ވިދާޅުވީ ދެން ހަވާލުވާ ރައީސަކު މުވައްޒަފުން ވަކި ނުކުރާނެ ކަމަށެވެ.
ރައީސް މުއިއްޒުގެ ވެރިކަމަށް ރައްޔިތުންގެ މެދުގައި އޮތް މަގުބޫލުކަން ވަނީ ވަރަށް ބޮޑަށް ކުޑަވެފަ އެވެ. މިކަމާއި ގުޅިގެން މަޖިލިސް އިންތިހާބަށް ނުފޫޒު ފޯރުވަން ކެނޑި ނޭޅި ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ދާދި ފަހުން މައުލޫމާތު ލިބުނު ގޮތުގައި މިނިވަން ކެނޑިޑޭޓުންނަށް ގުޅައި ސަރުކާރުން ވަނީ ބިރު ދައްކަން ފަށައިފަ އެވެ.