ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިންތިހާބުވެ ތަމްސީލު ކުރައްވާ ސިޔާސީ ޕާޓީން ވަކިވެއްޖެނަމަ މެމްބަރުކަން ގެއްލޭގޮތަށް ފާސްކުރި ބިލު، ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ނުކުރައްވައި ލަސް ކުރައްވަނީ އަންނަ އާދިއްތަ ދުވަހުގެ އިންތިހާބު ކާމިޔާބު ކުރާ އެހެން ޕާޓީތަކުގެ މެމްބަރުން ޕީއެންސީއަށް ގަތުމުގެ ބޭނުމުގައި ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.
ރައީސް ޑރ. މުއިއްޒު އިސްވެ ހުންނަވައި ޕީއެންސީން ނެރުނު 93 ކެނޑިޑޭޓުންގެ ތެރެއިން 30 ވަރަކަށް ކެނޑިޑޭޓުން ނޫން އެއްވެސް ކެނޑިޑޭޓަކު އިންތިހާބު ނުވާނެކަން ސަރުކާރުން ހިސާބު ޖަހާކަމަށް މައުލޫމާތު ލިބެ އެވެ. އެހެންކަމުން މަޖިލީހުގެ މެޖޯރިޓީ ސަރުކާރުން ބޭނުންވާނަމަ އެހެން ސިޔާސީ ޕާޓީތަކުން އިންތިހާބުވާ މެމްބަރުންނާއި މިނިވަން މެމްބަރުން ގަންނަން މަޖުބޫރު ވާނެ އެވެ.
މިކަމަށް އިޝާރާތް ކުރައްވައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުވެސް ވަނީ ވާހަކަފުޅު ދައްކަވައިފަ އެވެ. އެގޮތުން ރައީސް ޞާލިހު ވިދާޅުވީ އެންޓި ޑިފެކްޝަން ބިލު ތަސްދީގުނުރެއްވުމަކީ ޑިމޮކްރަސީއަށް އެޅޭ ހުރަހެއް ކަމަށެވެ. ހާއްސަކޮށް މިފަދަ މުހިންމު ދަނޑިވަޅެއްގައި އެ ބިލު ތަސްދީގު ނުކޮށް ހިފަހައްޓަވަމުން ގެންދަވަނީ ރައީސް މުއިއްޒުގެ އެހެން ބޭނުމެއް އޮވެގެން ކަމަށް ރައީސް ޞާލިހު ވަނީ ވިދާޅުވެފަ އެވެ.
ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސްކުރުމުން 15 ދުވަސް ތެރޭގައި ތަސްދީގު ކުރަން ގާނޫނު ލާޒިމް ކުރެ އެވެ. އެންޓި ޑިފެކްޝަން ބިލުގެ މިމުއްދަތު މާދަމާއަށް ހަމަވާނެ އެވެ. ރައީސް ޞާލިހު ވިދާޅުވީ ރައީސް މުއިއްޒު އުޅުއްވަނީ އެބިލު ތަސްދީގު ނުކުރައްވައި އަލުން އަނބުރާ މަޖިލީހަށް ފޮނުވާލުމަށް ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ބިލު އަނބުރާ ފޮނުވާލިޔަސް އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން އަލުން އެބިލު ފާސްކުރާނެ އެވެ.
އެންޓި ޑިފެކްޝަން ބިލުގައި ވަނީ މެމްބަރުން ޕާޓީ ބަދަލު ކުރާނަމަ އަމިއްލައަށް މެމްބަރުކަމުން އިސްތިއުފާ ދޭން މަޖުބޫރު ކޮށްފަ އެވެ. ރައީސް މުއިއްޒު އިންތިހާބުވިއިރު އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ތިއްބެވި ބައެއް މެމްބަރުން މިހާރު ވަނީ ޕީއެންސީއަށް ސޮއިކޮށްފަ އެވެ. މިއީ ކޮންމެ ރިޔާސީ އިންތިހާބަކަށްފަހު ރާއްޖޭގައި އާންމުކޮށްވެސް ތަކުރާރުވާ ކަމެކެވެ.