March 19, 2026
Advertisement
މަޖިލިސް ރައީސް ފުރާވަޑައިގަތުމަށް ފްލައިޓަށް އަރަނީ.
މަޖިލިސް ރައީސް ފުރާވަޑައިގަތުމަށް ފްލައިޓަށް އަރަނީ. / ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ރައީސް އަސްލަމް ލަންކާއަށް ފުރާވަޑައިގެންފި

Mariyam Isaadha
މަރިޔަމް އިސާދާ
Jan 16, 2024, 02:58 AM
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ރަސްމީ ދަތުރުފުޅެއްގައި ސްރީ ލަންކާއަށް ފުރާވަޑައިގެންފިއެވެ.

Advertisement

އަސްލަމް ލަންކާއަށް ފުރާ ވަޑައިގެންނެވީ މިއަދުގެ ވަގުތެއްގައެވެ.

މި ދަތުރުފުޅާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހިއްސާކުރައްވާ މަޖިލީހުގެ މީޑިއާ ކޮމިއުނިކޭޝަން ޑިރެކްޓަރ ހަސަން ޒިޔާއު ވިދާޅުވީ، މިއީ ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސްގެ ދައުވަތަކަށް މިއަދުން ފެށިގެން މިމަހުގެ 19ގެ ނިޔަލަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްކަމަށެވެ.

ދަތުރުފުޅުގައި ލަންކާގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތްކުރައްވާ, އެތަނުގެ ވެރިންނާ ބައްދަލުކުރައްވާ ޤާނޫނު ހަދާ މަޖިލީހުގެ މަސައްކަތް ބައްލަވާލައްވާނެ ކަމަށާ އަދި ލަންކާގެ ޚާރިޖީ ވަޒީރާއި ސަރުކާރުގެ ބައެއް އިސްވެރިންނާވެސް މަޖިލީހުގެ ރައީސް ބައްދަލުކުރައްވާނެކަމަށް މަޖިލީހުން ހާމަކޮށްފައިވެއެވެ.

މަޖިލީހުގެ ރައީސްގެ އަރިހުގައި ހުޅުމާލޭ ދާއިރާގެ މެންބަރު ޢަލީ ނިޔާޒުއާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމްއާއި މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމްގެ އިތުރުން މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިޔުޝާ ބައިވެރިވެވަޑައިގަންނަވައެވެ.

އަސްލަމް ވަނީ މި މަހުގެ ތިންވަނަ ދުވަހުން ފެށިގެން ހަވަނަ ދުވަހުގެ ނިޔަލަށް ޔޫގަންޑާގެ ވެރިރަށް ކަމްޕާލާގައި ބޭއްވި 27 ވަނަ ކޮންފަރެންސް އޮފް ސްޕީކާސް އެންޑް ޕްރިސައިޑިންގ އޮފިސާސް އޮފް ދަ ކޮމަންވެލްތްގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމަށް ދަތުރުފުޅެއް ކުރައްވައިފައެވެ.

ކޮންފަރެންސްގެ ހަވާސާގައި ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދާ ޔަޕާ އަބޭވަރްދާނާ އާ ބައްދަލު ކުރައްވާފައެވެ. މިބައްދަލުވުމުގައި ފާއިތުވި ތަނުގައި ދެ ގައުމު ދެމެދުގައި އޮތް ގާތްގުޅުން ފާހަގަ ކުރައްވައި، ކުރިއަށް އޮތް ދުވަސްތަކުގައި އެގުޅުން ބަދަހިކޮށް ކުރިއެރުވުމަށް ކުރެވޭނެ ކަންކަމާގުޅޭ ގޮތުން ވާހަކަ ދައްކާފައިވާ ކަމަށް މަޖިލިސް އިދާރާއިން ކުރިން ހާމަކޮށްފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved