އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ނަތީޖާއަކީ މާޔޫސް ކުރުވަނިވި ނަތީޖާއެއް ކަމަށާއި އެހެންނަމަވެސް ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި ދެމިތިބޭނެ ކަމުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީން ބުނެފި އެވެ.
އިންތިހާބުގެ ނަތީޖާތައް ދައްކާ ގޮތުން އެމްޑީޕީއަށް ލިބުނީ މަޖިލީހުގެ 10 ގޮނޑި އެވެ. ސުޕަ މެޖޯރިޓީ ލިބުނީ ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީ އަށެވެ.
މިނަތީޖާއާއި ގުޅޭގޮތުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޕީއެންސީން ހޯދި ކާމިޔާބީއަށް މަރުހަބާ ކިޔާކަމަށެވެ. އަދި ނަތީޖާއަކީ މާޔޫސްކުރުވަނިވި ނަތީޖާއެއް ކަމުގައިވީ ނަމަވެސް، މިއީ، އެމްޑީޕީގެ މެމްބަރުން އަޒުމް އާކޮށް މުޖުތަމައުތަކާ އޮންނަ ގުޅުން ބަދަހިކުރަންވީ ވަގުތު ކަމަށް ވިދާޅުވި އެވެ.
ޑިމޮކްރަސީގެ އަސާސްތައް ރާއްޖޭގައި ހަރުދަނާ ކުރުމަށް ސަރުކާރާ އެކު މަސައްކަތްކުރަން އެމްޑީޕީގެ މެމްބަރުން ތައްޔާރުކަމަށާއި ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ސަރުކާރު ޖަވާބުދާރީ ކުރުމުގައި ދެމިތިބޭނެކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒުގެ އިތުރުން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުވެސް ވަނީ އިންތިހާބުގެ ނަތީޖާއާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވައިފަ އެވެ. އެގޮތުން ވިދާޅުވީ ގައުމަށް ބޭނުންޖެހޭ ކަންކަމުގައި ސަރުކާރު ޒިންމާދާރު ކުރުވާނެ ކަމުގެ ޔަގީންކަން އެމްޑީޕީގެ ފަރާތުން އަރުވާ ކަމަށެވެ. އަދި ޑިމޮކްރެޓިކް އަސާސްތައް ހިމާޔަތް ކުރުމާއިއެކު ގައުމުގެ މަސްލަހަތު ނެގެހެއްޓުމުގައި އެމްޑީޕީ އަބަދުވެސް ދެމި އޮންނާނެކަމަށް ޝާހިދު ވިދާޅުވި އެވެ.
އިއްޔެ ބޭއްވި މަޖިލިސް އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ކެބިނެޓުގައި ހިމެނިވަޑައިގެންނެވި 5 ވަޒީރަކު ވާދަކުރެއްވި އެވެ. އެ 5 ބޭފުޅުންނަށްވެސް ކުރިމަތިވީ ނާކާމިޔާބި އާއެވެ. މީގެ އިތުރުން މަޖިލީހުގައި ތިން ދައުރު ނުވަތަ އެއަށްވުރެއްވެސް ގިނަ ދުވަސް ވަންދެން އެމްޑީޕީ ތަމްސީލު ކުރެއްވި މެމްބަރުން އިއްޔެގެ އިންތިހާބުގައި ވަނީ ބަލިވެފަ އެވެ. އޭގެ ތެރޭގައި 19 ވަނަ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމްއާއި އެމްޑީޕީ ޕީޖީ ލީޑަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވެސް ހިމެނެ އެވެ.